ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ޕީޕީއެމް-ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙްއާއެކު މުހިންމު ބައްދަލުވުމެއް ބާއްވައި، މަޖިލީހަށް ހުށަހެޅުމަށް ހުރި ސަރުކާރުގެ ބިލުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، މިއީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދައުރެއްގެ ކުރީކޮޅު އާންމު އުސޫލުން ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. އަދި މީގެ ކުރިންވެސް މިފަދަ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ޕީ.އެން.ސީގެ ޕީ.ޖީ ލީޑަރު އިބްރާހީމް ފަލާޙްއާއެކު ބައްދަލު ކުރައްވާފައި.
— Heena Waleed (@MvSpokesperson) February 20, 2025
މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި…
ފާހަގަކޮށްލެވޭ ގޮތުގައި، މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރިޔާސީ ބަޔާން އިއްވެވުމުގައި ރައީސް މުޢިއްޒު ވަނީ ޤާނޫނުއަސާސީއަށް މުހިންމު އިސްލާޙުތަކެއް މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަކީ ސަރުކާރުގެ އެޖެންޑާ ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުގެ އެއްބާރުލުން ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. ސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހަށް ހުށަހަޅާނެ ބިލުތަކާއި އިސްލާޙުތަކުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.