ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުދާ ރައްކާކުރެވޭނެ ސްޓޯރޭޖްތަކެއް ގާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވީ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދެވެ.
ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނި މެދުވެރިކޮށެވެ. "އެކުންފުނި އުފެއްދި ސަބަބަކީ، ރަށްރަށުގައި އެބަހުރި އިޤްތިޞާދީ މަސައްކަތް ނުފެށި ހުރި ހުސްބިންތަކެއް. މިފަދަ ތަންތާގައި އެންމެ ރަނގަޅު ސަރަހައްދުތަކުގައި ބަލްކް ސްޓޯރޭޖް ހެދޭނެ ތަންތަން ބަލާ ކަނޑައެޅުމަށް ރައީސުލްޖުމްހުރިއްޔާ ވަނީ ނިންމަވާފައި،" ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ގާއިމްކުރާ ސްޓޯރޭޖްތައް ހެދުމަށް ހަމަޖެހިފައިވަނީ ޑިއުޓީ ނުނަގާ ސަރަހައްދުތަކުގައެވެ. މިކަމުގެ ސަބަބުން ތަކެތީގެ އަގު ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ބާޒާރުގައި މުދަލުގެ އަގު ހިފެހެއްޓުމަށްޓަކައި މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޚާއްޞަކޮށް ރަމަޟާންމަހާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.