ތަޢުލީމީ ދާއިރާއިންނާއި އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ލަންކާއިން ވެދެއްވާ އެހީތެރިކަމަށް ރާއްޖެއިން ޝުކުރު އަދާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ތަޢުލީމީ ދާއިރާއިންނާއި އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ލަންކާއިން ވެދެއްވާ އެހީތެރިކަމަށް ރާއްޖެއިން ޝުކުރު އަދާކުރައްވައިފި

ތަޢުލީމީ ދާއިރާއިންނާއި އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ލަންކާއިން ވެދެއްވާ އެހީތެރިކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޝުކުރު އަދާކުރައްވައިފިއެވެ.

ޚާރިޖީ ވަޒީރު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔެއާގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި، އެ ޤައުމުގައި އެންމެ ފަހުން ބޭއްވި އިންތިޚާބުތަކުގައި ލަންކާގެ މިހާރުގެ ސަރުކާރުން ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ވަނީ ރާއްޖޭގެ ތަރައްޤީއަށް ލަންކާއިން ދެގޮތެއްނުވެ ވެދޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް ތަޢުލީމީ ދާއިރާއިންނާއި އިންސާނީ ވަސީލަތް ތަރައްޤީކޮށްދިނުމުގައި ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

އަދި ގިނަ އަދަދެއްގެ ދިވެހީންނަށް ލަންކާގައި އަމާންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ފަހިވެފައި އޮތުމުން އެކަމަށްވެސް ޚާރިޖީ ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ލަންކާގެ ބޮޑުވަޒީރު "މިހާރުވެސް އޮތް އެކުވެރިކަމުގެ ބަދަހި ގުޅުން ދަމަހައްޓައި، ވަރުގަދަކުރަން ލަންކާގެ އައު ސަރުކާރުގެ ފަރާތުން މަސައްކަތްކުރައްވާނެ" ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

މިއަދު އޮންލައިން