"ދުނިޔޭގެ އެންމެ ރީތި އަންހެނާއަށްވެސް އަހުރެންގެ ކުރިމަތީގައި އަހުރެންގެ 60 އަހަރުވީ އަނބިމީހާއަށްވުރެ ރީތި ނުވެވޭނެ ސަބަބުތައް އެނގުނީމަ އެންމެންވެސް އޭނާގެ ވާހަކަ ޤަބޫލުކުރާނެ!" ކަމަށް ބުނަމުން އޭނާ ކިޔައިދިން ވާހަކަ:
ބުނަންހެއްޔެވެ؟ އަހުރެންގެ އަނބިމީހާއަށް މިހާރު 60 އަހަރެވެ. އެކަމަކުވެސް ދުނިޔޭގެ އެންމެ ރީތި އަންހެނާއަށްވެސް އަހުރެންގެ ކުރިމަތީގައި އަހުރެންގެ އަނބިމީހާއަށްވުރެ ރީތި ނުވެވޭނެއެވެ. ދުނިޔޭގެ ރީތީގެ ރާނީ އައިސް އަހުރެންގެ ކުރިމަތީގައި ހުއްޓުނަސް އަހުރެންނަށް ރީތިވާނީ އަހުރެންގެ އަނބިމީހާއެވެ!
ސަބަބަުތައް މިކިޔައިދެނީއެވެ. ކައިވެންޏަށް 40 އަހަރެވެ. މިހައި ދުވަހު އެކީގައި މިއުޅެވުނީ އަހުރެންނަށްޓަކައި އަހުރެންގެ އަނބިމީހާ ހާދަގިނަ ކަންތައްތަކެއް ކޮށްދީ ހާދަ ބޮޑެތި ބުރަތައް އުފުލިތީއެވެ. ކުރު މުއްދަތެއް ނޫނެވެ. މިދައްކަނީ 40 އަހަރުގެ ވާހަކައެވެ.
ދެވަނަ ސަބަބަކީ އަހުރެންގެ 5 ދަރިން ވިހައިދީފިއެވެ. އެކަން ކޮށްދިނީ ހާދަ ބޮޑެތި ވޭންތަކެއް އުފުލައިގެންނެވެ. އަދި އެވަރަކުންވެސް ފުއްދައިލީއެއް ނޫނެވެ. އެކުދިން ބަލައިދީ ބޮޑުކުރީ ހާދަ ގިނަމަސައްކަތްތަކެއް ކޮށްދީގެންނެވެ.
ތިންވަނަ ކަމަކީ މިއަދު އަތްމަތި ތަނަވަސް ނަމަވެސް ހާދަ ދަތިޙާލުގައިވެސް އުޅެންޖެހުނެވެ. އެކަމަކު ދުވަހަކުވެސް އެއްވެސް ޝައުވާއެއް ނުކޮށް އަހުރެންނާއިއެކު ކެތްތެރިވެދިނެވެ.
ހަތަރުވަނަ ކަމަކީ މިއަދު އަނބިމީހާއަށް 60 އަހަރު ނަމަވެސް އެހެން މީހުންނަށް ބަލައިލަން ކަމުނުދިއަނަމަވެސް ކައިވެނިކުރީ ޢުމުރުން 20 އަހަރުގައެވެ. އެއިރު އަނބިމީހާ ހާދަ ޒުވާންވެފައި ހާދަ ރީއްޗެވެ. ހާދަބައަކު ޝައުޤުވެރިވެ ކަޅިއެޅިއެވެ. އެކަމަކުވެސް އެއިން އެއްވެސް މީހަކަށް ބަލައިވެސް ނުލައި އަހުރެންނާއި އެކު ނުހަނު ލޯބިން ދިރިއުލެދިނީތީއެވެ.
ފަސްވަނަ ކަމަކީ ދެމީހުން ކައިވެނިކުރީ އެހައި ޒުވާން ޢުމުރުގައި ކަމަށްވުމުން އަހުރެންނަށްވެސް ހާދަ ގިނަ ކުށްތަކެއް ކުރެވުނެވެ. އެހުރީހާ ކަންކަމަށް ދީލަތިކަމާއިއެކު މާފުކޮށްދިނީތީއެވެ.
ބުނަން ހެއްޔެވެ؟ އަނބިމީހާގެ ޢުމުރުން ދުވަސްވުމުން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން އަނބިމީހާގެ ސިފައަށް ބަދަލު އައިމަ އަނބިމީހާ ރީތިނުވެގެން އުޅެން ތިއަ ޖެހެނީ އަނބިމިހާގެ ފަރާތުން ލިބުނު މިކަންކަމަށް ނުވިސްނާތީއެވެ. ވިސްނާނަމަ އަނބިމީހާއަށް ރީތި ހަމައެންމެ އަންހެނަކުވެސް މުޅިދުނިޔެއިންވެސް ނުފެންނާނެއެވެ.
ޢަޖުމަ ބަލައިލަންވެސް ނިކަން މިވިސްނުމުން އަނބިމީހާއާއިމެދު ވިސްނަން ފަށައިބަލާށެވެ! ހަމަ އަހުރެން ފަދައިން ވިސްނޭނެއެވެ. އިން ޝާ ﷲ
(ވާހަކަ: މިއަދުނޫހުގެ ކިޔުންތެރިއެއް)