ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ މުޢާމަލާތްތައް އިތުރަށް ފުޅާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ލަންކާގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ބޭއްވުނު މި ބައްދަލުވުމުގައި، "ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ ތެރެއިން ވިޔަފާރިއާއި އިޤްތިޞާދީ މުޢާމަލާތްތައް މިހާރަށްވުރެ އިތުރުކުރެވިދާނެ ގޮތްތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު" ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ވަނީ ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާއި، އެކި ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މަޢުލޫމާތު ލަންކާގެ ވިޔަފާރިވެރިންނާ ހިއްސާކުރައްވާފައެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތަކާއި، އިޤްތިޞާދީ ސިޔާސަތުތަކުގެ މައުލޫމާތުވެސް ހިއްސާކުރެއްވިއެވެ.
ޚާއްޞަކޮށް، އިޤްތިޞާދީ ދުވެލި ހަލުވިކޮށް، މާލީ ނިޒާމު ހަރުދަނާކޮށް، އިންވެސްޓަރުންގެ އިތުބާރާއި ޔަޤީންކަން އިތުރުކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު ބައްދަލުވުމުގައި ފާހަގަކުރެވުނެވެ. މި ބައްދަލުވުމަކީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.