ރަމަޟާން މަހަށް ސަރުކާރުން ގޭބިސީތަކަށް ދެއްވާ މަސްދަޅު ކޭސް މާލޭ ސަރަޙައްދުގައި މިއަދު ރޭ 8:30 ގައި ބަހަން ފަށައިފިއެވެ. މިކަން ފެށުމުގެ ގޮތުން މިފްކޯގެ އޮފީސް ކޮމްޕައުންޑުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުނެވެ.
މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު، އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް އަދި މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލޫބުމޮވް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ މިފްކޯ އޮފީސް ކޮމްޕައުންޑް، ހެންވޭރު އެމްޓީސީސީ ސޯމިލް، ވިލިމާލޭ ވެމްކޯ ސައިޓް، ހުޅުމާލެ ފޭސް-1ގެ އުމަރު ޒާހިރު ބިލްޑިންގ އަދި ހުޅުމާލެ ފޭސް-2ގެ ހިޔާ ފްލެޓް ޓަވަރ 10ގެ ޔޫތު ސެންޓަރުގައެވެ.
މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ފެބުރުވަރީ 27 ގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުއެވެ. މިގޮތުން ފެބުރުވަރީ 22 އިން 27 އަށް މެންދުރު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް މި ޚިދުމަތް ލިބެން ހުންނާނެއެވެ.
މި އަހަރުގެ ރަމަޟާން މަހަށް ސަރުކާރުން ގޭބިސީތަކަށް ހިލޭ މަސްދަޅު ކޭސް ދިނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހިމެނޭ ކަމެކެވެ.