ޢާއިޝަތު ރަފާޙް ޢަލީ
ދަރިން ތަރުބިއްޔަތުކުރުމާބެހޭ ގޮތުން ބޭރުގެ ޢިލްމްވެރިންގެ ފޮތްތަކުން ދަސްކުރުމަކީ މައްސަލައެއްތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފުރަތަމަ ޤުރްއާނާއި ސުންނަތުން ދަސްކުރާށެވެ! ދަރިންނަށް އެކަންކަން ދަސްކޮށްދޭށެވެ! އެކަންކަން ދަސްކޮށް ދަރިންނަށް ދަސްކޮށްދިނުމަށްފަހު ޢިލްމްވެރިންގެ ފޮތްތަކުން ދަސްކުރައްވާށެވެ! މައްސަލައަކަށްވަނީ ތަރުތީބު އޮޅުވައިލެވޭތީއެވެ.
ދަރިން ތަރުބިއްޔަތުކުރުމަށް އަންގަވާފައި އެކަންކުރަންވީ މަގުވެސް ވަނީ ދައްކަވައިފައެވެ. އެކަމަށް ކީރިތި ޤުރްއާނުގައި ހުރި އާޔަތްތަކުގެ ތެރެއިން މާތް ﷲ ލުގްމާން ސޫރަތުގައި ވަހީ ކުރައްވާފައިވަނީ މިފަދައިންނެވެ.
وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ﴿١٣﴾
يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّهُ ۚ إِنَّ اللَّهَ لَطِيفٌ خَبِيرٌ ﴿١٦﴾ يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ ﴿١٧﴾ وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴿١٨﴾ وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ ﴿١٩﴾
މާނައީ"އަދި ލުޤްމާންގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަޞީޙަތްދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! ﷲ އަށް ތިބާ ޝަރީކުނުކުރާށެވެ! ހަމަކަށަވަރުން، ޝަރީކުކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ. (13)
އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ ޢަމަލަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި ޢަމަލެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (ޤިޔާމަތް ދުވަހުން) ﷲ އެ ޢަމަލެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، ﷲ އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (16)
އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމްކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރު ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ. (17)
އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ޙާލް، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ. (18)
އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ޙިމާރުގެ އަޑުކަން ކަށަވަރެވެ. (19)"
އެގޮތުން ލުގްމާންގެފާނު ދަރިކަލުންނަށް ދެއްވި ނަސޭހަތަކީ:
· ޝިރުކުން ދުރުވުމަށް
· ނަމާދު ޤާއިމުކުރުމަށް
· ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ކުރުމަށް
· ކެތްތެރިވުން
· މާތް ﷲ ހުރިހާ ކަމެއް ބައްލަވާ ވޮޑިގެން ވާކަން އަދި އެއްވެސް އެއްޗެއް އެކަލާނގެއަށް ވަންހަނާ ނުވާކަން
· ކިބުރުވެރިކަމުން ދުރުވެގަތުން
· ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެން ނުވާކަން
(ބިރުވެތިވާންވީ ކަމަކީ އެމީހަކުދެކެ ﷲ ލޯބިވެވޮޑިގެން ނުވާ މީހަކު ސުވަރުގެ ނުވައްދަވާނެތީއެވެ! ސުވަރުގެ ވަދެވޭނީ މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިގެންނެވެ.)
މިކަންކަން ޤުރްއާނުގައި ބަޔާންކުރައްވަވާފައި އެވަނީ އެނަޞޭޙަތްތައް އަހުރެމެންވެސް އަހުރެމެންގެ ދަރިންނަށް ދޭންޖެހޭނެތީއެވެ. އެ ނަޞީޙަތްތަކުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރަން ޖެހޭނެތީއެވެ.
ﷲ އަންގަވާފައިވާ މަގުން ދަރިން ތަރުބިއްޔަތުކުރެވުނުކަމަށްވާނީ މިމަގުން ތަރުބިއްޔަތުކުރެވުނު ނަމައެވެ.
މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ޝަރީކު ކުރުމުގެ ނުބައިކަމާއި ބެހޭގޮތުން ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅަށް ވިސްނައިލަމާތޯއެވެ؟
"اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ ﴿١٤﴾ وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا ۖ وَاتَّبِعْ سَبِيلَ مَنْ أَنَابَ إِلَيَّ ۚ ثُمَّ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿١٥﴾
(ތިމަންރަސްކަލާނގެ އަމުރު ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. (14)
އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް ޝަރީކްކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަންރަސްކަލާނގެ ޙަޟްރަތަށް ކިޔަމަންވެ، ރުޖޫޢަވީ މީހުންގެ މަގަށް ތަބަޢަވާށެވެ!"
"ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލު ތަކުގެ ޚަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. (15)
ވިސްނާލަންޖެހޭނެ ކަމަކީ މާތް ﷲ އަށް އުރެދުމެއްވާ ކަމެއްގައި މައިންބަފައިންނަށްވެސް ކިޔަމަންތެރިނުވާން އަންގަވާފައިވާތީއެވެ. އެހެންކަމަށްވާއިރު އެއްވެސް މީހަކު ބުނެގެން ﷲ އަށް އުރެދުމެއްވާ އެއްވެސް ކަމެއް ކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