ޢަލީ އިޙްޞާން ފިރާޤް
އިސްލާމް ދީނަށް ނަޞްރު ދިނުމުގައި އަންހެނުން އަދާކޮށްފައިވާ މަތިވެރި ދައުރުގެ ވާހަކަ ދެކެވޭލެއް ވަރަށް މަދުވެއްޖެއެވެ. ނަތީޖާޢަކަށްވެގެން މިދަނީ ދަރިން ތަރުބިއްޔަތުކުރުމާއި ދަރިންނަށް މަގުދައްކައިދިނުމުގައި މައިންނަށް ދަތިތައް ކުރިމަތިވުމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ކޮންމެ މައަކަށްވެސް އަދި އެންމެންނަށްވެސް ވަރަށް އަގުހުރި ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. އިން ޝާ ﷲ
އިސްލާމީ ތާރީޚުގެ ޞަފްޙާތަކުގައި ރަންއަކުރުން ފަވާލެވިފައިވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޞަޙާބީން އިސްލާމްދީނަށްޓަކައި ވެވަޑައިގެންނެވި ޤުރްބާނީގެ ވާހަކަތަކެވެ. އިސްލާމްދީނަށްޓަކައި ކުޑަވެސް ފަސްޖެހުމެއްނެތި ޖާނާއިމާލުން ޤުރްބާންވެވަޑައިގެންނެވީ ފިރިހެނުން އެކަންޏެއްނޫނެވެ. އަދި ކީއްތޯއެވެ. އިސްލާމީ ތާރީޚުގައި އަންހެނުން އަދާކުރައްވައިފައިވާ ދައުރުތަކަކީ، ރިހީގެ ފަތްގަނޑުތަކެއްގައި ރަންދެލިން ލިޔެލަންވެސް ރަނގަޅު ވާހަކަތަކެކެވެ. މިއަދު އަޅުގަނޑު ގަލަން ނަގައިގެން މިއުޅެނީ މިފަދަ ކަނބަލެއްގެ ވާހަކަ ކިޔުންތެރިނަށް ގެނެސްދިނުމަށެވެ.
އަސްމާ ބިންތި އަބީބަކްރު ރަޟިޔަﷲ ޢަންހަކީ، އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެންނެވި ބޭކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. އިސްލާމްދީނަށް އަވަސްވެވަޑައިގެންނެވި ބޭކައުކަނބަލުންގެ ތެރެއިން ޚާއްޞަ އިމްތިޔާޒެއް ހާސިލު ކުރައްވައިފައިވާ ބޭކަނބަލެކެވެ. އިސްލާމްދީނަށްޓަކައި ގިނަގުނަ ޤުރްބާނީތަކެއް ވެވަޑައިގެންފައިވާ ބޭކަނބަލެކެވެ.
އަސްމާގެފާނަކީ ފުރަތަމަ ޚަލީފާ އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހުގެ ދަރިކަނބަލެކެވެ. އެކަމަނާއަކީ އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އެއްބައްޕާފުޅު ދައިތާފުޅެވެ. ޙިޖާޒުކަރައިގައި ޚަލީފާކަން ކުރެއްވި ޢަބްދުﷲ ބިން ޒުބައިރު ރަޟިޔަﷲ ޢަންހުގެ މައިކަނބަލުންނެވެ. އެކަމަނާއަކީ ވަރަށް ނަސީބުގަދަ ޞަޙާބިއްޔާއެކެވެ. އެހެނީ އެކަމަނާގެ މާމާފުޅާއި ކާފާފުޅަކީ ޞަޙާބީންނެވެ. ބައްޕާފުޅަކީ ޞަޙާބީއެކެވެ. އެކަމަނާއާއި ފިރިކަލުން ޒުބައިރުގެފާނަކީ ޞަޙާބީންނެވެ. ދަރިކަލުން ޢަބްދުﷲ ބިން ޒުބައިރަކީވެސް ޞަޙާބީއެކެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އަބޫބަކުރުގެފާނުގެ ހިޖްރައިގެ ދަތުރުފުޅުގައި އަސްމާގެފާނު ވެވަޑައިގެންނެވި ޤުރްބާނީގެ ވާހަކައަކީ އަޅުގަނޑުމެންނަށް ހިޖްރީ އައު އަހަރުގެ ޚުޠުބާގައި ކޮންމެ އަހަރަކުހެން އިވެވުންދާ ވާހަކައެކެވެ. ޘައުރު ފަރުބަދައިގައި އޭގެ ދެކަލުން ތިއްބެވިއިރު ފަރީކޮޅު ގެންގޮސްދެއްވީ އަސްމާގެފާނެވެ. އެކަމަނާ މިދެންނެވި ބުރަ އުފުއްލަވަމުން ގެންދެވިއިރު އިންނެވީ އިބްނު ޒުބައިރަށް އާލާސްވެއެވެ.
