ކިތަންމެ ގަދައަށް ރުޅިއަޔަސް އެމީހަކާ ސުވަރުގެއިން ބައްދަލުވާން ބޭނުން ނޫންކަމަށް ބުނަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކިތަންމެ ގަދައަށް ރުޅިއަޔަސް އެމީހަކާ ސުވަރުގެއިން ބައްދަލުވާން ބޭނުން ނޫންކަމަށް ބުނަން ހެޔޮނުވާނެ!

ކޮންމެ މީހެއްގެ ކިބައިގައިވެސް ކޮންމެވެސް މިންވަރަކަށް ރުޅިވެރިކަން ހުންނާނެއެވެ. އެކި މީހުންގެ ކިބައި ހުންނާނީ އެކި މިންވަރަށެވެ. އެންމެ މުހިންމު ކަމަކީ ރުޅި އައުމުން ކޮންޓްރޯލްކުރަން މަސައްކަތްކުރުމެވެ. ޚާއްޞަކޮށް ދުލުން ނުބައި ބަސްތައް ނުބުނަން މަސައްކަތްކުރުމެވެ.

ބައެއް މީހުން ރުޅިއައުމުން ވަރަށް ފަސޭހައިން ބުނެއުޅެއެވެ. ތިބާ ދެން އިތުރަށް ދެކެންވެސް ބޭނުމެއް ނޫނެވެ. އަދި ސުވަރުގެއިން ވެސް ތިބާ ދެކެންވެސް ބޭނުމެއް ނޫނެވެ. ތިމާ އެމީހަކު ގޮވައިގެން، އެމީހެއްގެ އަތުގައި ހިފައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރަންޖެހޭނެ، ތިމާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށްވެސް މިފަދަ ބަސްތައް ބުނެވޭކަމީ ވަރަށް ދެރަވަރު ކަންތަކެވެ.

މިފަދަ ބަސްތައް ބުނާ މީހުންނާއި ކޮށްލަން ބޭނުންވާ ފުރަތަމަ ސުވާލަކީ ތިބާއަށް ސުވަރުގެ ލިބޭނެ ކަމުގެ ގަރަންޓީ ދިނީ ކާކުހެއްޔެވެ؟

ރަނގަޅަށް ވިސްނާށެވެ! އެފެންވަރަށް ރުޅިއަންނަނަމަ ތިބާއަކީ ޝައިޠޯނާގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. ޝައިޠޯނާ އެވަނީ ތިބާ ވަރަށް ވަރުގަދައަށް ކަސްތޮޅު އަޅުވައިފައެވެ.

ދެވަނަ ކަމަކީ ސުވަރުގޭގައި އެއްވެސް ރުޅިވެރިކަމެއް އަދި ހަސަދަވެރިކަމެއް ނުވެއެވެ. ވީމާ އެއްވެސް މީހަކަށް އެހެން މީހަކު ދެކެ ރުޅިއައިސް ހަސަދަވެރިވުމެއް ސުވަރުގެއަކު ނުވެއެވެ. އެންމެން ތިބޭނީ އިންތިހާއަށް އުފަލުގައެވެ. ﷲ ތަޢާލާ މަތިވެރިކުރުންމަތީގައެވެ. އެހެންކަމަށްވާއިރު ތިބާ ދާން ތިއަ އުޅެނީ އަހަރެމެން މުސްލިމުން ދިއުމަށް އުންމީދުކުރާ ސުވަރުގެއަކަށް ނޫނެވެ. އެހެން ކޮންމެވެސް ތަނަކަށެވެ.

ނަޞޭޙަތަކީ ރުޅި ކޮންޓްރޯލްކުރުމެވެ. ރުޅިއައި ނަމަވެސް ދުލުން މިފަދަ ނުބައި ބަސްތައް ނުބުނުމެވެ. އެކަކު އަނެކަކަށް މާފުކުރމުގައި ދެމިތިބުމެވެ. އެކުގައި ދިރިއުޅެވެން ނެތް ޙާލަތަކަށް ކަންކަން ހިނގައްޖެ ނަމަ ދެމަފިރިން ވަރިވި ނަމަވެސް އެކުވެރިކަމާއިއެކު އެކަން ކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން