ކޮންމެ ކައިވެންޏަކީވެސް ރޫޅިދާނެ ކައިވެންޏެކެވެ. އެކަން އަބަދުވެސް ހިތުގައި ބާއްވަން ޖެހޭނެއެވެ. ކިތަންމެ ލޯބިން ދިރިއުޅެވުނަސް ކައިވެނި ނުރޫޅޭނެކަމަށް ޔަޤިންކޮށްގެން ނުތިބޭށެވެ. މިހެން ބުނަން ޖެހޭ ސަބަބުވެސް ބުނެލާނަމެވެ.
ކައިވެނި ރޫޅުމުން އެންމެ ބޮޑްށް ހިތާމަކޮށް، ފުން އަނދަވަޅެއްގެ ތެރެއަށް ވެއޓެވެނީ ކައިވެނި ދުވަހަކުވެސް ނުރޫޅޭނެކަމަށް ޔަޤީންކޮށްގެން ތިބޭ މީހުންނަށެވެ. މީގެ މާނައަކީ ކައިވެނި ރޫޅުމަށް އެދިގެން ހުރުމެއް ނޫނެވެ.
އެއްވެސް މީހަކު މަރުވާކަށް ނުއެދޭނެއެވެ. ނަމަވެސް ތިބެން ޖެހެނީ ކޮންމެ ވަޤުތަކުވެސް މަރުވެދާނެ ކަމަށް ބަލައިގެންނެވެ. އެކަން ޤަބޫލުނުކޮށް ތައްޔާރުނުވެ ހުއްޓައި މަރުވުމުގެ ވަޤުތު އައިސް ބައްދަލުކޮށްފިނަމަ އެމީހަކަށް ގާތީ އާޚިރަތް ގެއްލިގެން ދިއުމެވެ.
ކައިވެންޏާއިމެދުގައިވެސް ދެކެންވީ ހަމަ މިގޮތަށެވެ. އުންމީދުކުރަންވީ އެކުގައި ޢުމުރަށް ދިރިއުޅެވޭނެ ކަމަށެވެ. މަސައްކަތްކުރަމުން ގެންދަންވީވެސް އެކަމަށެވެ. ނަމަވެސް ތިބެންވީ ކޮންމެ ކަމެއްވެސް ކުރިމަތިވެދާނެ ކަމަށެވެ.
މިމައްސަލައަށް ވާހަކަ ދެއްކުމުން "އެހެންވީއިރު ކައިވެނިކުރާއިރު ބަލަންޖެހޭނީ ކޮން ކަމަކަށް؟" ކަމާއިމެދުވެސް ބައެއް މީހުން ސުވާލުކުރެއެވެ. އަހުރެންގެ ޖަވާބު ވަރަށް ސާފެވެ. ކައިވެނި ކުރަންވީ ކައިވެނި ރޫޅެން ދިމާވިޔަސް ތިމާއަށް އަނިޔާވެރިނުވާނެ، އިންޞާފުން ކަންކަން ކުރާނެ ކަމަށް ޤަބޫލުކުރެވޭ މީހަކާއިއެވެ. އޭނާވެސް ނުވަތަ އެގޮތަށް ބަލައިގެން ކައިވެނިކުރީމާވެސް ކައިވެނި ރޫޅޭނަމަ ޙައްލަކީ ކޮބައިތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ ތިބާއަށް ތިއަވަނީ ތިބާގެ ޒިންމާ އަދާކުރެވިފައެވެ. ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން