ދުނިޔޭގައިވާ ހުރިހާ ފޮތްތަކާއި ހުރިހާ ލިޔުންތަކަށް ބެލިނަމަވެސް ފެންނަން އޮތް އެންމެ ފައިދާހުރި ދުޢާއަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެދުޢާއަކީ ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައި މިކިޔަވާ ސޫރަތުލްފާތިޙާ (އަލްޙަމްދު)އެވެ.
ވަކި ކަމަކަށް ނޫނެވެ. ކޮންމެ ކަމަށް އެދިގެންވެސް މެއެވެ.
އެސޫރަތުގައިވާ އެންމެ ފައިދާހުރި ދުޢާއަކީ "ތެދުމަގު ދައްކަވައިދެއްވެވުމަށް" އެދުމެވެ. ތެދުމަގު ލިބިއްޖެ މީހަކަށް ޙާޞިލުނުކުރެވޭނެ ކަމެއް ނެތެވެ.
ބުނަންހެއްޔެވެ؟ ދުޢާކުރަން ބޭނުންވާ ކަންތަކަށް އެދިގެން ކުރާނެ ދުޢާއެއް ނުފެނިގެން ކަންބޮޑުނުވާށެވެ! ސޫރަތުލްފާތިޙާ ކިޔަވާށެވެ! ޙާޞިލުކުރަން ބޭނުންވާ ކޮންމެ ކަމަކަށްވެސް ފުދޭނެއެވެ. އިން ޝާ ﷲ
އަދި ކީއްހެއްޔެވެ؟ ސޫރަތުލްފާތިޙާއަކީ ރުޤްޔާއެއްވެސްމެއެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ!
- ބިލާލް އައްސަދުގެ ދަރުސަކުން