އެމީހާގެ ޢަމަލުތަކުގެ ޙިސާބު ދުނިޔޭގަ ހުންނައިރު ނުއަންގަވަނީ ލައްވަވަން އޮތް ރަހްމަތުގެ ބޮޑުކަމުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
އެމީހާގެ ޢަމަލުތަކުގެ ޙިސާބު ދުނިޔޭގަ ހުންނައިރު ނުއަންގަވަނީ ލައްވަވަން އޮތް ރަހްމަތުގެ ބޮޑުކަމުންނެވެ!

އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

يا ابن آدم أنت أيام، كلما ذهب يوم منها ذهب بعضك، ويوشك إذا ذهب بعضك أن يذهب كلك وأنت لا تعلم، فاعمل، فاليوم عمل ولا حساب، وغدا حساب ولا عمل  

"އޭ އާދަމުގެ ދަރިއާއެވެ! ތިބާއަކީ ދުވަސްތަކެކެވެ. އޭގެން ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ތިބާއިން މަދުވެގެންދާ ބައެކެވެ. އަދި ތިބާ އަށް ނޭނގި، ދުވަސްތައް މަދުވަމުން މަދުވަމުންގޮސް، ތިބާއާ ނިމުން ކައިރިވެދާނެއެވެ. ހެޔޮ ޢަމަލުކުރާށެވެ. އެހެނީ މިއަދު އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. އަދި މާދަމާ އޮތީ ޙިސާބެވެ. ޢަމަލެއް ނެތެވެ."  

ދުނިޔޭގައި އަހަރެމެންކުރާ ޢަމަލުތަކުގެ ނަތީޖާ އަހަރެމެންނަށް ނުއަންގަވާތީ އަހުރެމެންނަށް ނުއެނގެނީއެވެ. އެކަން އަންގަވާނީ ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމުގެ ވަގުތުގައެވެ. އެއީ ﷲ ތަޢާލާ އެކަން ނިންމަވާފައިވާ ގޮތެވެ.  

އެއީ ވަރަށް ބޮޑު ރަޙްމަތެކެވެ. ދުނިޔޭގައި ހުންނައިރު ހިސާބު ބައްލަވާނަމަ ކުރެވޭ ހެޔޮ ޢަމަލު މަދުވެދާނެއެވެ. ސުވަރުގޭގައި ދަރަޖަތަކެއް ހުރިއިރު އެންމެ ދަށުދަރަޖަ ލިބުމުންވެސް ފުދޭކަމަށް ޤަބޫލުކުރެވިގެންނެވެ. މަތި ދަރަޖަތަކަށް އަރަން ކުރެވޭ މަސައްކަތް މަދުވެދާނެތީއެވެ. އެކަމަށް ހިތްވަރު ދެއްވެވުމަށެވެ. މިއީ އަހުރެންގެ ވިސްނުމެވެ. މޮޅަށް ދެނެވޮޑިގެންވަނީ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާއެވެ.  

ﷲ ތައާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވަނީ ކިތަންމެ ބުރަ މަސައްކަތްކޮށްގެންވެސް ސުވަރުގޭގެ އެންމެ ދަރަޖަ ހޯދުމަށެވެ. ވީމާ އަހަރެމެން ކުރަން އޮތް ކަމަކީ ޖަންނަތުލްފިރުދައުސް ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ. ފާފައަކަށްވެދާނެ އެއްވެސް ކަމެއް ނުކުރަންވީއެވެ. ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރަންވީއެވެ. ނޫންނަމަ ތިމާއަށް ސަލާމަތް ނުވެވިދާނެކަމަށް ބަލައި ﷲ ތައާލާއަށް ބިރުވެތިވެ ތަޤްވާވެރިކަން އިތުރުކުރަންވީއެވެ. އެއިރުން އެމީހާގެ ހިސާބު ބައްލަވާއިރު އެމީހާއަށް އުފާވެރިކަން ލިބިގެންދާނެއެވެ. އިން ޝާ ﷲ  

މީސްތަކުން ދުނިޔޭގައި ތިބެ ކުރާ އަމަލުތަކުގެ ހިސާބު ދުނިޔޭގައި މީހާ ހުއްޓައި ނުބައްލަވަނީ ކީއްވެ ކަމާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. ޖަވާބަކީ ﷲ ތަޢާލާ ހިސާބު ބައްލަވައެވެ. ﷲ ތައާލާ ދެނެވޮޑިގެން ނުވާ އެއްވެސް ކަމެއް ނުހިނގައެވެ. ނުވެސް ހިނގާނެއެވެ. އެމީހަކު ދުނިޔޭގައި ހުރެ ކުރާނެ ޢަމަލުތަކާއި އެމީހަކު ދުނިޔެއަށް އައުމުގެ މާކުރިންވަނީ ލޔެވިގެންނެވެ. އެއީ އެމީހާކުރާނެ ޢަމަލުތައް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާތީއެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން