ކައިވެނި ކުރުމަށްފަހުގައިވެސް ބައިވެރިޔާއަށް ސިއްރުން ނުވަތަ އޭނާގެ ނުރުހުމުގައި ކުރީގެ ލޯބިވެރިޔާ އާއި ނުވަތަ ކުރީގެ ބައިވެރިޔާއާއި ގުޅުން ބާއްވާ ބައަކު އުޅެއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.
ގިނަ މީހުން އެކަން ކުރަނީ ދެމީހުން އަލުން ގުޅުމުގެ ނިޔަތަކުވެސް ނޫނެވެ. ކުރީގައި އޮތް ގުޅުން ކޮންމެވެސް ސިފައެއްގައި ދެމެހެއްޓުމުގެ ބޭނުމުގައެވެ. އެކަމަކު މިއީ ކިތަންމެ ރަނގަޅު ނިޔަތެއްގައިވެސް އެގޮތަށް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.
އެބާވަތުގެ ކަންކަން ކުރާނަމަ ބައިވެރިޔާއަށް އަބަދުވެސް ހުންނަން ޖެހޭނީ ޝައްކެއްގެ ތެރޭގައެވެ. ޓެންޝަނުގައެވެ. ނަތީޖާއަކަށްވާނީ އިތުބާރު ގެއްލި ފޫހިވެ މައްސަލަތައް ޖެހި ކައިވެނި ރޫޅެން މެދުވެރިވުމެވެ.
އަނެކާ ހުރީ ހުހަށްކަމަސްވާނަމަ އެކަމުގައި އޭނާއަށް މައްސަލައެއް ނެތިދާނެއެވެ. ނަމަވެސް އޭނާގެވެސް ބައިވެރިއަކު ހުރިނަމަ އެކަން އޭނާއަށްވެސް މައްސަލައަކަށްވާނެއެވެ. ކުރިން މިބުނި މައްސަލަތައް އޭނާއަށްވެސް ކުރިމަތިވާނެއެވެ.
އެހެނެއްކަމަކު ދެމީހުންގެ ބައިވެރިންވެސް އެފަދަ ގުޅުމަކަށް ރުހޭނަމަ އެއީ ަމއްސަލައަކަށްނުވެވެސް ކުރިއަށް ގެންދެވިދާނެއެވެ. ނަމަވެސް ނުރުހޭނަމަ އެކަން ވާނީ ވަރަށް ބޮޑު މައްސަލައަކަށެވެ. ގިނަ ބައިވެރިން އެފަދަ ގުޅުމަކަށް ނުރުހޭނެއެވެ.
އަހުރެން ބުނާނީ މިހާރު ކުރިއަށް ގެންދާ ޙަޔާތަށް ގެއްލުންވާނެ މިފަދަ ކަންކަން ހަމައެކަކުވެސް ނުކުރާށެވެ! އަނބިމީހާކަމަށްވީނަމަވެސް އަދި ފިރިމީހާކަމަށްވީނަމަވެސްމެއެވެ. ކައިވެނިކުރުމަށްފަހު އޮތީ ބައިވެރިޔާ ނުރުރުހޭ ކަންކަން ނުކުރުމެވެ. އުފާވެރިކަމާއިއެކު ދިރިއުޅެވޭނީ އެއިރުންނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅެއް