މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓުމަށް ސަރަހައްދީ ޤައުމުތަކުގެ އެއްބާރުލުން ބޭނުންވޭ: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓުމަށް ސަރަހައްދީ ޤައުމުތަކުގެ އެއްބާރުލުން ބޭނުންވޭ: ވަޒީރު ޝިޔާމް

މަސްވެރިކަމުގެ ސިނާޢަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ސަރަހައްދީ ޤައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ މި މަހުގެ 20 އިން 22 އަށް ކުރިއަށްދާ ވިލާ ނޯޓިކާގައި ބޭއްވި ބޭ އޮފް ބެންގާލް ޕްރޮގްރާމުގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބޭ އޮފް ބެންގާލް ޕްރޮގްރާމަކީ ބަންގާޅު ކަނޑުގެ ސަރަހައްދުގެ ޤައުމުތައް ހިމެނޭގޮތަށް މަސްވެރިކަމުގެ ސިނާޢަތުގެ ދެމެހެއްޓެނިވިކަމަށް މަސައްކަތްކުރާ ޤައުމީ ފެންވަރުގެ ޖަމުޢިއްޔާއެކެވެ. މި ބައްދަލުވުމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި ބޭ އޮފް ބެންގާލް ޕްރޮގްރާމް ގުޅިގެން، ކުދި މަސްވެރިކަމުގެ ސިނާޢަތްތަކުގެ މަސްވެރިކަން ބެލެހެއްޓުމުގައި ވެށި އިސްކުރުމުގެ ސިޔާސަތު ބައްޓަންކުރުމަށް ބާއްވާ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެކެވެ.

ވަޒީރު ޝިޔާމް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަނީ ދެމެހެއްޓެނިވި މަސްވެރިކަމެއް އޮތުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އަދި ރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަން ކުރަމުންދާ ޤައުމަކަށްވާއިރު، ބީއޯބީޕީ ޖަމާޢަތުން ދިވެހިރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

"ދިވެހިރާއްޖޭގައި ވަކިން ހާއްސަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމުގައި ކަނޑުމަތީގައި މިހުރިހާ ކަންކަމަށް އަޅުގަނޑުމެން އެކަނި މަސައްކަތްކޮށްގެންނެއް ހައްލެއް ނުއެއް ހޯދޭނެ" ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ސަރަހައްދުގެ އެކި ޤައުމުތަކުގެ މަސްވެރިކަމާބެހޭ ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އަދި ސަރަހައްދީ ޤައުމުތަކުން މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި ދެއްވާ އެއްބާރުލުން ފާހަގަކޮށް، ސަރަހައްދުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރެވޭނީ ޤައުމުތަކުގެ އެއްބާރުލުން ލިބިގެންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން