ދުނިޔޭގެ އިޖްތިމާޢީ ޢަދާލަތުގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބެއްގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވެފައިވަނީ އިޖްތިމާޢީ ޢަދުލަކީ ސުލްޙަވެރި ފާގަތި ޤައުމެއްގެ މައިގަނޑު އަސާސްކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިކަން ސާބިތުވަނީ މަސައްކަތްތެރިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ޔަޤީންކުރުމަށާއި، ހުރިހާ ދާއިރާއެއްގައިވެސް މިންތީގެ ހަމަހަމަކަން އިތުރުކުރުމަށާއި، މުޖުތަމައުގެ ބައިވެރިވުމާއި މަޝްވަރާގެ ތެރެއިން ރަނގަޅު ވަޒީފާގެ ފުރުޞަތުތައް ރައްޔިތުންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުންނެވެ.
މިއަސާސްގެ މައްޗަށް ބިނާވާ މުޖުތަމަޢެއް އުފެއްދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމާއެކު، ޒުވާނުންގެ ހުނަރާއި ޤާބިލުކަން ޒަމާނާއެއްވަރަށް ތަރައްޤީކުރުމަށް ސަރުކާރުން އަޒުމު ކަނޑައަޅާފައިވާކަމަށް ވިދާޅުވިއެވެ.
"އިޖްތިމާޢީ ޢަދުލުވެރިކަން ހޯދައިދިނުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއްނޫން. މިކަން ހާސިލުކުރުމަށްޓަކައި މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކާއި، މަދަނީ މުޖުތަމަޢާއި އަދި ކޮންމެ ރައްޔިތެއްގެ ބައިވެރިވުން މުހިންމު،" ވަޒީރު ވިދާޅުވިއެވެ.
އަދި ހަމައެއާއެކު، މިންތީގެ ހަމަހަމަކަން ކުރިއެރުވުމާއި، އެކަހެރިވެ ބާކީވެފައިވާ ކުދި މުޖުތަމަޢުތައް ބާރުވެރިކުރުވުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީއާއި، މޫސުމީ ބަދަލުތަކަށް ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރުން މެދުކެނޑުމެއްނެތި ވަކާލާތު ކުރަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.