ކުރިން ރާއްޖެއިންވެސް ފެނިފައި ނުވާފަދަ ނުރައްކައުތެރި ބަލިތައް ރާއްޖެއިންވެސް މިދަނީ ފެންނަމުންނެވެ. އެބައްޔަކަށް ޝިފާއެއް ހޯދިފައި ނުވާ ބަލިތައްވެސް އަންނަނީ ފެންނަމުންނެވެ. އެހެންކަމުން މިގެނެސްދެނީ އެކަމުގެ ސަބަބު އެނގިގެންދާ ލިޔުމެކެވެ. ރައްކައުތެރިކަން ލިބުން އޮތީ ހޭލުންތެރިވެވިގެންނެވެ.
ކުރިން ދުނިޔެއިން ފެނިފައިނުވާ ފަދަ ބޮޑެތި ބަލިތައް މިއަދު ފެންނަމުން މިދާ ސަބަބުތަކަށް ވިސްނައިލާށެވެ. ސައިންސްވެރިންނަށް އަބަދުވެސް އުޅެންޖެހެނީ އެކަންކަން މެދުވެރިވާ ސަބަބު ނުހޯދިގެންނެވެ. ނަމަވެސް އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ވަނީ އެސަބަބު ޙަދީޘްފުޅުކުރައްވަވައިފައެވެ.
އެއީ މީސްތަކުން ފާޙިޝް ޢަމަލުތައް ކުރުމުގައި ޙައްދުފަހަނައަޅައިދިއުމެވެ. ﷲ ތަޢާލާ ކަނޑައެޅިގެން ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރުން ޢާންމުވުމެވެ. އެކަންކަންކުރާ މީހުން ގިނަވުމެވެ. ޚާށއްޞަކޮށް ފާޙިޝް ޢަމަލުތައް ކުރުން ގިނަވުމެވެ.
ކައިވެނީގެ ބޭރުން ޖިންސީ ގުޅުންތައް ހިންގުމަކީ ބޮޑެތި ބަލިތައް ޖެހޭ ސަބަބެއް ކަމާއި އެއިގެ ތެރެއިން ބައެއް ބަލިތަކަށް ޝިފާއެއް ނެތްކަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ. ނަމަވެސް އެކަންކަން މަނާކުރަން ސަރުކާރުތައް ނުކުޅެދިފައިވަނީއެވެ. ޙަޤީޤަތާއި ކުރިމަތިލައި ޙައްޤުބަސް ބުނަން ޖެހިލުންވަނީއެވެ.
އިންސާނުންނަށް އެކަމެއް ކުރުމުން ފައިދާކުރާނެ އެއްވެސް ކަމެއް ކުރުން ﷲ ތަޢާލާ ނަހީކުރައްވަވާފައެއް ނުވެއެވެ. އަދި ނަހީކުރެއްވެވި ކޮންމެ ކަމެއްވެސް ނަހީކުރައްވަވާފައިވަނީ މީސްތަކުންގެ ފައިދާއަށެވެ. ކާފިރުންވެސް އެކަންކަން ޤަބޫލުކުރެއެވެ.
މިޘާލަކަށް ފާޙިޝް ޢަމަލުތައް ކުރުމާއި ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމާއި އޫރުމަސް ކެއުމާއި އޫރުގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާ އުފެއްދުންތައް ބޭނުންކުރުން ފަދަ ކޮންމެ ކަމަކަށް ބެލިނަމަވެސް އެކަންކަން ކުރުމުން އިންސާނުންގެ ޞިއްޙަތަށް ގެއްލުން ލިބުމުގެ އިތުރުން މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ބޮޑެތި ގެއްލުންތައް ލިބޭކަން އެންމެންވެސް ޤަބޫލުކުރެއެވެ. އެކަންކަން ބަޔާންވެސް ކުރެއެވެ.
އިންސާނުންނަށް ފައިދާކުރާނެ ކަންކަމާއި ގެއްލުން ލިބޭނެ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އިންސާނާ އުފެއްދެވި ﷲ ތަޢާލާއެވެ. ވީމާ އަހަރެމެންނަށް އޮތީ އެކަން އެގޮތަށް ބަލައިގަތުމެވެ. ބަހަނާ ދައްކައި ޙަރާމްކުރެއްވެވި ކަންކަން ކުރާނަމަ އެމީހަކަށާއި މުޖުތަމަޢަށްވެސް ދާނީ އެކަމުގެ ގެއްލުންތައް ލިބެމުންނެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން