އެންމެންވެސް އުޅެނީ ވަޤުތު މަދުވެގެންނެވެ. ކުރަން ބޭނުންވާ ކަންކަން ނުކުރެވިގެންނެވެ. ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއި ކޮށްލުން އެންމެ މުހިންމު ސުވާލަކީ ތިމާއަށް ލިބޭ ވަޤުތުތަކުގައި ކުރެވެނީ ކޮން ކަމަކަށްތޯއެވެ؟ ދުނިޔަވީ ކަންކަމަސް ހޭދަކުރެވޭ ވަޤުތާއި އަދި އާޚިރަތަށް ފައިދާކުރާނެ ކަންކަން ކުރަން ހޭދަކުރެވޭ ވަޤުތާއިމެދުގައެވެ.
ނިކަން ވިސްނައިލަބަލާށެވެ! އަހަރެމެންގެތެރެއިން ގިނަ ބައަކާއި މަރު އައިސް ބައްދަލުކުރަނީ ދިރިއުޅޭނެ ބޮޑު ގެއެއް ނުއެޅިގެން ތެޅި ފޮޅެމުންދަނިކޮށެވެ. ނުވަތަ ކުރަމުންދާ ވިޔަފާރި އިތުރަށް ފުޅައު ނުކުރެވިގެން އަވަދިނެތި މަސައްކަތްކުރަމުން ދަނިކޮށެވެ. ނުވަތަ އެފަދަ ކޮންމެވެސް ދުނިޔަވީ ފައިދާއެއް ހޯދަން މަސައްކަތްކުރަނިކޮށެވެ.
އެކަމުގެ ނަތީޖާއަކަށްވެގެންދަނީ މަރުވުމަށްފަހު ފައިދާކުރާނެ ޢަމަލެއް ނުކުރެވިގެން އުޅެނިކޮށް މަރުވާންޖެހުމެވެ. ވީމާ މަރުވުމުންވެސް ތިމާއަށް ފައިދާކުރާނެ ކަންކަމަކީ ކޮބައިކަން އެބަ އެނގެންޖެހެއެވެ. އެފަދަ ކަންކަންަ ކުރަން މަސައްކަތްކުރަންވެސް ޖެހެއެވެ.
الشيخ عبد البارئ بن عواض الثبيتي (حفظه الله) ވިދާޅުވެފައިވާ ބަސްފުޅުން ޢިބްރަތް ޙާޞިލްކުރަމާހިނގާށެވެ!
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
"إِنَّ مِمَّا يَلْحَقُ الْمُؤْمِنَ مِنْ عَمَلِهِ وَحَسَنَاتِهِ بَعْدَ مَوْتِهِ: عِلْمًا عَلَّمَهُ وَنَشَرَهُ، وَوَلَدًا صَالِحًا تَرَكَهُ، وَمُصْحَفًا وَرَّثَهُ، أَوْ مَسْجِدًا بَنَاهُ، أَوْ بَيْتًا لِابْنِ السَّبِيلِ بَنَاهُ، أَوْ نَهْرًا أَجْرَاهُ، أَوْ صَدَقَةً أَخْرَجَهَا مِنْ مَالِهِ فِي صِحَّتِهِ وَحَيَاتِهِ، يَلْحَقُهُ مِنْ بَعْدِ مَوْتِهِ» [رواه ابن ماجه وحسنه الألباني"
މާނައީ: "ހެޔޮކަންތައްތަކާއި ޢަމަލުތަކުގެ ތެރެއިން މުއުމިނަކު މަރުވުމަށްފަހު އޭނާއަށް އޭގެ ފައިދާ ޙާޞިލުވާނެ ކަންތައްތަކަކީ، އޭނާ އުނގަންނައިދިން އަދި ފަތުރައިދިން ޢިލްމަކާއި، އޭނާ ދޫކޮށްފައިދާ ޞާލިޙް ދަރިއަކާއި، އޭނާ ވާރުތައިގެ ގޮތުގައި ދޫކޮށްފައިވާ ޤުރުއާން މުޞްހަފެއް ނުވަތަ އޭނާ ބިނާކުރި މިސްކިތެއް ނުވަތަ ދަތުރުވެރިންނަށް އޭނާ ބިނާކޮށްދިން ގެއެއް ނުވަތަ އޭނާ ހަދައިދިން ކޯރެއް ނުވަތަ އޭނާ ދުޅަހެޔޮކަމާއެކީ ދިރިހުރެ އޭނާގެ މުދަލުން ނެރުނު ޞަދަޤާތެކެވެ. (މިހުރިހާ ކަމެއްގެ ދަރުމަ) އޭނާ މަރުވުމުން އޭނާއާއި ހަމައަށް ފޯރާނެއެވެ."
ބުއްދިވެރިއަކީ މަރުވުމުގެ ކުރިން އެކަމަށް ތައްޔާރުވާ މީހާއެވެ. އަދި އޭނާގެ ކަށްވަޅުގެ ކަންތައްތަކަށް ތައްޔާރުވާމީހާއެވެ. އަދި އޭނާގެ ޢުމުރު ހެޔޮ ޢަމަލުކުރުމުގައި ހޭދަކުރާމީހާއެވެ. އެއީ ކަށްވަޅަކީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއަކަށް ހެދުމަށެވެ.
އިންސާނާގެ މިޙަޔާތުގެ ދަތުރުގެ މަންޒިލުތައް އާވަމުންދެއެވެ. އަދި މަރުޙަލާތައް ބަދަލުވަމުންދެއެވެ. އޭނާ ދުވަސްވަރެއްގައި އޭނާގެ މަންމަގެ ބަނޑުގައިވެއެވެ. އަދި ދުވަސްވަރެއްގައި ބިންމަތީގައި ވެއެވެ. އަދި ދުވަސްވަރެއްގައި ބިމުގެ ތެރޭގައިވެއެވެ. އެއީ އަލުން ދިރުއްވުމާ ހަމައަށެވެ.
ފެންނަ ފެނުމަށް މިއީ ދިގު ރާސްތާއެކެވެ. ނަމަވެސް މިއީ ވަރަށް އަވަހަށް ނިމިދާ ދަތުރެކެވެ. އަދި ނިމިދިޔުން ގާތުގައިވާ ދަތުރެކެވެ. ފަހެ، ދުނިޔެއަކީ ދިރިތިބި މީހުންނަށް ދިރިއުޅެން އޮތް ތަނެއް ނޫނެވެ. ބުއްދިވެރިން އެތަނުގައި ބަދަލުވަމުންދާ ޙާލަތާއި، މާޒީވަމުންދާ ޢުމުރުތައް ހަނދާންކުރާނެއެވެ. ފަހެ، އޭނާގެ ހިތަށް އަސަރުކުރާނެއެވެ. އަދި މެއަށް މަޑުމޮޅިކަން އަންނާނެއެވެ. އަދި ކޮންމެވެސް ދުވަހެއްގައި ކޮންމެ ދަތުރުވެރިޔަކުވެސް ދާންޖެހޭ މަންޒިލަކީ އޭނާގެ ކަށްވަޅެވެ. އަދި ވަޢުޡެއްކަމުގައި އެތަން ފުދެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން