ސެނަހިޔާ ހޮސްޕިޓަލުން 5 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެކްސިން ދިނުމާއި، ހެދިބޮޑުވުން މޮނިޓަރ ކުރުމުގެ ޚިދުމަތް މިއަދު ވަނީ ފަށައިފައެވެ. މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ސިއްޙަތާ ބެހޭ ވަޒީރުގެ ނާއިބު އަހުމަދު ހަމްދާން ނާސިރެވެ.
ކުޑަކުދިންގެ ދުޅަހެޔޮކަމާއި ކުރިއެރުމަށް ބޭނުންވާ ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ފަށާފައިވާ މި ޚިދުމަތުގެ ދަށުން، ރޫޓިން ޝެޑިއުލްގައި ހިމެނޭ ހުރިހާ ވެކްސިނެއްގެ ޚިދުމަތް ސެނަހިޔާ ހޮސްޕިޓަލުން ލިބެން ހުންނާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ.
ސެނަހިޔާ ހޮސްޕިޓަލުން މި ޚިދުމަތް ފޯރުކޮށްދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ހަމައަށެވެ. މި ޚިދުމަތް ލިބިގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ސެނަހިޔާ ހޮސްޕިޓަލާ ގުޅައިގެން އިތުރު މަޢުލޫމާތު ސާފުކުރެވޭނެއެވެ.
މި އައު ޚިދުމަތާއެކު، ރާއްޖޭގެ ކުޑަކުދިންނަށް ވެކްސިން ދިނުމާއި ހެދިބޮޑުވުން މޮނިޓަރ ކުރުމުގެ ޚިދުމަތް ލިބޭނެ ތަންތަން އިތުރުވެގެން ދާނެއެވެ. މިއީ ޚާއްސަކޮށް މާލޭގެ އާބާދީ އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.