އުރީދޫގެ އަހަރީ އާންމު ޖަލްސާ 9 މާރިޗު ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 9:30 ގައި ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 24ސ
އުރީދޫގެ އަހަރީ އާންމު ޖަލްސާ 9 މާރިޗު ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 9:30 ގައި ބާއްވަނީ

އުރީދޫ މޯލްޑިވްސްއިން މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ 9 މާރިޗު 2025 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 9:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރ ވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސް (ކ. ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ މައި އޮފީސް އިމާރާތް) އަށް ހާޒިރުވެގެން ބައިވެރިވެވޭނެއެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ 50 (ފަންސާސް) ހިއްސާދާރުންނަށް ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މީގެ އިތުރުން، އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެއެވެ. އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށް،  އެ މަޢުލޫމާތު އަޅުގަނޑުމެން 7 މާރިޗު 2025 ވާ ބުދަ ހޮނިހިރު ދުވަހުގެ ހަވީރު 6:00 ގެ ކުރިން، އަންގާނެ ވާހަކަ ދެންނެވީމެވެ.

ޖަލްސާ ބާއްވާ ތަނަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތައް: ޖަލްސާ ބާއްވާ ތަނަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްއިން.

އޮންލައިންކޮށް ބައިވެރިވާ ފަރާތްތައް: ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވޭނީ  މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށް.

މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 7 މާރިޗު 2025 ވާ ހުކުރު ދުވަހުގެ ރޭގަނޑު 9:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓަރ ކުރާ ފަރާތްތަކަށް އެކަނި ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ޖަލްސާގެ އެޖެންޑާގެ ގޮތުގައި ހިމެނިފައިވަނީ:

އެޖެންޑާ އައިޓަމް 1:    ކީރިތި ޤުރުއާން

އެޖެންޑާ އައިޓަމް 2:    ޗެއަރޕާސަން، މިސް ފާތިމާ ސުލްތާން އަލް-ކުވާރީގެ ވާހަކަފުޅު ދެއްކެވުން.

އެޖެންޑާ އައިޓަމް 3:   7 މާރިޗު 2024 ވީ ބުރާސްފަތި ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

އެޖެންޑާ އައިޓަމް 4:   15 ޑިސެންބަރު 2024 ވީ އާދިއްތަ ދުވަހު ބާއްވާފައިވާ ހާއްސަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

އެޖެންޑާ އައިޓަމް 5:   މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ޚާލިދު ޙަސަން އެމް އޭ އަލް-ހަމާދީ ގެ ވާހަކަފުޅު ދެއްކެވުން.

އެޖެންޑާ އައިޓަމް 6:   2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން.

އެޖެންޑާ އައިޓަމް 7:   2024 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން.

އެޖެންޑާ އައިޓަމް 8:   2025 ވަނަ އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން.

އެޖެންޑާ އައިޓަމް 9:   2024 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން.

އެޖެންޑާ އައިޓަމް 10:  ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އަލުން އިންތިޚާބުކުރުން.

އެޖެންޑާ އައިޓަމް 11:  ހިއްސާދާރުންގެ މަޝްވަރާކުރުން.

އެޖެންޑާ އައިޓަމް 12:   ޖަލްސާ ނިންމުން. 

އެޖެންޑާއާ ގުޅޭ އިތުރު ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު http://www.ooredoo.mv/investors/ އިން ލިބިވަޑައިގަންނަވާނެއެވެ.

މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 18 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވެމެވެ.  މި ޖަލްސާގެ އެޖެންޑާ އައިޓަމްތަކަށް ވޯޓުލާއިރު އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ލިބިފައިވާ ކޮންމެ ހިއްސާއަކަށް 1 (އެކެއް) ވޯޓު ލިބޭނެއެވެ. އަދި ވޯޓިންގް ކުރިޔަށް ގެންދާނި އިލެކްޓްރޯނިކް (އީ-ވޯޓިންގް) ކޮށް "ފަހިވޯޓު" މެދުވެރިކޮށެވެ. ކުންފުނީގެ ހިންގާ ގަވާއިދުގެ 102 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން، މެޖޯރިޓީ ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލް އެފް.ޒެޑް-އެލް.އެލް.ސީ (ކުންފުނީގެ %90.5 ހިއްސާ ނިސްބަތްވާ ހިއްސާދާރު) އަށް 7 (ހަތެއް) ޑިރެކްޓަރުން ބޯޑަށް ޢައްޔަންކުރުމުގެ ބާރު ލިބިދީފައިވާތީ، އެޖެންޑާ އައިޓަމް 10 (ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އަލުން އިންތިޚާބުކުރުން) އަށް ވޯޓުލުމުގެ ފުރުޞަތު ލިބިގެންދާނީ ހަމައެކަނި ވަތަނިއްޔާ އިންޓަރނޭޝަނަލް އެފް.ޒެޑް-އެލް.އެލް.ސީ އަށް ކަމުގައި އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވާން ބޭނުންވާނަމަ، އެމް.އެސް.ޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv/ މެދުވެރިކޮށް ރަޖިސްޓަރކުރުމަށް (ޕްރީ-ރެޖިސްޓަރ ކުރުމަށް، ނުވަތަ ޕްރޮކްސީއެއް އައްޔަންކުރުމަށް، އަދި، އައްޔަން ކޮށްފައިވާ ޕްރޮކްސީ ބާތިލުކުރުމަށް) އެދި ދެންނެވީމެވެ. ރަޖިސްޓަރ ކުރުމުގެ ސުން ގަޑިއަކީ 7 މާރިޗު 2025 ވާ ހުކުރު ދުވަހުގެ ރޭގަނޑު 9:30 ކަމުގައިވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްއަށް ހާޒިރުވެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން (ޕްރީ-ރެޖިސްޓަރ ކޮށްފައިވާ ފަރާތްތައްވެސް) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (9 މާރިޗު 2025 ވާ އާދިއްތަ ދުވަހުގެ) ރޭގަނޑު 8.45 އާއި 9.30 އާ ދެމެދު  އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްއަށް ހާޒިރުވެ ރަޖިސްޓަރ ކުރުން އެދެމެވެ. ޖަލްސާއަށް ހާޒިރުވާއިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިފައިގެން ހާޒިރުވުން އެދެމެވެ. ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިނުވެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މި އަހަރީ އާންމު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (9 މާރިޗު 2025 ވާ އާދިއްތަ ދުވަހުގެ) ރޭގަނޑު 9.15 އާއި 9.30 އާ ދެމެދު، ލިބިފައިވާ ލޮގިން މަޢުލޫމާތު ބޭނުންކޮށް، ފަހިވޯޓު ސިސްޓަމަށް ލޮގިން ކުރުން އެދެމެވެ. 

މިއަދު އޮންލައިން