ޗައިނީސް އެކަޑަމީ އޮފް ސައިންސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދާނީ މުރަކަ އާލާކުރުމުގެ މަސައްކަތް ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މި މަސައްކަތް ކުރިއަށްދާނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ބެލުމުގެ ދަށުން، އެ އިދާރާއިން ކަނޑައަޅާ ތަންތަނުގައެވެ.
މި މަސައްކަތް ފުރަތަމަ ފަށާނީ މީގެ އަހަރުތަކެއް ކުރިން ބޯޓެއް އެރުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ރަސްފަރީ ފަރުގައެވެ. މި އެއްބަސްވުމާ ގުޅިގެން ބައެއް ފަރާތްތަކުން ޖާސޫސީ މަސައްކަތަށް މަގުފަހިވެދާނެ ކަމަށް ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން ތިމާވެއްޓާބެހޭ ވުޒާރާއިން މި މަޢުލޫމާތު ހާމަކޮށްފައިވެއެވެ.
އީޕީއޭގައި މި މަސައްކަތަށް ޤާބިލް މުވައްޒަފުން ތިބި ކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ. ނަމަވެސް މަސައްކަތަށް ބޭނުންވާ ފަންނީ އާލާތްތައް ލިބުމުގައި ދަތިތަކެއް ހުރި ކަމަށާއި، މި އެމްއޯޔޫގެ ދަށުން ޗައިނީސް އެކަޑަމީ އޮފް ސައިންސްއިން ޕޯޓަބަލް ވެދަރ ސްޓޭޝަނަކާއި ޓެމްޕަރޭޗަރ ލޮގާއެއް ފޯރުކޮށްދޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ތިމާވެއްޓާބެހޭ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި، އަދި ކަމާގުޅޭ ހުރިހާ ހުއްދަތަކެއް ހޯދުމަށްފަހުގައެވެ. "ޗައިނާއިން ފޯރުކޮށްދޭ ސާމާނު ހަރުކުރުމާއި، އެ ތަކެތި ބޭނުންކުރުމާއި، އެ ކަމާގުޅޭ ހުރިހާ މަސައްކަތެއްވެސް ކުރާނީ ހަމައެކަނި އީޕީއޭގެ މުވައްޒަފުން،" ވުޒާރާއިން ވިދާޅުވިއެވެ.