ނަމާދުގައި އިތުރު ޙަރަކާތްތައް ކުރުމަކީ އެެހން ގޮތެއް ނެތިގެން ނޫނީ ކޮސްގެންވާނެ ކަމެއް ނޫނެވެ.
"ނަމާދަށް ހުއްޓައި ތިމާއަށް އުދަގޫ ވާފަދަ ދަރަޖައަކަށް ތަނެއްހިރުވާނަމަ، އެތަނެއް ކަހާލުމަކީ އިރާދަކުރެއްވިއްޔާ ތިމާގެ ނަމާދަކަށް އުނިކަމެއް އަންނާނެކަމެއްނޫނެވެ.
އެހެންނަމަވެސް ކޮންމެހެން ކަހަން ޖެހިގެން ނޫނީ ގައިގެ ތަންތަން ކެހުންފަދަ ކަންކަންކުރާނަމަ ނަމާދަށް އެކަމުގެ ސަބަބުން އުނިކަން އަންނާނެއެވެ. އަދި ދުރުން ބަލާމީހަކަށް ނަމާދުކުރަންހުރި މީހާގެ މި ޙަރަކާތްގިނަވެގެންގޮސް އޭނާ ހުރީ ނަމާދަށް ނޫންކަމަށް ހީވާ ދަރަޖައަށް މިކަން ކުރާނަމަ، މިކަމުގެ ސަބަބުން އެމީހާގެ ނަމާދު ބާޠިލްވެސް ވެގެންދާނެއެވެ. "
ނަމާދު އަދާކުރަންވާނީ ތިމާއަށް ވެވުނު އެންމެ ޚުޝޫޢަތްތެރިކަމާއި އެކުގައެވެ. والله أعلم
- އަޙްމަދު ނިޡާމް
ނަމާދަށް ޙަރަމް ބަނުމަށްފަހު އެއްއަތް ނަގައި ހެދުން ހެޔޮވަރުކުރުމާ ބޮލުގެ އިސްތަށިގަނޑު ރީތިކުރުމާއި ބޯކެހުމާއި ގައިކެހުން ފަދަ ކަންކަން ޢާންމުކޮށްކުރަމުން ގެންދާ މީހުން އެބައުޅެއެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނައިލަންޖެހޭނެ ކަމެކެވެ. އެކަންކަމުގެ ސަބަބުން ނަމާދު ބާޠިލްވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
ނަމާދަށް ހަރަމްބަނުމަށްފަހުގައިވެސް އެހެން މީހުންގެ ޙަރަކާތްތަކަށް ބެލުން ފަދަ ކަންކަން ބައެއް މީހުން ކުރެއެވެ. އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ބަލަންވީ ސަޖިދަވަޅަށެވެ. އައްތަޙިއްޔާތަށް އިންނައިރު ބަލާނީ ކަނައަތްތިލައަށެވެ.
ކުރާ ނަމާދު އެންމެ ފުރިހަމައަށް ކުރަން މަސައްކަތްކުރަންވާނީއެވެ. ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ފެންވަރަށް ނަމާދުކުރަން މަސައްކަތްކުރަންވާނެއެވެ. ފައިދާކުރާނީ އެއިރުންނެވެ.