މުހާޖިރުންނަށް މަދީނާގައި ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ދަރިކަލުން ލިބިވަޑައިގެންނެވީ އަސްމާގެފާނުގެ ބަނޑުފުޅުންނެވެ. އެދަރިކަލުންނަކީ އިބްނު ޒުބައިރެވެ. އެދަރިކަލުން ލިބިވަޑައިގެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް އެދަރިކަލުން ގެންދެވުނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ބަރަކާތްތެރި އުނގުފުޅުގައި އެދަރިކަލުން ވެޑުއްވަވައި، ތަހްނީކު ކުރެއްވިއެވެ. އަސްމާގެފާނުގެ ފިރިކަލުން ޒުބައިރުގެފާނު މަދީނާއަށް ހިޖްރަކުރެއްވީ ހުސްއަތްޕުޅާއެވެ. ހުރިހާ މުދަލެއް މައްކާއަށް ދޫކުރައްވައިފައެވެ. އެހެންކަމުން އެދެކަނބަލުން މަދީނާއަށް ވަޑައިގެން ފުރަތަމަކޮޅު އުޅުއްވީ ވަރަށް [ކުރަކި] ދިރިއުޅުއްވުމެކެވެ. ގޭގައި ގެންގުޅޭ ޖަނަވާރުތަކަށް ކާންދެއްވުމާއި، އުޑި އަނބުރުއްވައިގެން ގޮދަން މުގުރުއްވުމާއި، އެތައް ރާސްތާއެއްގެ ދުރުން ފެންގެންނެވުމަކީ އެކަމަނާ ކޮންމެ ދުވަހަކު ކުރައްވާ ކަމެކެވެ.
އަސްމާގެފާނުގެ ކެތްތެރިކަމާއި، އަޒުމުފުޅުގެ ވަރުގަދަކަމުން މުސްލިމު އަންހެނުން އިބްރަތް ހާސިލު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމަނާގެ ޙަޔާތްޕުޅުގެ އެންމެ ވަރުގަދަ އިމްތިހާނާ ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވީ، ކަރުބަލާގެ މައިދާނުގައި ޙުސައިންގެފާނު ޝަހީދުވެވަޑައިގެންނެވުމަށްފަހުގައެވެ. އޭރު އެކަމަނާއަކީ މުސްކުޅިފުޅު ބޭކަނބަލެކެވެ. ކަރުބަލާގެ ހިތާމަވެރި ޙާދިޘާއަށްފަހު މީސްތަކުން އަސްމާގެފާނުގެ ދަރިކަލުން އިބްނުޒުބައިރުގެފާނުގެ އަރިހަށްވަޑައިގެން ޚަލީފާއަށް ވެވަޑައިގެންނެވުމަށް އެދެންފަށައިފިއެވެ. އިބްނުޒުބައިރުގެފާނަކީ ޢިލްމުވެރި ވަރަށް ހިތްވަރުފުޅުގަދަ ބޭކަލެކެވެ.
ކޮންމެއަކަށް އިބްނުޒުބައިރުގެފާނުގެ މިންނަތުން ހިޖާޒުކަރަޔާއި،ޢިރާޤާއި، ޝާމުކަރައިގެ ބައެއް ސަރަހައްދުތަކާއި، މިޞްރުގެ ބައެއް ސަރަހައްދުތައް އެކަލޭގެފާނުގެ ޚިލާފަތުގެ ބާރުގެދަށަށް ގެންނެވިއެވެ. އޭރު އިސްލާމީ ވެރިކަންވަނީ ދެބަޔަކަށް ބެހިފައެވެ. މިދެންނެވި ހިސާބުގައި ޚަލީފާއަކަށް ހުންނެވީ އިބްނުޒުބައިރުގެފާނެވެ. ދިމިޝްޤުގައި އޮތީ އުމަވީ ޚިލާފަތެވެ. އިސާހިތު ބަލިކަށިވެފައިވާ އުމަވީ ޚިލާފަތް ވަރުގަދަވެ ހަމައިސްކޮޅަށް ތެދުވެއްޖެއެވެ. އޭރު އުމަވީ ޚަލީފާއަކަށް ހުންނެވީ ޢަބްދުލްމަލިކު ބިން މަރުވާނެވެ. އޭނާގެ އިސްކޮމާންޑަރަކީ ޙައްޖާޖު ބިން ޔޫސުފެވެ.
ދެ ޚިލާފަތުގެ ދެމެދުގައި ހިނގި ތަޅާފޮޅުންތައް ނިމިގެން ދިޔައީ ވަރަށް ހިތާމަވެރިކޮށެވެ. އަނިޔާވެރި ޙައްޖާޖު މައްކާއަށް އައިސް އިބްނުޒުބައިރުގެފާނުގެ ލަޝްކަރާ ހަނގުރާމަ ފަށައިފިއެވެ. އެވަގުތު މުސްކުޅިފުޅު އަސްމާގެފާނު ވަޑައިގެން ދަރިކަލުންގެ އަރިހުގައި ވިދާޅުވިއެވެ. [ނިކަމެތިކަމާއެކު ޞުލްޙަވުމަށްވުރެ، ޝަރަފުވެރިކަމާއެކު މަރުވުންވެސް މާ ރަނގަޅެވެ.]
މަންމާފުޅުގެ ބަސްގަބޫލުފުޅު ކުރައްވައިގެން އިބްނުޒުބައިރުގެފާނު ހަނގުރާމައިގެ މައިދާނަށް ވަޑައިގެން ޝަހީދުވެއްޖައުމަށް ދާންދެން ނުހަނު ވަރުގަދައަށް ހަނގުރާމަކުރެއްވިއެވެ. ޙައްޖާޖު، އެކަލޭގެފާނުގެ އިސްތަށިފުޅުކަނޑުއްވައި، ހަށިކޮޅު ޞަލީބަށް އެރުވިއެވެ. އަދި އެއަށްފަހު އާންމު އިއުލާނެއް ކުރިއެވެ.
[އެއްވެސް މީހަކު މީނާ ޞަލީބުން ނުބާލުވައްޗެވެ. އޭނާގެ ހަށިގަނޑު ޞަލީބުން ބާލުވާނީ އަސްމާއެވެ. އޭނާ އަހަރެންގެ ގާތަށް ވަޑައިގެން އަހަރެންގެ ހުއްދަ ލިބިގެން ނޫނީ އޭނާގެ ދަރިކަލުން ޞަލީބުންނެއް ނުބޭލުވޭނެއެވެ.] ޞަޙީހު މުސްލިމުގައިވާ ރިވާޔަތެއްގައިވެއެވެ. ޙައްޖާޖު ބުނެފައިވެއެވެ. [އަސްމާ އަހަރެންގެ ގާތަށް ނައަތުވެއްޖެނަމަ، ބޮލުގެ އިސްތަށިގަނޑުގައި ހިފައި، ދަމާކޫއްތަމުން، އަހަރެންގެ އަރިހަށް ގެންނާނަމެވެ.]
