މިއަދުގެ ޙާލަތަށް ބަލައިފިނަމަ ތަޤްވާވެރިވުމަކީ ޙަޔާތަށް ބައިވެރިން ލިބުން ފަސޭހަވުމަށް އޮތް ހުރަހެއް ކަމަށްވެސް ބުނެވިދާނެއެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ ހުރަހަކަށް އެވަނީ ޒަމާނީ ބައިވެރިން ނުލިބުމަށެވެ. އެފަދަ ބައިވެރިއަކު ލިބުނަސް ގިނަ ފަހަރު އޮންނާނީ ހިތާމަކުރަންޖެހިފައެވެ.
ތަޤްވާވެރިކަމުގައި ޘާބިތުވެލާށެވެ! އެއިރުން ﷲ ތަޢާލާ ދުނިޔޭގައިވެސް ދެއްވަވާ ބައިވެރިޔާ މާފުރިހަމަވާނެއެވެ. އަދި ސުވަރުގޭގައި ޙޫރަލްޢީނުން ތިބާއަށް އިންތިޒާރުކުރާނެއެވެ! އިން ޝާ ﷲ
ފިރިހެނުންނަށްޓަކައި ސުވަރުގޭގައި ޙޫރުލްޢީނުން ވާކަމަށް ޛިކުރުކުރެވިފައިރު ފަހެ އަންހެނުންނަށް އޮތީ ކޮންކަމެއްތޯ ގިނަބައަކު ސުވާލުކުރެއެވެ.
ސުވަރުގޭގެ ނިޢުމަތާ ބެހޭގޮތުން ﷲ – تبارك وتعالى – ވަޙީކުރައްވާފައިވެއެވެ.
نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ ﴿٣١﴾ نُزُلًا مِّنْ غَفُورٍ رَّحِيمٍ﴿٣٢﴾ [سورة فصلت ]
މާނައީ: "ތިމަންބޭކަލުންނީ ދުނިޔޭގެ ޙަޔާތުގައްޔާއި، އާޚިރަތުގައި ތިއަބައިމީހުންގެ އެހީތެރިންނެވެ. ތިއަބައިމީހުންގެ ނަފްސުތައް އެދޭހާކަމެއް އެދުވަހުން، ތިއަބައިމީހުންނަށްޓަކައިވެއެވެ. އަދި ތިއަބައިމީހުން ދަންނަވާހާކަމެއް ތިއަބައިމީހުންނަށްވެއެވެ. [31] ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ. [32]”
އަދިވެސް އެއިލާހު ވަޙީކުރެއްވާފައިވެއެވެ.
﴿… وَفِيهَا مَا تَشْتَهِيهِ الْأَنفُسُ وَتَلَذُّ الْأَعْيُنُ وَأَنتُمْ فِيهَا خَالِدُونَ ﴾[سورة الزخرف ٧١]
މާނައީ: "…އަދި އެތާނގައި ހިތްއެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތިވެއެވެ. އަދި ތިޔަބައިމީހުން އެތާނގައި ދެމިތިބޭނެއެވެ."
ނަފްސުތައް އެންމެ ބޮޑަށް އެދޭ އެއްކަމަކީ ކައިވެނިކުރުންކަމީ އެންމެންނަށްވެސް ރަނގަޅަށް އެނގޭ ކަމެކެވެ. ފަހެ ސުވަރުގޭގައި ފިރިހެނެއްކަމުގައި ވިޔަސް އަދި އަންހެނެއްކަމުގައިވިޔަސް އެކަން [އެބަހީ: ކައިވެނިކުރުން] ޙާޞިލުވާނެއެވެ. ފަހެ އަންހެނަކުނަމަ، ދުނިޔޭގައި އުޅުނުއިރު އޭނާގެ ފިރިމީހާއާ ކައިވެނިކޮށްދެއްވާނެއެވެ. އެއީ ﷲ – تبارك وتعالى – ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ الَّتِي وَعَدتَّهُمْ وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴾ [سورة غافر ٨]
މާނައީ: "އަޅަމެންގެ رب އެވެ. އެއުރެންނަށް އިބަރަސްކަލާނގެ ވަޢުދުކުރައްވާފައިވާ ދެމިހުންނަނިވި ސުވަރުގެތަކަށް އެއުރެން ވައްދަވާނދޭވެ. އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބީންނާއި، އެއުރެންގެ ދަރިންކުރެ ޞާލިހު މީހުންނާ އެކުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ."
އޭނާ ދުނިޔޭގައި ކައިވެނިނުކުރާނަމަ ފަހެ ހަމަކަށަވަރުން އޭނާ ހިތްހަމަޖެހޭފަދަ މީހަކާ – ﷲ تعالى – އޭނާގެ ކައިވެނިކޮށްދެއްވާނެއެވެ.
ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޢުޘައިމީން رحمه الله
فتاوى أركان الإسلام / ص: ١١٦ / طبعة: دار الثريا للنشر
- މަސްދަރު: ދިސަލަފިއްޔާ