ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނާނެއެވެ. ސޯޝަލް މީޑިއާގައިވެސް ވަނީ އެގޮތެވެ. އެހެންވެ ދީނީ މަޢުލޫމާތު އިތުރުކުރަންވެސް ސޯޝަލް މީޑިއާގެ ބޭނުން ހިފިދާނެއެވެ. ޢަޤީދާ ފަނާކޮށްލައި ފާފަވެރިވާންވެސް ބޭނުންކުރެވިދާނެއެވެ.
ސޯޝަލް މީޑިއާއިން ފެންނަ ޞައްޙަކަން ޔަޤީންވާ ދީނީ މަޢުލޫމާތު އުނގެނި ބޭނުންކުރާށެވެ! އަދި ފަތުރާށެވެ! ތިމާގެ ކިބައިގައި ދީނީ ޢިލްމް ރަނގަޅަށް ނެތްނަމަ މީހުން ބުނެފައި ހުންނަ ޥާހަކަތަކަށް ރައްދުނުދޭށެވެ. އެކަން ދީނީ ޢިލްމްވެރިންނަށް ދޫކޮށްލާށެވެ. އަދި ޔަޤީންނުވާ މަޢުލުމާތެއް ފެނިއްޖެނަމަ ދީނީ ޢިލްމްވެރިއަކާއި ޙިއްޞާކޮށް ޔަޤީންކުރާށެވެ!
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އަހަރެން ބައިވެރިވި ބައްދަލުވުމެއްގައި ވާހަކަފުޅު ދއްކަވަމުން ޢިލްމުވެރިއަކު ވިދާޅުވިއެވެ. "އަހުރެންވެސް ކޮންމެ ދުވަހަކު ޓިކްޓޮކް ބަލަމެވެ. ކަލޭމެންވެސް ކޮންމެ ދުވަހަކުވެސް ޓިކްޓޮކް ބަލަން ވަޤުތުކޮޅެއް ހޭދަކުރާށެވެ."
އެ ޝައިޚާއި އެކަނި ބައްދަލުވުމުން އަހައިލީމެވެ. "ޓިކްޓޮކުން ބައްލަވަނީ ކޮން އެއްޗެއްތޯ؟" އެވެ. ޖަވާބުގައި ވިދާޅުވިއެވެ. "ދީނީ ވަރަށް ގިނަ މަޢުލޫމާތު ލިބެއެވެ. ދަރުސްދޭންވެސް އެ މަޢުލޫމާތު ބޭނުންކުރަމެވެ."
މިއީ ހަމަ ޙަޤީޤަތެކެވެ. ޓިކްޓޮކްގައިވެސް ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތަކުގައިވެސް ދީނުގެ ވަރަށް ގިނަ މަޢުލޫމާތުހުރެއެވެ. ކިޔެވިނަމަވެސް އަހަރެމެންގެ ހަނދާނުން ފިލާފައިވާ ބައެއް މުހިންމު ވާހަކަތައްވެސް ހުރެއެވެ. ވީމާ ސޯޝަލް މީޑިއާ ބެލުމާއި ބޭނުންކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ.
މައްސަލައަކަށް މިވަނީ ސޯޝަލް މީޑިއާގައި ހުންނަ އަހުރެމެން މުސްލިމުން ފާފަވެރިވާ، އަހުރެމެންނަށް ގެއްލުން ލިބޭ ވާހަކަތައް ކިޔައި ބަލައިހެދުމުންނެވެ. ވީމާ ސަމާލުކަންދޭންވީ ތިމާ ބަލައި ކިޔާ އެއްޗަކަށެވެ. އެކަމުން ތިމާއަށް ދުނިޔެއާއި އާޚިރަތުގައި ފައިދާކުރާނެ ގޮތަށް ކަންކަން ކުރުމަށެވެ.
- މުފްތީ މެންކުގެ ދަރުސަކުން