އަރުޝީފުކުރުމުގެ ދާއިރާއިން އެއްބާރުލުމަށް ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އަރުޝީފުކުރުމުގެ ދާއިރާއިން އެއްބާރުލުމަށް ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އަރުޝީފުކުރުމާއި ރެކޯޑް މެނޭޖްކުރުމުގެ ދާއިރާއިން އެހީތެރިވުމާއި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ރިޔާޒުގައި މިމަހު 16 އިން 18 އަށް ބޭއްވުނު "އަރކައިވްސް އިން ދަ ޑިޖިޓަލް އޭޖް" ކޮންފަރެންސްގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ޢާމިރު އަޙްމަދެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ސެންޓަރ ފޮރ އަރކައިވްސް އެންޑް ރެކޯޑްގެ ޑިރެކްޓަރ ޖެނެރަލް ޑރ. ފައިޞަލް ޢަބްދުލްޢަޒީޒު ތަމީމީއެވެ.

މި އެއްބަސްވުމުގެ ދަށުން އަރުޝީފުކުރުމާއި އަރުޝީފީ ތަކެތި އިންޑެކްސްކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުމުގެ އިތުރުން، ފޮޓޯއާއި ޗާޓާއި އޯޑިއޯވިޝުއަލްސް ބެލެހެއްޓުމާއި، ދުވަސްވީ ތަކެއްޗަށް ފަރުވާދީ ބޭނުންކުރެވޭ ހާލަތަށް ގެނައުމުގެ މަސައްކަތްތައް ކުރެވޭނެއެވެ. މީގެ އިތުރުން މި ދާއިރާއިން މީހުން ތަމްރީނުކުރުމާއި، އަރކައިވްކުރުމުގެ ސަގާފަތާއި ޒަމާނީ ގޮތްތަކާއި ކޮންސެޕްޓްތަކާއި ޓެކްނޮލޮޖީތަކާ ބެހޭގޮތުން އައު ޢިލްމާއި ތަޖުރިބާ ހިއްސާކުރުމަށްވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނު ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު ސަރީރާއި، އިންޓަރނޭޝަނަލް ކައުންސިލް އޮން އަރކައިވް (އައިސީއޭ) ގެ ސެކްރެޓެރީ ޖެނެރަލް ބައިވެރިވެވަޑައިގެންނެވިއެވެ. މި އެއްބަސްވުމަކީ ދެ ޤައުމުގެ އަރުޝީފީ ދާއިރާ ކުރިއެރުވުމަށް މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން