އެކަނިވެރިކަމާ އަތްމަތި ދަތިކަމާ ހިތްދަތިކަމަށް އޮތް ފަރުވާއަކީ ހިތާމަކުރުމާ ކަންބޮޑުވުމެއް ނޫން! ނިކަން މިކަންކަމަށް ވިސްނައި ﷲ ގެ ޜަހްމަތަށް އެދިބަލަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އެކަނިވެރިކަމާ އަތްމަތި ދަތިކަމާ ހިތްދަތިކަމަށް އޮތް ފަރުވާއަކީ ހިތާމަކުރުމާ ކަންބޮޑުވުމެއް ނޫން! ނިކަން މިކަންކަމަށް ވިސްނައި ﷲ ގެ ޜަހްމަތަށް އެދިބަލަ!: މުފްތީ މެންކް

އަހުރެމެންގެ ނަފްސްތަކުގެ މައްޗަށް ހުރިހާ ބާރެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ. ހިތާމަވެރި ޙާލަތެއް ކުރިމަތިވިޔަސް ކަންބޮޑުނުވާށެވެ! އެކަމުގައި އެހެން މީހުން ކުށްވެރިވެސް ނުކުރާށެވެ! އެއީ މީހަކު ދިން އަނިޔާއަކުން މެދުވެރިވި ކަމެއް ނަމަ އެކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.  

އަހުރެމެންނަށް ކުރަން އޮތް ކަމަކީ ކުރިމަތިވި މައްސަލަ ﷲ ތަޢާލާގެ ޙަޟްރަތުގައި ބަޔާންކޮށް ދަންނަވައި ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތަށް އެދުމެވެ. ނުއެދި ހުންނަނަމަ އެމީހަކު އެހުރީ ބޮޑާކަންމަތީގައެވެ. އެއީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ގޮތެވެ!  

ދިމާވި ކަންތަކުގެ ޝަކުވާ ހިފައިގެން ނުހިނގާށެވެ! ސޯޝަލް މީޑިއާގައި ލިޔެ މީސްތަކުންނަށް ބަޔާން ނުކުރާށެވެ. ހިތްދަތި ޙާލެއްގައި އުޅޭކަން އެނގުނީމާ ހަމްދަރުދީވާނީ މަދު މީހެކެވެ. ގިނަވާނީ އުފާކުރާނެ މީހުންނެވެ.  

އެކަން އެނގޭ ގޮތްވެސް ބުނެފާނަމެވެ. މިޘާލަކަށް ތިބާގެ ކަންބޮޑުވުން ސޯޝަލްމީޑިއާގައި ޢާންމުކުރީއެވެ. ގިނަ ބައަކު ކޮމެންޓްކުރާނެއެވެ. ކަންބޮޑުވާކަންވެސް ހާމަކުރާނެއެވެ. އެކަމަކު އެއްވެސް މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭނީ ސަތޭކައަކުން މީހެކެވެ.  

އަންހެނަކު ނަމަ ކޮފީތަކަށް ދަޢުވަތުލިބޭނެއެވެ. ލިބޭ ކޮފީ ތަށިން ނުވަތަ ކާންދޭ ކެއުމަކުން ޙައްލުވާނީ ކޮންކަމެއް ހެއްޔެވެ؟ އިތުރު އެހީއެއް ވެދޭނީ އެމީހުން އެދޭކަމެއް ކޮށްދިނިއްޔާއެވެ. އެހެން ޢިބާރާތަކުން ބުނާނަމަ ފާފައެއް ކުރިއްޔާއެވެ.  

އެއީ ހެޔޮއެދޭ ބައަކު ނަމަ ތިބާ ދަތިޙާލެއްގައިވާކަން އެނގުނީމާ ޚާއްޞަކޮށް ތިބާއަކީ އެކަނިވެރި މައަކު ނަމަ އެމީހުންގެ ގާތަށް ނުގެންގޮސް އެކައުންޓަށް އެންމެ ރިޔާލައެއްވެސް ފޮނުވަންވީ ނޫންހެއްޔެވެ؟ ނޫނީ ބޭނުން ހިފޭނެ އެއްޗެއް ގަނެގެން ގެއަށް ގެންގޮސްދޭންވީ ނޫން ހެއްޔެވެ؟ އެއިރުން ދަރިންނަށްވެސް ކާން ލިބޭނެއެވެ.  

ލޮބުވެތި އުޚުތުންނޭވެ! ހޭލުންތެރިވާށެވެ! ހިތްދަތި ޙާލަތެއް ކުރިމަތިވިޔަސް އެކަނިވެރިޥާން ޖެހުނަސް، އަތްމަތި ދަތިވިޔަސް އެކަން ދުނިޔެއަށް އިޢުލާނުނުކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާށެވެ. ރަހްމަތުގެ ދޮރުކޮޅުތަކުގައި ޓަކިދޭށެވެ! ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން