ނިދަން އޮށޯވެފަ އަނބިމީހާއަށް ވަޤުތުކޮޅެއް ނުދީ ނިދާނަމަ ހެޔޮލަފާ އަނބިންނަށްވެސް ކެތްތެރިވާން އުނދަގޫވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ނިދަން އޮށޯވެފަ އަނބިމީހާއަށް ވަޤުތުކޮޅެއް ނުދީ ނިދާނަމަ ހެޔޮލަފާ އަނބިންނަށްވެސް ކެތްތެރިވާން އުނދަގޫވާނެ!

ފިރިހެނުންނަކީ ޢާންމު ގޮތެއްގައި ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައަކަށްވުމުން ނަމަވެސް ނިދަން އޮށޯތުމަށްފަހު ވަރަށް އަވަހަށް ނިދަން ގިނަބައަކު ބޭނުންވެއެވެ. އެކަމަކަށް ބަހެއް ބުނާކަށް ނެތީމެވެ. އެކަންކަން އޮންނާނީ ދިރިއުޅުމުގެ ޙާލަތުގެ މައްޗަށެވެ. 

ނަމަވެސް ބުނަން ހެއްޔެވެ؟ ކޮންމެވެސް ވަރެއްގެ ޤުރްބާނީއެއް ވެގެން ނަމަވެސް ކޮންމެ ރެއަކު އެގޮތަށް ކަންތައް ނުކުރާށެވެ! އަނބިމީހާއަށް ވަޤުތުކޮޅެއް ދޭން މަސައްކަތްކުރާށެވެ! އެކުގައި ވާހަކަދައްކައިލަން ތިބެލުމަށެވެ. ލޯބިކޮށްލުމަށެވެ. ހެޔޮލަފާ އަނބިން ބޭނުންވާނީ އަތަށް ދޭ އަގު ބޮޑު ހަދިޔާތަކެއް ނޫނެވެ. ލޯތްބެވެ. އެކުވެރިކަމެވެ. އަޅައިލުމެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން މިބުނި ބަހުގެ ޙަޤީޤަތް އެނގިލައްވާނެއެވެ. އިން ޝާ ﷲ 

ފަށަމުންވެސް ބުނަން އޮތީ މިވާހަކަ މިދައްކަނީ ދިރާސާތަކުގެ މައްޗަށް ބަލައިކަމަށެވެ. ދެން ކުރާނެ ސުވާލަކީ ދަރުސްތަކުގައި ތިއަވާހަކަ ދައްކަންޖެހޭހެއްޔެވެ؟ 

ޖަވާބަކީ އާނއެކެވެ! ދައްކަން ޖެހެއެވެ. އެއީ ދެމަފިރިންގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ ވާހަކަ ގިނަގިނައިން ދައްކަން އެބަޖެހެއެވެ. ދެމަފިރިންގެ މެދަށް ޝައިޠޯނާ ވަންނަން ކުރާ މަސައްކަތަށް ހުރަސް އަޅަން މަސައްކަތްކުރަން ޖެހޭތީއެވެ. އެކަން ކުރެވެން އޮތީ އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެންނެވެ. އަނެކާ ބޭނުންވާ ގޮތަށް ތިމާވެސް ދީލާލައިގެންނެވެ. 

މިހިސާބުން ވަރަށް ކުޑަކުޑަ މިޘާލެއް ވެސް ބުނެލާނަމެވެ. ތަނަވަސް މީހަކު އެންމެ އަގުބޮޑު އެއްކާރު ގަނެގެން އަދި އަގުބޮޑު ގަހަނާތަކެއް ގަނެގެންގެންގޮސް އަނބިމީހާއަށް ހަދިޔާކުރީމާ ބުނީ ކީކޭކަން އެނގޭހެއްޔެވެ؟ "ތިއަދިން އަތްލެވޭ ހަދިޔާއަށްޓަކާ ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. އެކަމަކު ބޮޑަށް ބޭނުންވެގެން އިންތިޒާރު މިކުރަނީ އަތްނުލެވޭ ހަދިޔާއަށެވެ." 

ފިރިމީހާވެސް ވަރަށް ލޯބިން ތިއަބުނާ އަތް ނުލެވޭ ހަދިޔާއަކީ ކޮބައިތޯ ސުވާލުކުރުމުން ދިން ޖަވާބަކީ، "އެކުގައި ބޭރަށް ގޮސް ވަޤުތުކޮޅެއް ހޭދަކޮށްލުން، ނިދަން އޮށޯވެފައި އަވަހަށް ނުނިދައި އެކުގައި ވަޤުތުކޮޅެއް ހޭދަކޮށްލުން" ކަމަށެވެ. ފިރިމީހާ ލޯބިން ބައްދާލާފައި ބުންޏެވެ. "އަޅެ! ކުރިން ވިސްނުނުނަމަ މިއަދު 3 މިލިއަން ރިޔާލަ އަތަކުން ނުދިއައީހެވެ! ދޭ އަތްލެވޭ ހަދިޔާވެސް ޤަބޫލުކުރާށެވެ! ތިއަބުނި ފަދަ އަތްނުލެވޭ ހަދިޔާތައްވެސް ދޭނަމެވެ. އިން ޝާ ﷲ" 

އަދިވެސް ފާހަގަކޮށްލާނަމެވެ. ފިރިމީހާގެ ޝަކުވާކުރަން އަންނަ ގިނަ އަނބިން ޝަކުވާކުރަނީވެސް މެސެޖްކުރަނީވެސް އެމީހުންނަށް ބޭނުންވާ ލޯތްބާއި އަޅައިލުން ނުލިބިގެންނެވެ. އެހެންކަމަށްވާއިރު ދެން ނިކަން ބުނެބަލާށެވެ! މިވާހަކަ ނުދައްކައި ތިބެވެން އެބައޮތް ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކިތަންމެ މަސައްކަތް ބުރަ ނަމަވެސް އެ އަނބިމީހާ އެބުނިފަދައިން އަތްނުލެވޭ ހަދިޔާދޭށެވެ. ގިނަގިނައިން ދޭށެވެ. ކިތަންމެ އަގުބޮޑު ތަންމައްޗެއްގައި ދެމަފިރިން ނިދި ނަމަވެސް އެނދުގައި އޮށޯންނަ ގޮތަށް ނިދީމާ ލިބޭނީ އުފަލެއް ހެއްޔެވެ؟ އުފާވެރިކަން ލިބޭނީ ދެމީހުން އެކުގައި ހޭލައި ތިބެ ހޭދަކުރާ ވަޤުތު ގިނަކޮށްގެން ނޫން ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން    

މިއަދު އޮންލައިން