އެއްވެސް ދެމީހަކީ އެއްގޮތް މީހުންނެއް ނޫނެވެ. ކޮންމެވެސް ތަފާތުތަކެއް ހުންނާނެއެވެ. މައިންގެ ތެރޭގައިވެސް އެފަދަ މައިންވެސް ތިބޭނެއެވެ. ހެޔޮލަފާ މައިންނާއި އެނޫން މައިން ވެސް ތިބޭނެއެވެ.
ހަމައެއާއިއެކު ކޮންމެ މީހަކަށްވެސް ޙައްޤުވެގެންވާ ދަރަޖަ ދެއްވަނީ އެމީހަކީ މަންމައަކަށް، ބައްޕައަކަށް ނުވަތަ އެނޫންވެސް މީހަކަށްވުމަކުންނޭވެ. އެމީހާ އަދާކުރަންޖެހޭ ވާޖިބު އަދާކުރި ވަރަކުންނެވެ.
އެއްވެސް ކުއްޖަކު ދުނިޔެއަށް އުފަންވަނީ އެކުއްޖަކު ބެނުންވާ މައެއްގެ ބަނޑަކުންނޫނެވެ. އެކުއްޖަކު އުފަންވުމަށް ﷲ ތަޢާލާ އިޚްތިޔާރު ކުރެއްވެވި މައިމީހާގެ ބަނޑުންނެވެ. ހަމަ އެއާއިއެކު ދަރިން ހޯދުމަކީވެސް އެއްވެސް ދެމަފިރިއެއްގެ އެއްވެސް އަމިއްލަ ބާރެއް ހިނގާ ކަމެއް ނޫނެވެ. އެބާރު ދެމަފިރިންނަށް ލިބިގެންވާނަމަ ދަރިން ނުލިބިގެން އެތައް މިލިއަން ދެމަފިރިންނަށް އުޅޭކަށް ނުޖެހޭނެ ނޫންހެއްޔެވެ؟
އެނގިގެން މިދަނީ ދަރިން ހޯދުމާއި ދަރިން ލިބުމަކީ ދެވަނަ ފަރާތެއްގެ އެއްވެސް ބާރެއް އޮތްކަމެއް ނޫންކަމެވެ. އެނގި ޔަޤީންމިވަނީ ކޮންމެ މީހެއްގެވެސް މައިން ބަފައިންނާއި ޢާއިލާ، އަދި ގާތް ތިމާގެ މީހުން ކަނޑައަޅުއްވަވަނީ ﷲ ތަޢާލާކަމެވެ.
ސުވަރުގެ ވަނީ މައިމީހާގެ ފައިތިލަ ދަށުގައި ކަމަށް ބުނެވެއެވެ. އެއީ މިޘާލު ބަހެކެވެ. ނަމަވެސް އެއީ ކޮންމެ މައެއްގެ އެއް ނޫނެވެ. ކޮންމެ މަންމައަކީ އެހައި ރަނގަޅު، އެފަދަ މަޤާމާއި ދަރަޖަ ޙައްޤު މަންމައެއް ނޫނެވެ. ވަރަށް ނުބައި މަންމައިންވެސް އުޅެއެވެ. އަހަރެންނަށް އެނގޭ އެފަދަ މައެއްގެ ވާހަކަ ކިޔައިދޭނަމެވެ. ލިބުނު އެއް ދަރިފުޅަކީ އެހެން ދަރިންހައި ދޮން އަދި ސިފަ ރީތި ކުއްޖަކަށް ނުވުމުން ވިހެއުމަށްފަހު ފުރަތަމަ އުޅުނީ ކުއްޖާ އެއްލައިލާށެވެ. ތަޤްދީރު ނިޔާކުރި ގޮތުން އެކަން ކުރެވޭނެ ގޮތެއް ނުވިއެވެ.
ކުއްޖާ އައީ ބޮޑުވަމުންނެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟ ކޮންމެ ކަމެއްގައިވެސް ކުއްޖާ ބެހެއްޓީ ބާކީ ކޮށް ދުރުކޮށްފައެވެ. ގޭގައި ޕާޓީއެއް ބޭއްވި ނަމަވެސް ކުއްޖާ ބަހައްޓަނީ ވަކިން ކަނެއްގައެވެ. ގެއިން ބޭރަށް ދިއަ ނަމަވެސް ކުއްޖާއަށް ހިނގަން ޖައްސަނީ އެހެން ކުދިންނާއި ވަކިންނެވެ.