ނަމަވެސް ކަންތައްވީ ޙައްޖާޖު ހީކުރި ގޮތަކަށް ނޫނެވެ. އަސްމާގެފާނު އޭނާގެ ބަހެއް ގަބޫލުފުޅެއް ނުކުރެއްވިއެވެ. އެންމެފަހުން ޙައްޖާޖު، އަސްމާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. [އޭ ދައިތާއެވެ. މި ހިނގާ ދިޔަ ކަންތަކާމެދު ދެކެނީ ކިހިނެއް ހެއްޔެވެ؟] އެއްވެސް ޖެހިލުމެއްނެތި އަސްމާގެފާނު ޖަވާބު ދެއްވިއެވެ.
[ޝައްކެއްނެތެވެ. ކަލޭ އަހަރެންގެ ދަރިފުޅުގެ ފުރާނަ ދުއްވައިލައިފީމުއެވެ. އޭނާގެ ދިރިއުޅުން ނަގައިލައިފީމުއެވެ. އޭގެ ސަބަބުން ކަލޭގެ އާޚިރަތް ކަލޭ ބަރުބާދުކޮށްފިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވި އަޑު އަހަރެން އެހީމެވެ. ޘަޤީފުވަންހައިން ދޮގުވެރި ކައްޛާބަކާއި، އަނިޔާވެރިއަކު ފާޅުވާނެއެވެ. މިއަދު އަހަރެންނަށް އެމީހާ ފެނިއްޖެއެވެ."
ޙައްޖާޖަށް މިވާހަކަތައް އަޑުއިވުމުން އެނބުރި ހިނގައްޖެއެވެ. އޭގެފަހުން ޙައްޖާޖު، އިބްނުޒުބައިރުގެފާނުގެ ހަށިކޮޅު ޞަލީބުން ބާލުވައިގެން ގެންގޮސް ޤަބުރުސްތާނަކަށް އެއްލައިލިއެވެ. އަސްމާގެފާނު އިބްނުޒުބައިރުގެފާނުގެ ކަށުކަމާކެމީގެ އެންމެހާ ކަންތައްތައް އިންތިޒާމު ކުރައްވާ އެކަލޭގެފާނު ފަސްދާނުވެޑުވިއެވެ.
އިބްނު ޒުބައިރުގެފާނު އަވަހާރަވީއިރު އެކަލޭގެފާނުގެ އުމުރުފުޅުން 70 އަހަރަށްވުރެ މަތިވެއްޖެއެވެ. އޭރު އެކަލޭގެފާނުގެ މައިކަނބަލުންގެ އުމުރުފުޅުން 100 އަހަރުވެއްޖެއެވެ. 70 އަހަރުވަންދެން ގާތުގައި އުޅުއްވި ދަރިކަލުން، ނުހަނު އިހާނެތިކޮށް ޝަހީދުވުމުން، 100 އަހަރުގެ މުސްކުޅި މަޔަކަށް ކުރާނެ އަސަރު އެއީ ދުލަކުން ގަލަމުން ބަޔާން ކުރެވޭނެ ކަމެއް ނޫނެވެ. އިބްނުޒުބައިރުގެފާނު ޝަހީދުވިތާ ކުޑަދުވަސްކޮޅެއްފަހުން އަސްމާގެފާނުވެސް އަވަހާރަވެއްޖެއެވެ.
ނޯޓް: މިއީ އަބޫ ޠާރިޤު ޙިޖާޒީ ލިޔުއްވައިފައިވާ މަޒުމޫނަކުން މައުލޫމާތު ނަގައިގެން ލިޔެފައިވާ ލިޔުމެކެވެ.