5 ކައުންސިލަކުން 7 ފަޅުރަށެއް ހޯދުމަށް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
5 ކައުންސިލަކުން 7 ފަޅުރަށެއް ހޯދުމަށް ހުށަހަޅައިފި

މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި، ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރެއްވުމުގެ އުސޫލުގެދަށުން އިތުރު 5 ކައުންސިލަކުން 7 ރަށެއް ހޯދުމަށް ހުށައަޅާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ފަޅުރަށްތައް ޕްރޮޕޯސަލް ހުށައަޅައިގެން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ފަހި ފުރުސަތުގައި މިހާތަނަށް 3 ކައުންސިލަކުން 4 ފަޅުރަށް ހޯދާފައިވާ ކަމަށެވެ.

މިގޮތުން ފަޅުރަށްތައް ހަވާލުކުރެވުނު ކައުންސިލްތަކުގެ ތެރޭގައި ރ. އިނގުރައިދޫ ކައުންސިލާއި، ދ. އަތޮޅު ކައުންސިލްގެ އިތުރުން ލ. މާވަށު ކައުންސިލް ހިމެނެއެވެ. މި ކައުންސިލްތަކާ ފަޅުރަށްތައް ހަވާލުކުރެވިފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ.

ސަރުކާރުން މި އުސޫލު ތަޢާރަފުކޮށްފައިވަނީ ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކޮށް، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައެވެ. މި އުސޫލުގެ ދަށުން ކައުންސިލްތަކަށް ފަޅުރަށްތައް ހަވާލުކުރެވެނީ އެ ރަށްތައް ތަރައްޤީކޮށް، އާމްދަނީ ހޯދޭނެ ގޮތްތައް ހުށަހެޅުމުންނެވެ.

އިތުރު 5 ކައުންސިލަކުން 7 ރަށެއް ހޯދުމަށް ހުށަހަޅާފައިވުމަކީ މި އުސޫލަށް ކައުންސިލްތަކުން ދެއްކި ޝައުޤުވެރިކަމުގެ ހެއްކެކެވެ. މި ހުށަހެޅުންތައް މިހާރު ވަނީ ދިރާސާކުރުމުގެ މަރުހަލާގައެވެ.

މިއަދު އޮންލައިން