ކާޑެއްދޫ އެއަރޕޯޓު ދޫކޮށްލުމަށް ތައްޔާރު: ޤާސިމް އިބްރާހިމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކާޑެއްދޫ އެއަރޕޯޓު ދޫކޮށްލުމަށް ތައްޔާރު: ޤާސިމް އިބްރާހިމް

ސަރުކާރަށާއި ވިލާ އެއަރ ކުންފުންޏަށް ގެއްލުން ނުވާނެ އެއްބަސްވުމެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓު ދޫކޮށްލުމަށް ތައްޔާރުކަމަށް އެ ކުންފުނީގެ ޗެއަރމަން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއީ ވިލާ އެއަރއިން ކާޑެއްދޫ އެއަރޕޯޓު ރަނގަޅަށް ބަލަހައްޓަމުން ނުދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއަށް ހުށައަޅާފައިވާ މައްސަލައަކާ ގުޅިގެން ދެއްވި ބަޔާނެކެވެ.

އިޤްތިޞާދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވި ގޮތުގައި މިހާރު އެއަރޕޯޓު ހިންގަމުންދަނީ ގެއްލުމުގައެވެ. "މަހަކު މިލިޔަނެއްހާ ރުފިޔާ ޚަރަދުކުރަން ޖެހޭ" ކަމަށް ވިދާޅުވި ޤާސިމް، ގެއްލުންވި ނަމަވެސް އެއަރޕޯޓުގައި ކުރަންޖެހޭ މަރާމާތުތައް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

2013 ވަނަ އަހަރު 50 އަހަރުގެ މުއްދަތަށް ވިލާ އެއަރއާ ހަވާލުކުރެވުނު އެއަރޕޯޓުގެ އެއްބަސްވުން 2017 ވަނަ އަހަރު ސަރުކާރުން ބާޠިލުކުރިއެވެ. ނަމަވެސް މިކަމާ ގުޅިގެން ވިލާ އެއަރއިން ކޯޓަށް ހުށަހެޅި މައްސަލައިގައި، އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ހައިކޯޓުން ކަނޑައަޅައި، އެއްބަސްވުން ވަނީ ދަމަހައްޓާފައެވެ.

ޤާސިމް ވިދާޅުވި ގޮތުގައި އެއަރޕޯޓު ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީ ނުކުރެވި ލަސްވަނީ ފައިނޭންސިންގގެ ދަތިތަކާ ހުރެއެވެ. "މިވަގުތު އަޅުގަނޑުމެން މިދަނީ މާމިގިލީ އެއަރޕޯޓުވެސް އިތުރަށް ތަރައްޤީކުރަމުން ވައިޑް-ބޮޑީ އެއަރކްރާފްޓް ޖެއްސޭ ވަރަށް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކާޑެއްދޫ އެއަރޕޯޓު ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކޮށް، ކާޑެއްދޫއާއި ތިނަދޫ ބުރިޖަކުން ގުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. 

މިއަދު އޮންލައިން