މިފަދަ މައިންނަކީ އެހެން މީހުންގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ މީހެކެވެ. އެހެނީ އޭނާއަށް އެދެވެނީ ރަނގަޅު މިސްރާބަކުން ނޫނެވެ. ކުރިއަށް އެދެވެނީ ނަރަކަ އާއި ދިމާއަށެވެ.
ލިބޭ ދަރިންގެ ސިފަ އާއި ކުލަ ކަނޑައަޅަނީ އެ ކުއްޖަކު އަމިއްލައަކަށް ނޫނެވެ. އެކަންކަން މިންވަރު ކުރައްވަވަނީ ﷲ ތަޢާލާއެވެ. ކޮންމެ އިންސާނަކުވެސް ﷲ ތާޢާލާ ދުނިޔެއަށް ފޮނުއްވަވަނީ އެންމެ ފުރިހަމަ ސިފައިގައެވެ. އެކުއްޖަކު ހުރުމަށް ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ ސިފައިގައެވެ. ނަމަވެސް ބައެއް މައިންބަފައިންނަށް ދަރިފުޅުގެ ކުލަ އާއި ސިފަ މިވަނީ އެންމެ މުހިންމު ކަންކަމަށެވެ.
މީހާގެ މޮޅުކަމާއި ޚުލްޤް ރަނގަޅުކަން އަދި ތަޤްވާވެރިކަން ވަނީ އެމީހެއްގެ ބޭރުފުށުގެ ސިފައިގައެއް ނޫނެވެ. އެކަންކަމަކީ ބޭރުފުށުގެ ސިފައާއި އެއްވެސް ގުޅުމެއް ހުރި ކަންކަމެއް ނޫނެވެ. ގައިގެ ކުލަ ކިތަންމެ ކަޅު ނަމަވެސް ރީތި މީހުންވެސް ބައިވަރެވެ. އަދި އަޚްލާޤާއި ތަޤްވާވެރިކަމުގައި ދޮން އަދި ސިފަ ރީތި މީހުންނަށްވުރެ މާކުރީގައިވެސް އެބަތިއްބެވެ.
އެންމެ ހިތާމަހުރި ކަމަކީ ތިމާމެންގެ އަމިއްލަ ބަނޑުން ވިހާ ދަރިންނަށް ތިމާމެން ތަފާތުކުރާ ކަމެވެ. ރީތި ދޮން ކުދިން ތިބާއަށް ދެއްވަވަނީ ވެސް ﷲ ތަޢާލާއެވެ. ގައިގެ ކުލަ ތަފާތު އަދި ސިފަ ތަފާތު ކުދިން ދެއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ކޮންމެ ކުލައެއްގައި އަދި ކޮންމެ ސިފައެއްގައި ހުރި ނަމަވެސް ދަރިންނަށް ތަފާތު ކުރުމަކީ ވަރަށް ބޮޑު ފާފައެކެވެ. އެކަމުގެ ސަބަބުން ހަމަ ނަރަކައަށް ވެސް ދާންޖެހިދާނެހައި ނުބައި ކަމެކެވެ. ވީމާ މައިން ބަފައިން މިކަންކަމަށް އިތުރަށް ވިސްނައި ހޭލުންތެރިވުމަށް ވަޞިއްޔަތް ކުރަމެވެ.
މައިން ބަފައިންގެ ހާލު މިގޮތަށް ހުރި ނަމަވެސް ދަރިންނަށް ވަޞިއްޔަތް ކުރާނީ ބޮޑުވުމުން ބަދަލު ނުހިފުމަށެވެ. ކީރިތި ޤްރުއާނުގައި ﷲ ތަޢާލާ އަންގަވާފައިވާ މަގުން މައިން ބަފައިންނާއިމެދު ކަންކަން ކުރުމަށެވެ. އެއިރުން ތިބާ ހުންނާނީ ރަނގަޅު ގޮތުގައެވެ. ތިބާއަށް ދާނީ ގިނަ ގުނަ ސަވާބާއި ދަރުމަ ލިބެމުންނެވެ.
މުފްތީ މެންކުގެ ދަރުސަކުން