ރާއްޖޭގެ އިޤްތިޞާދު މިއަހަރު 5 އިންސައްތަ ކުރިއަރާނެ: އައިއެމްއެފް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރާއްޖޭގެ އިޤްތިޞާދު މިއަހަރު 5 އިންސައްތަ ކުރިއަރާނެ: އައިއެމްއެފް

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދު މިއަހަރު 5 އިންސައްތަ ކުރިއަރާނެއެވެ. މި ކުރިއެރުން އަންނާނީ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމާ ގުޅިގެންނެވެ.

އައިއެމްއެފުން މި މަޢުލޫމާތު ހާމަކޮށްފައިވަނީ ރާއްޖޭގެ މާލީ ހާލަތު ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދިޔަ "އާޓިކަލް ފޯ" ކޮންސަލްޓޭޝަނަށްފަހު ނެރުނު ނޫސް ބަޔާނުގައެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، ސަރުކާރުން މިއަހަރު ތެރޭ ގެންނަން ރާވާފައިވާ ބަދަލުތަކަކީ ރާއްޖެއަށް މާލީގޮތުން ހުރި ހިރާސްތައް ކުޑަކޮށް، އިޤްތިޞާދީ ހަމަޖެހުމަށް މުހިއްމު ބަދަލުތަކެކެވެ.

އައިއެމްއެފުން ވަނީ ރާއްޖެއަށް ގެނެވުނު އިސްލާހީ ފިޔަވަޅުތަކަށް ތަޢުރީފްކޮށްފައެވެ. މީގެ ތެރޭގައި ދަރަންޏާ ބެހޭ ޤާނޫނާއި، ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް ގެނައި އިސްލާހުތަކާއި، އާސަންދަ ނިޒާމަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ. އަދި މިއަހަރުގެ ބަޖެޓުގައި އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހިމަނާފައިވާކަން ފާހަގަކޮށް، މި ބަދަލުތައް އަވަހަށް ތަންފީޒުކުރުމުގެ މުހިންމުކަން އައިއެމްއެފުން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް، އައިއެމްއެފުން ވަނީ ދަރަނި ދެއްކުމުގެ ބުރަ އުފުލަންޖެހޭ ދުވަސްތައް ކުރިއަށް އޮތްކަން ފާހަގަކޮށްފައެވެ. އަދި މިކަމާ ގުޅިގެން ސަރުކާރުން އަޅަން ނިންމާފައިވާ އިސްލާހީ ފިޔަވަޅުތައް ވީހާވެސް އަވަހަކަށް ތަންފީޒުކުރުމުގެ މުހިންމުކަން ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، އައިއެމްއެފުން ލަފާކުރާ ގޮތުގައި މިއަހަރުގެ އިންފްލޭޝަން ރޭޓު ހުންނާނީ 2.3 އިންސައްތައިގައެވެ.

މިއަދު އޮންލައިން