ދުވާލުގެ ފަރުޟު 5 ނަމާދު އަދާކުރާނަމަވެސް 100 އަށްވުރެ ގިނަ ފަހަރު ﷲ އަކްބަރު ކިޔަމުއެވެ. ސުންނަތް ނަމާދުތައް ކުރާވަރަކަށް ކިޔޭ ޢަދަދު އިތުރުވެގެންދެއެވެ. އަދި ނަމާދު ނިމިގެން ޛިކްތަސްބީޙް ކިޔުމުންވެސް އިތުރުވެގެންދެއެވެ.
ވީމާ ރަނގަޅު ގޮތުގައި ނަމާދުކޮށް އުޅޭނަމަ ކޮންމެ ދުވަހަކުވެސް 400 ނުވަތަ 500 ވަރަކަށް ފަހަރުވެސް އޮންނާނީ ﷲ އަކްބަރު ކީފައެވެ.
ސުވާލަކީ މިހައި ގިނައިން ﷲއަކްބަރު ކިޔުމުގެ ފައިދާއަކީ ކޮބައިހެއްޔެވެ؟ ބުނަން ހެއްޔެވެ؟ ﷲއަކްބަރުގެ މާނައަށް ވިސްނާށެވެ. މިބުނެވެނީ އެންމެހައި މަތިވެރިވަންތަކަމެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ.
ކޮންމެ ދުވަހަކު މިބުނި މިންވަރަށް ﷲއަކްބަރު ކިޔައި މާނަ ހިތަށް ގެނެވޭމީހާ އެއްވެސް ކަމަކާއި ކަންބޮޑެއް ނުވާނެއެވެ. އޭނާގެ ހުރިހާ ކަމެއް ހުންނާނީ ﷲ ތަޢާލާ އާއިގުޅުވައިގެންނެވެ. ފުރިހަމަ ގޮތުގައި ވަކީލްކޮށްގެންނެވެ. ތިމާއަކީ އެއްވެސް ބާރެއް ނިކަމެތި މީހަކުކަމާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަން ޔަޤީންކުރެވޭނެތީއެވެ.
އެފަދަ މީހުން އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ. މީހަކަށް ދެރައެއްދިނުމަށް މަސައްކަތެއް ނުކުރާނެއެވެ. ބަލާނީ ވީހާރަނގަޅަކަށް ދިރިއުޅެވޭތޯއެވެ. ވީމާ ﷲ އަކްބަރު ދުލުންކިޔާ ކޮންމެ ފަހަރަކުވެސް މާނައަށް ވިސްނާށެވެ! މިބުނި ގިނަގުނަ ބޮޑެތި ފައިދާތައް ލިބިގަނެވޭނެއެވެ. އިން ޝާ ﷲ
ކޮންމެ ދުވަހަކު މިހައި ގިނައިން ﷲ އަކްބަރު ކިޔަންޖައްސަވާފައި މިވަނީވެސް މިފަދަ އެތައް ސަބަބުތަކެއް ހުރުމާއި މިހައި ގިނަ ބޮޑެތި ފައިދާތަކެއް އެކަމުން ލިބޭނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން