އިސްލާމްދީނުގެ މާނައަށް ބަލައިފިނަމަ އަހުރެން ބުނާނީ މާނައަކީ ﷲ ތަޢާލާ ބާވައިލައްވަވާ ދީން ކަމަށެވެ. އެއީ ހުރިހާ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންނަށްވެސް ބާވައިލެއްވެވީ އިސްލާމްދީން ކަމުގައިވާތީއެވެ.
މިޒަމާނުގައިވެސް އިސްލާމް ދީން ދަނީ ކުރިއަރަމުންނެވެ. މީސްތަކުންގެ ހިތްތަކަށް ހިތްހަމަޖެހުން ލިބެމުންނެވެ. ލިބި އިތުރުވަމުންނެވެ. އެކަމުގެ ހެއްކަކީ އެންމެ ބާރަށް ފެތުރި ކުރިއަރަމުންދަނީ އިސްލާމް ދީން ކަމުގައިވާތީއެވެ. އިސްލާމް ދީނުން މީސްތަކުންނަށް ހިތްހަމަޖެހުން ނުލިބޭނަމަ އެެހން ދީންތަކުގެ މީހުން އިސްލާމްވަމަކުން ނުދާނެއެވެ.
މިކަންކަމުން އެނގެނީ ބައަކު ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ޙައްޤު ދާނީ ކުރިއަރަމުންކަމެވެ. ބާޠިލުގެ މައްޗަށް ގަދަވަމުން ކަމެވެ. އެކަން ބަޔާން ކުރައްވައި ޝައިޚް ޝާފިޢު ވިދާޅުވެފައިވާ ބަސްފުޅެއްވެސް ފާހަގަކޮށްލާނަމެވެ.
ޝައިޚްގެ ބަސްފުޅު:
ބާޠިލަކީ އުފަންވާއިރުވެސް މަރުވެފައި އޮންނަ އެއްޗެކެވެ! ކިތަންމެ ވަރަށް ބައަކު އެ ދިރުވަން މަސައްކަތް ކުރި ކަމުގައިވިޔަސް ނުދިރުވޭނެއެވެ!
އެއްވެސް މީހަކު އެމީހާގެ ހަވާނަފްސުގެ އެދުންތަކުން އެއްކިބާވެހުރެ އިސްލާމްދީން ދިރާސާކޮށްފިނަމަ، އެ ދީން ކުރިއަރުވަން މެނެވީ މަސައްކަތެއް ނުކުރާނެއެވެ. އެބައިމީހުންގެ މައްސަލައަކީ އިސްލާމްދީނާމެދު އެމީހުންގެ ހިތްތަކުގައި އޮންނަ ޙަސަދައެވެ. ޙައްޤު ނޭނގެނީއެއް ނޫނެވެ.
- ޝައިޚް މުޙައްމަދު ޝާފިޢު