ހިނދުކޮޅަކަށް ނަމަވެސް ރަޙިމުގެ ގުޅުން ނުކަނޑާށެވެ! ހިނދުކޮޅަކަށް ނަމަވެސް ﷲ ތަޢާލާ ރުހިވޮޑި ނުގެންފިނަމަ ވާނެ ގޮތަށް ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ހިނދުކޮޅަކަށް ނަމަވެސް ރަޙިމުގެ ގުޅުން ނުކަނޑާށެވެ! ހިނދުކޮޅަކަށް ނަމަވެސް ﷲ ތަޢާލާ ރުހިވޮޑި ނުގެންފިނަމަ ވާނެ ގޮތަށް ބިރުވެތިވާށެވެ!

ކޮންމެ ކަމަކަށް ޢަމަލުކުރުމުގައިވެސް ބަލަން އޮތީ އެކަމެއްގައި ﷲ ތަޢާލާ އަންގަވާފައިވާ ގޮތެވެ. އެގޮތުން ބަލާއިރު ހިނދުކޮޅަކަށް ނަމަވެސް ރަޙިމުގެ ގުޅުން ކެނޑުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ. ބިރުވެތިވާންވީ ހިނދުކޮޅަކަށް ނަމަވެސް ﷲ ތަޢާލާ ތިމާއަށް ރުހިވޮޑިނުގެންފިނަމަ ތިމާގެ ޙާލާއިމެދުގައެވެ. އެއިރުން ތިމާއަށް ކުރިމަތިވެދާނެ ކަންކަމާއިމެދުގައެވެ.

ކޮންމެ މީހަކުވެސް ވިސްނަން ޖެހޭނެ ކަމަކީ އެމީހެއްގެ މައިންބަފައިންނާއި ރަޙިމުގެ ގުޅުން ބާއްވައި ދަމަހައްޓަންޖެހޭ މީހުން ކަނޑައަޅަނީ އަމިއްލައަށް ނޫންކަމެވެ. އެކަން ކުރައްވަވަނީ ﷲ ތަޢާލާ ކަމެވެ.  

މުޅި ދުނިޔޭގައިވާ އެންމެންނަށް ބެލިނަމަވެސް އެމީހަކު ބޭނުންވި މައިމީހާގެ ބަނޑުން އުފަންވެވުނު މީހަކުވެސް އަދި އެމީހަކީ ތިމަންނާގެ ބައްޕަ ކަމުގައި ވާން ބޭނުންވެގެން ބައްޕަކިޔަން ޖެހުނު ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެނެއް ނޫނެވެ. މައިންބަފައިންގެ ރަނގަޅުކަމުން އެމީހުންގެ ދަރިންކަމުގައި ވެވުނީތީ އެކަމަށް ފަޚުރުވެރިވާ މީހުން ތިބޭނެއެވެ. އެއީ މުޅިންތަފާތު ދެކަމެކެވެ.  

ކޮންމެއަކަސް ބުނަން ބޭނުންވަނީ ރަޙިމުގެ ގުޅުން ބާއްވައި އެކަން ދަމަހައްޓަންޖެހޭ އެއްވެސް މީހަކާއި އެގުޅުން ހިނދުކޮޅަކަށް ނަމަވެސް ކަނޑައިލުމުގެ ހުއްދަ ލިބިގެންނުވާ ކަމެވެ. ކަނޑާލައިފިނަމަ އެކުރެވެނީ އެކަމެއް ނުކުރަން ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާ ކަމެކެވެ. 

ރަޙިމުގެ ގުޅުން ބާއްވަންޖެހޭ މީހެއްގެ ޢަމަލުތައް ހުންނަ ގޮތުން އޭނާ އާއި ގާތްގުޅުމެއް ބޭއްވެން ނެތްނަމަ ދުރުހެލިވެވިދާނެއެވެ. ނަމަވެސް އޭނާއަށް ހެޔޮކޮށް ހިތަންވާނެއެވެ. އޭނާއަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވާންވެސްވާނެއެވެ. މިޘާލަކަށް ފައިސާ ދިނުމުން ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަމަށް ޚަރަދުކުރާނަމަ، އިސްރާފްކުރާނަމަ ފައިސާ އަތަށް ނުދޭނީއެވެ. އެއީ އޭނާ އިޞްލާޙްކުރުމަށްޓަކައެވެ. އަތަށް ފައިށާނުދީ އޭނާގެ ބޭނުންތައް ފުއްދައިދޭނީއެވެ.  

ބައެއް ޙާލަތްތަކުގައި ދެވޭ ނަޞޭޙަތް ޤަބޫލުނުކުރާތީ އަނގައިން ނުބުނެ އެބަތިބެއެވެ. އެއީ ރަނގަލު ގޮތެއް ނޫނެވެ. އެއިރުން އޭނާއަށް ހެޔޮ ނަޞޭޙަތްދޭނީ ކާކުހެއްޔެވެ؟ އަދި އެއިރުން އޭނާއަކީ ޝައިޠޯނާގެ އަޅަކަށް ހަދަން ޝައިޠޯނާއަށް ފުރުޞަތުވެސް ބޮޑުވެގެންދާނެއެވެ.   

ވިސްނާށެވެ! އެންމެ ދެބެއިން ތިބިނަމަވެސް ޚިޔާލުތަފާތުވެދާނެއެވެ. ޢާއިލާތަކުގައި ގިނަބައަކު ތިބޭނަމަ ޚިޔާލުތަފާތުވާ މީހުން ގިނަވެސްވާނެއެވެ. އެކި ގޮތްގޮތަށް އުޅޭ މީހުންވެސް ތިބޭނެއެވެ. ޢާއިލާގައި އެފަދަ މީހުން ތިބުމަށް މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ. އެއީ ތިބާ އިމްތިޙާންކުރެއްވެވުމަށް ކަމަށް ދެކޭށެވެ.  

މިއަދު ބައެއް މީހުންނަށް މިކަންކަމެއް ނުވިސްނެއެވެ. އަމިއްލައަމިއްލައަށް ގޮތް ނިންމައި ދާދިކުޑަކުޑަ ކަންކަމާއި ފުޅިގެންވެސް ރަޙިމުގެ ގުޅުން އެބަ ކަނޑައިލައެވެ. އެއްގޮތަކަށްވެސް އެކަން ނުކުރާށެވެ. ނުބައިކޮށް ކަންކަންކުރާ އަޚުންނަށް މާފުކުރާށެވެ. އޭނާގެ ކިބައިން ލިބުނު ގެއްލުމަށް ނުބަލާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ކުރާނެ ފައިދާ މާބޮޑުވާނެކަން ޔަޤީންކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން