ދައުލަތުގެ ތިން ވުޒާރާއެއްގެ މަސައްކަތު ދާއިރާއަށް ގެނެވުނު ބަދަލުތަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ބަދަލުތައް ގެނެވިފައިވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި، ސިއްޙީ ވުޒާރާއަށެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މި މައްސަލަ ދިރާސާކުރެއްވީ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންނެވެ. ކޮމިޓީން ވަނީ މި ބަދަލުތަކަށް ރުހުން ދިނުމަށް ނިންމަވާފައެވެ.
މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ މަސައްކަތުގެ ދާއިރާގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މަތީ ތަޢުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމާއި، އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމެވެ. މީގެ އިތުރުން، މަތީ ތަޢުލީމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޤައުމީ ސަނަދުގެ އޮނިގަނޑާބެހޭ ކަންކަމާއި މަސައްކަތުގެ މާހައުލުގެ ސިއްޙީ ރައްކާތެރިކަމާބެހޭ ކަންކަންވެސް ހިމެނެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި ޤައުމުގެ ދާޚިލީ ސަލާމަތާއި އަމަންއަމާންކަން ޤާއިމްކުރުމުގެ އިތުރުން، ކުށް މަދުކުރުމާއި ކުށްވެރިން ބެލެހެއްޓުމުގެ ކަންކަން ހިމެނެއެވެ. އަދި އިމިގްރޭޝަންގެ ކަންކަމާއި، ބިދޭސީ ވަޒީފާގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ސައިންސާއި ޓެކްނޮލޮޖީގެ ކަންކަންވެސް މި ވުޒާރާގެ ދަށުން ބެލެހެއްޓޭނެއެވެ.
ސިއްޙީ ވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި ރައްޔިތުންނަށް ސަލާމަތް ސިއްޙަތެއް ލިބިދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަމާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ޚިދުމަތްދޭ ފަރާތްތައް ރެގިއުލޭޓްކުރުން ހިމެނެއެވެ. މީގެ އިތުރުން ކާބޯތަކެއްޗާއި ބޭހާއި ހެލްތު ކްލިއަރެންސް ހޯދަންޖެހޭ ކެމިކަލްތަކާއި ސިއްޙީ އާލާތްތަކުގެ ރައްކާތެރިކަމާބެހޭ އެންމެހާ ކަންކަން ބެލެހެއްޓުންވެސް ހިމެނެއެވެ.