ރޭއަޅުކަންކުރަން ހޭލަން ބޭނުންވިޔަސް ނުހޭލެވޭނަމަ ނިކަން މިމަގުން ޢަމަލުކޮށްބަލަ! ހޭލަން ފަށޭހަވެގެންދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ރޭއަޅުކަންކުރަން ހޭލަން ބޭނުންވިޔަސް ނުހޭލެވޭނަމަ ނިކަން މިމަގުން ޢަމަލުކޮށްބަލަ! ހޭލަން ފަށޭހަވެގެންދާނެ!

އަޅުގަނޑަކީ ނިދިގަދަ މީހަކީމެވެ. އެހެންވެ ސޯނާ ކުރިޔަސް ނުހޭލެވޭތީ މިއުޅެނީ ރޭއަޅުކަން ކުރަން ފެށޭނެ ގޮތެއް ނުވެގެންނެވެ. މިޙާލަތުގަ ޢަމަލުކުރެވިދާނެ ރަނގަޅު ގޮތެއް ބުނެދީބަލަ!

ކިޔުންތެރިޔާއަށް ފުރަތަމަވެސް ބުނެލަން އޮތީ ރޭއަޅުކަން ކުރަން ފެށުމުގެ ޝައުޤުވެރިކަން ހުރުމަކީ އެކަން ކުރެވޭނެ މަގު ދައްކަވާނެ ސަބަބެއް ކަމަށް ޢިލްމްވެރިން ބަޔާން ކުރައްވައެވެ. ވީމާ ތިރީގައިވާ ލިޔުމުގައި އޮތް މަގުން ނިކަން ޢަމަލުކުރައްވަބައްލަވާށެވެ! މަގުފަހިވާނެއެވެ. އިން ޝާ ﷲ

ދީނުގައި ކަންކަން ކުރަންއޮތީ ތަރުތީބަކުންނެވެ. އަދި ކަންކަން ކުރެވޭނެ މަގު އެކި ގޮތްގޮތަށް ފަހިކޮށްދެއްވަވާފައިވަނީ އެންމެންނަށް އެއްގޮތަކަށް ޢަމަލުކުރަން އުނދަގޫވެދާނެތީއެވެ. އެގޮތުން ބަލާއިރު އެވެނި މީހަކު ވިތުރި ކުރަނީ ނިދާފައި ހޭލައިގެން ކަމަށްވާތީ ތިމާވެސް ކުރަންޖެހޭނީ އެގޮތަށް ކަމަށް ނުދެކޭށެވެ.

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ދަމުނަމާދަށް ތެދުވަން ބޭނުންވާނެ މީހެކެވެ. ދަމުނަމާދުކުރަން ބޭނުންވާނެ މީހެކެވެ. ނަމަވެސް ނިދުމުގެ ވައްޓަފާޅި ގެންގުޅެވޭގޮތުންނާއި ތަޤްވާވެރިކަން ކުޑަކަމުން ނުހޭލެވެނީއެވެ. އަދި މިފަދަ ގިނަބައެއްގެ އެންމެ ބޮޑު އެއް މައްސަލައަކީ ވިތުރިވެސް ނުކޮށް ނިދަންތިބޭކަމެވެ.

ބައެއް މީހުން ބުނެއެވެ. "އަހަރެން ވިތުރިކުރަން ބޭނުންވަނީ ދަމުނަމާދުކުރުމަށްފަހުގައެވެ. އެގޮތް ބޭނުންވަނީ ސުންނަތުގައި އޮތީ ވިތުރިއަކީ ރޭގަނޑުކުރާ އެންމެ ފަހު ނަމާދުކަމުގައި ހެދުމަށް ކަމުގައިވާތީއެވެ."

މިފަދަ މީހުންގެ ސަމާލުކަން އެހެރީ އެ ޙަދީޘްފުޅަށެވެ. "ވިތުރި ނުކޮށް ނުނިދަން އަބޫހުރައިރަތުގެފާނަށް ރަސޫލް ﷺ ވަޞިއްޔަތް ކުރެއްވެވިކަން އެމީހުންނަކަށް ނުއެނގެއެވެ. ނުވަތަ އެޙަދީޘްފުޅު ހަނދާނަކު ނުހުރެއެވެ.

ކޮންމެއަކަސް މިރޭ ބުނެލަން ބޭނުންވަނީ ދަމުނަމާދަށް ހޭލަން ޝައުޤުވެރިވާނަމަ ފުރަތަމަ ކަމަކަށް ނިދުމުގެކުރިން ވިތުރިކުރަން ފަށާށެވެ! އެއިރުން ރޭއަޅުކަމުގެ ފުރަތަމަ ބައި އެފުރިހަމަކުރެވުނީއެވެ. އެބައި ފުރިހަމަކުރަން ފެށުމުން އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުން އިތުރުވާން ފަށާނެއެވެ. އިސާހިތަކު ދަމުނަމާދަށް ހޭލެވެން ފަށާނެއެވެ. އިން ޝާ ﷲ

އަދިވެސް ވިސްނައިލާށެވެ! ދަމުނަމާދަށްފަހު ކުރަން އޮތީ ވިތުރިގެ އެއް ރަކްޢަތެވެ. ވީމާ އިރާކޮޅު އެމީހަކު ބޭނުންވަރަކަށް ކޮށްފައި އެންމެ ފަހު ރަކްއަތް ދަމުނަމާދަށްފަހު ކުރަން ބޭއްވިދާނެއެވެ.

ޢިޝާ ނަމާދަށްފަހު ނިދުމުގެ ކުރިން ވިތުރިކުރަން އުނދަގޫވާނަމަ ޢިޝާ ނަމާދުގެ ރަވާތިބު ސުންނަތަށްފަހުގައި ވިތުރިކުރަންފަށާށެވެ! ފަހުން މޮޅަށް ކުރުމުގެ ނިޔަތް އޮވެ، ނުކުރެވުމުން ލިބޭ ދެރަ މާބޮޑެވެ. ވީމާ ފުރަތަމަ ފިޔަވަޅު ފުރަތަމަ އަޅާށެވެ! އެއިރުން ﷲ ތަޢާލާ އެމީހަކަށް ގިނަ ހެޔޮ ގޮތްތައް މިންވަރުކުރައްވަވައި ދެއްވަވާނެތެވެ. އަޅުކަންކުރުމުގައި ހީވާގިވުމުގެ ހިތްވަރުވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން