މާލެ ސިޓީގެ އަވަށެއް ކަމުގައިވާ ހުޅުމާލޭގެ ގޯތި ނުވަތަ ފްލެޓްތަކަށް ހަދައިދެވޭ އައިޑީ ކާޑުތަކުގެ އެޑްރެހުގައި، އަވަށުގެ ނަން ދިގުކޮށް "ހުޅުމާލެ" ލިޔުމުގެ ބަދަލުގައި ކުރުކޮށް، "ހމ" ޖެހުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ނިންމައިފިއެވެ.
ޑީއެންއާރުން ރޭ އާއްމުކުރި ސަރކިއުލަރގައި ވަނީ، މާލެ ސިޓީ ކައުންސިލުން 2 ފެބުރުވަރީގައި ސިޓީއަކުން އެންގި އެންގުމާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން، މިއަދު (18 ފެބުރުވަރީ) އިން ފެށިގެން ޑީއެންއާރުން ހުޅުމާލޭގެ އެޑްރެސްތަކަށް ދޫކުރާ އައިޑީކާޑު ތަކުގައި ލިޔަމުން ދާނީ، ދިވެހިން ނަމަ "ހމ" އަދި އިނގިރޭސި ބަހުން ނަމަ "HM" ކަމަށެވެ.
މީގެ ކުރިން ހުޅުމާލެ ފިޔަވައި މާލޭގެ ހުރިހާ އަވަށެއްގެ ގޯތި ނުވަތަ ފްލެޓްތަކަށް ހަދައިދެވޭ އައިޑީ ކާޑުތަކުގައި އަވަށުގެ ނަން އެއްކޮށް ލިޔުމުގެ ބަދަލުގައި ލިޔަމުން އަންނަނީ، އެ ވަށެއް ނިސްބަތްވާ އަކުރު، އެޑްރެހުގެ ކުރިއަށް ހިމަނައިގެންނެވެ.
މިއަދުން ފެށިގެން ހުޅުމާލޭގެ އެޑްރެސްތައް ލިޔުމަށް ގެނައި ބަދަލާ އެކުވެސް، ހުޅުމާލޭގެ ރަށްވެހިންނަށް ކުރިން ހައްދައިދީފައިވާ އައިޑީކާޑުތަކުގެ މުއްދަތު ހަމަވަންދެން ކާޑުތައް ބޭނުން ކުރެވޭނެ ކަމަށް ޑީއެންއާރުން ނެރުނު ސަރކިއުލަރގައި ބުނެފައިވެ.
ހަބަރު: ސަރުކާރު