މިފަދަ ޒަމާނެއްގަ ކައިވެނިނުކޮށް ތިބެން ހެޔޮނުވާނެ! ޝަރުޠުހަމަވާނަމަ އޮތީ އަވަސްވެގަތުން!: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
މިފަދަ ޒަމާނެއްގަ ކައިވެނިނުކޮށް ތިބެން ހެޔޮނުވާނެ! ޝަރުޠުހަމަވާނަމަ އޮތީ އަވަސްވެގަތުން!: ޝައިޚް ޢަލީ ހައްމުދާ

އަޅުގަނޑުގެ ތިބީ 5 އެކުވެރިންނެވެ. އެއީ 5 އަންހެނުންނެވެ. އެތަނުން 2 އެކުވެރިންގެ ކައިވެނި ވަނީ ރޫޅިފައެވެ. ޢުމުރުން އަދި 40 ވެސް ނުވެއެވެ. އެކަމަކު ބުނަނީ 2 ވަނަ ކައިވެނިކުރަން ބޭނުން ނުވާކަމަށެވެ. ސަބަބެއް ކަމަށް ބުނަނީ ކުރިން ކުރަންޖެހުނު ފަދަ ހިތި ތަޖުރިބާއެއް ކުރަން ބޭނުންނުވާކަމަށެވެ. 

އެ 2 އެކުވެރިންނަށް ވިސްނައިދެވޭނެ ނަޞޭޙަތެއް ލިބިދާނެތޯ؟ 

ފުރަތަމަ ކަމަކީ ދެންކުރާ ކައިވެނި މާއުފާވެރިވެ ކުރިން ކުރަންޖެހުނު ތަޖުރިބާ ހަނދާން ނެތިގެން ހިނގައިދާނެ ކަމަކަށް ނުވާނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އިސްލާމް ދީނުގައި އޮތީ ކައިވެނިކުރުމަށް ޝަރުޠުހަމަވާނަމަ ކައިވެނިކުރުމެވެ. ވީމާ ދީނުގައި އޮތްގޮތަށް ޢަމަލުކުރަން ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟ ވާންހުރި ކަންކަމަށް ބިރުގަތުމެއް ނެތެވެ. އޮތީ ﷲ ތަޢާލާއަށް ވަކީލްކޮށް ދިރިއުޅުމާއިގެން ކުރިއަށްދާން މަސައްކަތްކުރުމެވެ. 

ތިރީގައިވާ ލިޔުމުން ވަރަށް ގިނަ މަޢުލޫމާތު ލިބިލައްވާނެއެވެ! އިން ޝާ ﷲ 

ޞަޙާބީންގެ 3 ބޭކަލަކު ވިދާޅުވިއެވެ. 

އެއްބޭކަލަކު ވިދާޅުވީ ރޭގަނޑު އަވަހާރަފުޅު ނުލައްޕަވައި ރޭއަޅުކަންކުރައްވަވާނީ ކަމަށެވެ. ދެވަނަ ބޭކަލަކު ވިދާޅުވީ ކޮންމެ ދުވަހަކު ރޯދަ ހިއްޕަވާނީ ކަމަށެވެ. 3 ވަނަ ބޭކަލަކު ވިދާޅުވީ ކައިވެނިފުޅު ނުކުރައްވަވާނެ ކަމަށެވެ. 

ތަޤްވާވެރިކަމުގެ ގޮތުން އެންމެ މަތިވެރި ދަރަޖަ ލިބިވަޑައިގެން ހުންނަވައި ރަސޫލް ޙަދީޘްފުޅު ކުރެއްވެވީ ތިމަންކަލޭގެފާނު ރޭއަޅުކަން ކުރައްވަވާ ކަމަށާއި އަވަހާރަފުޅު ލައްޕަވާ ކަމަށެވެ. ރޯދަހިއްޕަވާ ކަމަށާއި ނުހިއްޕަވައިވެސް ހުންނަވާ ކަމަށެވެ. އަދި ކައިވެނިފުޅުވެސް ކުރައްވަވާށެވެ. އަދި ތިމަން ކަލޭގެފާނުގެ ސުންނަތަށް ޢަމަލުނުކުރާމީހަކީ ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިންވާ މީހަކު ނޫން ކަމަށެވެ. 

ފާހަގަކޮށްލަން ބޭނުންވަނީ ތިމާއަށް ކައިވެނިކުރެވެން އޮވެމެ ކައިވެނިކުރަން ދެކޮޅުހަދައި ކައިވެނިނުކޮށް ތިބެގެން ނުވާނެ ކަމެވެ. ކައިވެނިކުރެވެން އޮވެމެ ކައިވެނިނުކޮށް ހުންނަން މީހަކު ޤަޞްދުކޮށްފިނަމަ އެއީ ވިސްނައިލަން ޖެހޭނެ ކަމެކެވެ. އެކަން އެނގެނީ މިބަޔާންކުރި ޙަދީޘްފުޅުންނެވެ. 

އަދިވެސް އިތުރަށް ބަލައިލާއިއރު ކައިވެނިކުރުމަށް ކުލަދާނަކަން ލިބިގެންވާނަމަ ކައިވެނިކުރުމަށްވެސް ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. އަދި ކައިވެނިކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާމީހާ ރޯދަހިފުމަށްވެސް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

ކައިވެނިކުރަން މިހައި ބޮޑަށް ބާރުއަޅުއްވަވާފައި އެވަނީ ކައިވެނިނުކޮށް ހުންނަނަމަ ފާޙިޝް ޢަމަލުތަކަށް އަރައިގަނެވިދާނެތީއެވެ. ބެލުންތައް ތިރިނުކުރެވޭނެތީއެވެ.

ދިރިއުޅުމުގައި ޙާލަތު ނިޔާކުރާ ގޮތަކުން ސަބަބުތަކެއް މެދުވެރިވެގެން މީހަކަށް ކައިވެނި ނުކުރެވިފައި ހުންނަން ޖެހުމާއި ޤަޞްދުގައި ކައިވެނިކުރަން ދެކޮޅުހަދައި ކައިވެނިނުކުރަން ހުރުމާއި އެއީ ތަފާތު ދެކަމެކެވެ. 

އެއިރުގެ ޙާލަތާއި މިއަދުގެ ޙާލަތުވެސް ވަރަށް ތަފާތެވެ. ފާޙިޝް ޢަމަލުތައް ކުރަން މިވަނީ ވަރަށް ބޮޑަށް މަގުފަހިވެ ފަސޭހަވެފައެވެ. ޢާންމުވެފައެވެ. ވީމާ މިފަދަ ޒަމާނެއްގައި ކައިވެނިނުކޮށް ތިބެން ހެޔޮނުވާނެއެވެ.

 

- ޝައިޚް ޢަލީ ޙައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން