ކިތަންމެ ތަނަވަސް މީހަކާއި ވާހަކަދައްކައިލި ނަމަވެސް އެނގެނީ އޭނާވެސް ހުރީ ކުރިމަތިވެފައިވާ މައްސަލަތައް ގިނަވެ އެކަންކަމުން ސަލާމަތް ނުވެވިފައި ކަމެވެ. އެހެންކަމަށްވާއިރު ނިކަމެތި މީހުންގެ ޙާލު ހުންނާނެ ގޮތް ހިތަށް ގެންނާށެވެ! ބުނެދޭން މިއުޅެނީ ހުރިހާ މައްސަލަތަކެއްގެ ޙައްލު ލިބެން އޮތް މަގެވެ. އިން ޝާ ﷲ
މުޅި ދުނިޔެއަށް ބެލިނަމަވެސް ދުނިޔެ މިވަނީ މައްސަލަތަކުން ފުރިބާރުވެފައެވެ. ދުނިޔޭގައި ދިރިއުޅޭ އެންމެންނަށް ބެލިނަމަވެސް ކޮންމެ މީހަކުވެސް ދިރިއުޅެމުން އަންނަނީ އެތައް ބައިވަރު މައްސަލަތަކަކާއިއެކުގައެވެ. މީސްތަކުން މިވަނީ މައްސަލަތަކުގެ ތެރޭގައި ތާށިވެ ގުޑައިވެސް ނުލެވިފައެވެ.
އެހެނަސް ދީލަތިވަންތަ ﷲ ތަޢާލާ އަހަރެމެންނަށް އަންގަވާފައިވަނީ ތިމަން ﷲ ގެ ޙަޟްރަތަށް އައުމަށެވެ. މިހިސާބުން އުފެދިދާނެ ސުވާލަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމަކީ ކޮބައިހެއްޔެވެ؟ އެކަންވާނީ މަރުވީމައި ނޫންހެއްޔެވެ؟
ނޫނެކެވެ! އެއީ އަދި ރަނގަޅު މާނައެއް ނޫނެވެ! ﷲ ތަޢާލާ އެއަންގަވަނީ ޢަމަލުތައް އިޞްލާޙްކޮށް އެކަލާނގެ މަގަށް އެނބުރި ރުޖޫޢަވުމަށެވެ. ދެން އުފެދޭނެ ސުވާލަކީ އެއީ ކީއްކުރަން ހެއްޔެވެ؟ އެކަންކުރަންޖެހޭ ސަބަބަކީ ހުރިހާ މައްސަލަތަކެއްގެ ޙައްލުވެސްވަނީ އެކަލާނގެ ޙަޟްރަތުގައި ކަމެވެ. ކޮންމެ ކަމެއްވެސް ޙައްލުކުރެވޭނީ އެކަމަށް ﷲ ތަޢާލާ އިރާދަކުރެއްވެވުމުން ކަމެވެ.
ބުނަން ބޭނުންވަނީ ކިތަންމެ ގިނަ، ކިތަންމެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވީނަމަވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ މަގުން ޢަމަލުތައްކުރަން ފަށާށެވެ! ހެޔޮ ގޮތްތައް އިރާދަކުރައްވަވާނެތެވެ. ކުރިމަތިވެފައިވާ އެންމެހައި ދަތިތަކުން ސަލާމަތްކޮށްދެއްވަވާނެތެވެ. ނަމަވެސް އަހަރެމެންނަށް މިއަދު ކަންކަން މިކުރެވެނީ ކިހިނަކުންހެއްޔެވެ؟
ދަތި އުނދަގޫކަމެއް ކުރިމަތިވެއްޖެނަމަ މިދެވެނީ ﷲ ތަޢާލާ އާއި ދުރަށެވެ. ކުރެވެނީ ނަހީކުރައްވަވާފައިވާ ޢަމަލުތަކެވެ. ބޯހަމަޖައްސައިލުމުގެ ނަމުގައެވެ. ފިކުރުތަކާއި ދުރުހެލިވުމުގެ ބޭނުމުގައެވެ. މާމޮޅު ގޮތެއް ހޯދުމުގެ ވެސް ބޭނުމުގައެވެ.
ވިސްނާށެވެ! ޤަބޫލުކުރާށެވެ! އެކަން އެހެންނަކުން ނުވާނެއެވެ! ﷲ ތަޢާލާ ނަހީކުރެއްވެވި އެއްވެސް ކަމެއް ކޮށްގެން ބޮލަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ފިކުރުތަކާއި ދރުހެލިވެސް ނުވެވޭނެއެވެ. މޮޅު ގޮތެއްވެސް ނުހޯދޭނެއެވެ. އެހެނީ އެކަލާނގެއީ މާލިކުލްމުލްކް އެވެ. އެންމެހައި ކަންކަމުގެ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ ރަޙްމަތުން މެނުވީ އެއްވެސް ޙަޤީޤީ ފައިދާއެއް ނުކުރާނެއެވެ.
ވީމާ ޝައިޠޯނުންގެ ބަސް ޤަބޫލުނުކުރާށެވެ! ﷲ ތަޢާލާ އަހަރެމެންނަށް އަންގަވާފައިވާ ފަދައިން ﷲ ތަޢާލާ އަށް ކިޔަމަންތެރިވެ ވާގިއެދޭށެވެ. މުޅި ދުނިޔެ މައްސަލަތަކުން ފުރިފައިވީނަމަވެސް ތިބާއަށް ސަލާމަތްކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން