ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސްރީ ލަންކާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި، އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް ވިޖީތާ ހެރަތުއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތު، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އަދި ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
ދެ ޤައުމުގެ ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށްޓަކައި، އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުމަށް އެއްބަސްވުންތައް ޤާއިމްކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. އަދި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފެންވަރުގައި ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށްވެސް އެއްބަސްވެވުނެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ، "ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ސްރީ ލަންކާއިން ފޯރުކޮށްދޭ އެހީތެރިކަން" ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިކޮށް، އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމުގައި ބެލެވެއެވެ.