ދެމަފިރިންގެ މެދުގަ މައްސަލަތައް ގިނަވާނަމަ އަދި މައްސަލަތައް ޙައްލުނުކުރެވޭނަމަ ކުރިއަށް ގެންދިއުމާއިމެދު ލަސްނުކޮށް އިސްތިޚާރާކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ދެމަފިރިންގެ މެދުގަ މައްސަލަތައް ގިނަވާނަމަ އަދި މައްސަލަތައް ޙައްލުނުކުރެވޭނަމަ ކުރިއަށް ގެންދިއުމާއިމެދު ލަސްނުކޮށް އިސްތިޚާރާކުރަންވާނެ!

ދެމަފިރިންގެ މެދުގައި މައްސަލަތައް ގިނަވަނީއެވެ. ކަންކަން ޙއްލު ކުރެވުމުގެ ބަދަލުގައި އިތުރަށް ހޫނުވަމުން ގޮސް ދެމީހުން ނުވަތަ އެކަކު ފިހޭ ހިސާބަށް ކަންކަން ދަނީއެވެ. މިޙާލަތުގައި ވަރިވާންވެސް ހިތަށް އަރައެވެ. ނަމަވެސް ވަރިއަށް އެދުމަކީ އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ކައިވެނިކުރަނީ ވަރަށް މަތިވެރި މަޤްޞަދެއްގައެވެ. ވަރަށް ގިނަ ބޭނުންތަކެއް ޙާޞިލުކުރުމަށެވެ. ވަރަށް ފޮނި އުންމީދުތަކާއިއެކުގައެވެ. އެހެނަސް ކަންކަން ދިމާވާގޮތުން ކައިވެނިކުރެވުނުމޮޔަ އިޙްޞާޞްކުރަންޖެހުންވެސް މަދެއް ނޫނެވެ. އެޙާލަތުގައި ދިރިއުޅެން ޖެހިއްޖެނަމަ ޙަޔާތުގެ އަގުހުރި ދުވަސްތައް ބޭކާރުކޮށްނުލައި އަވަހަށް އިސްތިޚާރާކުރާށެވެ. ނުކުތް ނަތީޖާއަށް ޢަމަލުކުރާށެވެ.

ތިރީގައި އެވަނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.

އަހަރެމެންނަކީ ކޮލެޖުގައި އެކުގައި ކިޔެވި ވަރަށް އެކުވެރި ކުދިންތަކެއްގެ ތެރެއިން 5 ކުދިންނެވެ. ކައިވެނިކޮށްގެން 3-4 އަހަރުވަންދެން ބައިވެރިޔާ އާއި އެކުގައި ދިރިއުޅުމުންވެސް އުފާވެރިކަމެއް ނުލިބުނު 5 ކުދިންނެވެ. 5 ކުދިންނަށް ވެސް ފިރިންގެ ކިބައިން ދިމާވެފައިވަނީ ދާދި އެއްޒާތެއްގެ މައްސަލަތަކެކެވެ. އެހާލަތުގައި 5 ކުދިންވެސް ނިންމީ އިސްތީޚާރާ ނަމާދުކުރުމަށެވެ.

އިސްތިޚާރާ ކުރުމުން 4 ކުއްޖަކަށް ވިސްނުނީ ބައިވެރިޔާ އާއި ވަކިވުން ރަނގަޅުކަމުގައެވެ. އެކުދިން އެހިސާބުން އަމިއްލައަށް އެދިގެން ކައިވެނި ރޫޅައިލީއެވެ. ނުހަނު ފަސޭހައިން ދެވަނަ ކައިވެނިކުރެވޭނެ މަގު ފަހިވެ އެކުދިން ބޭނުންވާފަދަ އުފާވެރިކަން ލިބުނެވެ. އަހަރެންވެސް ހިމެނުނީ ކައިވެނި ރޫޅައިލި ކުދިންގެ ތެރޭގައެވެ.

5 ވަނަ ކުއްޖާއަށް ވިސްނުނީ ކައިވެނީގައި އަދި ކެތްތެރިވެލުމަށެވެ. ކެތްތެރިވެލުމުން ލަސްތަކެއް ނުވެ ފިރިމީހާގެ ޢަމަލުތައް ބަދަލުވެ ދިރިއުޅުމަށް އުފާވެރިކަން ލިބުނެވެ.

އަހަރެމެން ދުޢާކުރީ މިފަދައިންނެވެ. ދުޢާ އެކުލަވައިލީ 5 ކުދިން އަމިއްލައަށެވެ. އަދި މިދުޢާކުރަމުން އައީ ސުންނަތުގައި ވާރިދުވެގެންވާ ދުޢާކުރުމުގެ އިތުރުންނެވެ.

އަހަރެމެން ކުރި ދުޢާ:

"ޔާ ﷲ! މިއަޅާއަށް ހަމަ އެއްވެސް ކަމެއް ނޭނގެއެވެ. ހުރިހާ ކަމެއްވެސް ދެނެވޮޑިގެންވަނީ ހަމައެކަނި އިނބަ ﷲ އެވެ. މިއަޅާގެ ޙަޔާތުގައި ކުރިމަތިވި ކަންކަން މިއަޅާއަށްވުރެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް ހަމަ އިނބަ ﷲ އެވެ.

މިއަޅާގެ ފިރިމީހާގެ ކިބައިން މިއަޅާއަށް ކުރެވުނު ތަޖުރިބާގެ މައްޗަށް މިއަޅާއަށް ވިސްނޭ ގޮތުން އޭނާ އާއިއެކު އިތުރަށް ދިރިއުޅުމަކީ މިއަޅާއަށް ލިބޭ ބޮޑު އަނިޔާއެކެވެ. އޭނާގެ ކިބައިން ލޯބި ނުލިބޭއިރު ދުވަހަކުވެސް ހިނިތުންވުމެއްވެސް ލިބިފައެއް ނުވެއެވެ. މިއަޅާ ހެޔޮ އަމަލުތައް ކުރަން އޭނާގެ އެހީތެރިކަމެއް ހިތްވަރެއްވެސް ނުލިބެއެވެ. އޭނާ ޤަވާއިދުން ފަރުޟު އަދާކުރާތަނެއްވެސް ނުފެނެއެވެ. މި ސަބަބުތަކަށްޓަކައި އޭނާ އާއިއެކު އިތުރަށް ދިރިއުޅުމަށް މިއަޅާ ބިރުވެތިވަމެވެ.

ޔާ ﷲ! މިއަޅާގެ ފިރިމީހާ އާއިއެކުގައި މިއަޅާ އިތުރަށް ދިރިއުޅުމާއިމެދު މިއަޅާއަށް ގޮތެއް ނިންމުމުގެ ކުޅަދާނަކަން މިއަޅާއަށް މިންވަރުކުރައްވަވައި ދެއްވަވާނދޭވެ! އަދި މިއަޅާއަށް ފައިދާހުރި ގޮތަކަށް އަމަލުކުރުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވާނދޭވެ! އާމީން"

--ނަސީމާ ޚާން- /ލާހޫރު ޕާކިސްތާން

މިއަދު އޮންލައިން