ކުޅުދުއްފުށީ 8 ގެޔަކުން ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނު ފުލުހުން ހޯދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ކުޅުދުއްފުށީ 8 ގެޔަކުން ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނު ފުލުހުން ހޯދައިފި

ކުޅުދުއްފުށީ ސިޓީގައި ފުލުހުން މިއަދު ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 8 ގެއަކުން ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނު ފެނި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ ކޯޓު އަމުރެއްގެ ދަށުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ޖުމްލަ 10 ގެއެއް ބަލައި ފާސްކުރެވުނެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބަލައި ފާސްކުރެވުނު ގެތަކުގެ ތެރެއިން 8 ގެއަކުން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ އެކިއެކި ލިޔެކިޔުންތަކާއި، ފޮތްތަކާއި، އަދި އެކި ބާވަތުގެ އާލާތްތައް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި ފުލުހުން މިވަގުތު އަންނަނީ މި މައްސަލައިގެ ތަޙުޤީޤު މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

ފާއިތުވި އަހަރުތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ސިހުރު ހާހޫރައާ ގުޅުންހުރި ތަކެތި ފެނިފައިވާއިރު، މިފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ޚާއްސަ އޮޕަރޭޝަންތައް ހިންގަމުން ގެންދެއެވެ.

މިއަދު އޮންލައިން