ބަރުޒަޚުގެ ޢާލަމްގައި ހޭދަކުރަންޖެހޭ ދުވަސްތަކުގައި އެހެން މީހުންނާއި ބައްދަލުވެ ވާހަކަ ދައްކައި އުޅެވުމާއިބެހޭ ގޮތުން ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންވެ އަހުރެންނަށް އެނގޭ މިންވަރުން ޖަވާބުދޭނަމެވެ.
ކީރިތި ޤުރްއާނުގެ މާނައަށް ބަލައިފިނަމަ މަރުވުމުން އެއްވެސް މީހަކާއި ބައްދަލުކުރެވި ވާހަކަ ދެއްކޭނެކަމަށް ނުވަތަ ނޫންކަމަށް ސީދާ ޢިބާރާތަކުން އެނގެން ނެތްނަމަވެސް ބައެއް އާޔަތްތަކުން ޢިލްމުވެރިން އެކަމަށް ދަލީލު ނަންގަވައެވެ. އެއިގެ ތެރެއިން އެއް އާޔަތަކީ ނިސާ ސޫރަތުގެ 69 ވަނަ އާޔަތެވެ. އެއާޔަތުގައިވަނީ:
"ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، ﷲ އެބައެއްގެ މައްޗަށް ނިޢްމަތް ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ." މިފަދައިންނެވެ.
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިއާޔަތުން އެނގިގެންދަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވީ އަޅުން މަރުވުމުން އެންމެމާތް ބޭކަލުންނާއިއެކުގައިވާނެކަމެވެ. އެމީހުން އެމާތްބޭކަލުންނާއި އެކުގައިވާނީ ހަމައެކަނި ބަރުޒަޚުގެ ޢާލަމުގައެއް ނޫނެވެ. ދުނިޔޭގައާއި ބަރުޒަޚުގެ ޢާލަމްގައާއި އަދި އާޚިރަތް ދުވަހުގައިވެސްމެއެވެ. އެހެނީ ޤިޔާމަތް ދުވަހު އެމީހަކުވާނީ އެމީހަކު އެންމެ ލޯބިވީ ބައަކާއިއެކުގައެވެ.
އަދި އާލްއިމްރާން ސޫރަތުގެ 169 ވަނަ އާޔަތުގައި ވަހީކުރައްވަވާފައިވަނީ މިފަދައިންނެވެ.
"ﷲ ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވީ މީހުންނަކީ، މަރުވެފައިވާ ބައެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ރިޒުޤްލިބޭ ޙާލް، ދިރިތިބި ބަޔެކެވެ." މިފަދައިންނެވެ.
މީގެ އިތުރުން ހެޔޮލަފާއަޅުން މަރުވުމުން އެމީހުންގެ ފުރާނަ (ރޫޙް) ކުރިން މަރުވެފައިވާ ހެޔޮލަފާ މީހުންގެ ރޫޙްތަކާއި ބައްދަލުވާނެ ކަމާއި އެވެނި މިވެނި މީހަކު ކޮބައިތޯ ސުވާލުކުރާނެކަން ޞަޙީޙް ޙަދީޘްފުޅަކުން އެނގެން އެބައޮތެވެ.
މީސްތަކުންނޭވެ! ދުނިޔޭގައި ހެޔޮލަފާ މީހުންނާއިއެކުގައި އުޅެންވީވެސް ހެޔޮލަފާ ޢަމަލުތައްކުރުންމަތީގައި ދެމިހުންނަންވީވެސް ހަމަ މި ސަބަށްޓަކައެވެ. ކައްވަޅުގައިވެސް އާޚިރަތްދުވަހުގައިވެސް އުފަލުގައިވުމަށްޓަކައެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން