ޚުޠުބާ: ރަމަޟާންމަހަށް ތައްޔާރުވުމަށާ ރޯދައަށް ހުންނައިރު ސަމާލުކަންދޭންވީ ކަންކަން-

މިއަދު
ކިޔުމަށް ހޭދަވާނީ 10މ 39ސ
ޚުޠުބާ: ރަމަޟާންމަހަށް ތައްޔާރުވުމަށާ ރޯދައަށް ހުންނައިރު ސަމާލުކަންދޭންވީ ކަންކަން-

އަހަރެމެންނާ ކުރިމަތިވަމުން މި އަންނަނީ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ ރަމަޟާންމަހެވެ. މި ބަރަކާތްތެރި މައްސަރުގެ ޘަވާބާއި ދަރުމަ ހޯދުމަށް އަހަރެމެން އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެ، ފުރިހަމަ އިސްތިޤުބާލަކުން  އެ މައްސަރާ އިސްތިޤުބާލުކުރާންޖެހެއެވެ. 

ރަމަޟާންމަސް ކައިރިވެގެން އަންނަ ހިނދު ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޞްޙާބު ބޭކަލުންނަށް އެ މަހުގެ މުހިއްމުކަމާއި ބަރަކާތްތެރިކަން ބަޔާންކޮށްދެއްވައި އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (أَتَاكُمْ رَمَضَانُ، شَهْرٌ مُبَارَكٌ، فَرَضَ اللهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيْهِ أَبْوَابُ السَّمَاءِ، وَتُغْلَقُ فِيْهِ أَبْوَابُ الْـجَحِيْمِ، وَتُغَلُّ فِيْهِ مَرَدَةُ الشَّيَاطِيْنِ، لِلَّهِ فِيْهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ.)[1] މާނައީ: "ތިޔަބައިމީހުންގެ ގާތަށް ރަމަޟާންމަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. ﷲ تَعَالَى ތިޔަބައިމީހުންގެ މައްޗަށް އެ މަހުގެ ރޯދަ ފަރުޟުކުރެއްވިއެވެ. އެ މަހުގައި އުޑުގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި މާރިދު ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެ މަހުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ (ހުރިހައި ހެޔޮކަމަކުން) މަޙްރޫމުވެއްޖެއެވެ." ނަބިއްޔާ z އެ މަހުގެ މަތިވެރިކަން ހަނދުމަކޮށްދެއްވައިފައި އެ ވަނީ އެ މަހުގެ ދަރުމައާއި ޘަވާބުން އަހަރެމެން މަޙްރޫމުވިޔަނުދެއްވުމަށް ޓަކައެވެ. 

މި ބަރަކާތްތެރި މައްސަރާ އަހަރެމެން ކުރިމަތިލާއިރު، އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ، އަހަރެމެންގެ ޙަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވެގެންވާ ޙާލު މި މަތިވެރި މައްސަރާ ބައްދަލުކުރުމެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އޭ مؤمنންނޭވެ! ތިޔަބައިމީހުން އެންމެން ﷲއަށް توبةވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيبލިބުމަށް ޓަކައެވެ." 

މި ބަރަކާތްތެރި މައްސަރުގެ ދުވަސްތަކާ އަހަރެމެން ކުރިމަތިލާންވާނީ، ފުރިހަމަ އީމާންކަމާ އެކު، އެ މައްސަރުގެ ފުރިހަމަ ދަރުމައާއި ޘަވާބަށް އެދޭ ޙާލުގައެވެ. ނަބިއްޔާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ صَامَ رَمَضَانَ إِيـْمَانًا وَاِحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ.)[2] މާނައީ: "އީމާންކަމާއެކު، ﷲގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިދެއެވެ." އެހެންކަމުން، ރަމަޟާންމަހާ އަހަރެމެން ކުރިމަތިލާންވާނީ، އެ މައްސަރުގެ ތަރުބަވީ މަދަރުސާއިން ނަފުސުތައް އިޞްލާޙުކޮށް، ޙަޔާތުގެ އާ ޞަފުޙާތަކެއް ހުޅުވައިލުމުގެ މަތިވެރި ޢަޒުމާ އެކުގައެވެ. ނަފުސު ހެޔޮ ކަންކަމަށް ތަރުބިޔަތުކޮށް، ހޭނުވުމަށް އެ އަށް ވުރެ ވަކީން ރަނގަޅު ފޯވައްސެއް ނުލިބޭނެއެވެ. އެއީ تَقْوَىވެރިކަމަށް ވާޞިލުކޮށްދޭ ހުރިހައި ސަބަބުތަކެއް އެ މަހެއްގައި ޖަމާވާ މައްސަރެކެވެ. އަހަރުގެ އެހެން މަސްތަކާ ޚިލާފަށް އަޅުކަމުގައި މުރާލިކަން އިތުރުކޮށް، ވަރުގަދަ ޢަޒުމަކާ އެކު ކުރިމަތިލާން ޖެހޭ މައްސަރެވެ. 

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އަހަރެމެން ކުރާންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، ރޯދައިގެ ޝަރުޢީ ޙުކުމްތައް ދެނެގަތުމެވެ. ރޯދައިގެ މަތިވެރިކަމާއި ފުރިހަމަ ޘަވާބާއި ދަރުމަލިބޭ ގޮތަށް ރޯދަހިފާނެ ގޮތް ދަސްކުރުމެވެ. ރޯދަ ގެއްލޭ ކަންތައްތަކާއި، ރޯދައަށް ހުރެ ކުރުން މަކުރޫހަ ކަންތައްތައް ދެނެގަނެ އެ ކަންކަމުން ދުރުހެލިވުމަށް ޓަކައެވެ. ރޯދައިގެ ހިސާބެއް ނެތް އަޖުރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށް ޓަކައެވެ. ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން ވާރިދުވެފައިވާ ޤުދުސިއްޔަ ޙަދީޘްބަސްފުޅެއްގެ މާނައިގައި ވެއެވެ. "الله سُبْحَانَهُ وَتَعَالَى ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ހުރިހައި ޢަމަލުތަކެއް ވަނީ އޭނާއަށެވެ! ރޯދަ ފިޔަވައެވެ. އެ ރޯދަ ވަނީ ތިމަންރަސްކަލާނގެއަށެވެ! އެ އަށް ޖަޒާދެއްވާ ހުށީ ތިމަންރަސްކަލާނގެއެވެ. ރޯދައަކީ ރައްކާތެރިކަމެކެވެ. (އެބަހީ: ނަރަކައިން ދުރުކޮށްދޭކަމެކެވެ.) ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުންނަ ދުވަހު އެއްދާންނުކުރާށެވެ! އަދި ބޭކާރު ވާހަކަނުދައްކާށެވެ! ފަހެ، ރޯދައަށް ހުންނަ ހިނދު، މީހަކު ތިބާއާ ޒުވާބެއް ކޮށް، ގޯނާއެއް ކުރިޔަސް ތިމަން މިހުރީ ރޯދައަށޭ ބުނާށެވެ! ތިމަންކަލޭގެފާނުގެ ނަފުސު އެ ފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް (الله سُبْحَانَهُ وَتَعَالَى) ގަންދެއްވައި ވިދާޅުވަމެވެ. ރޯދަވެރިޔާގެ އަނގައިން ނުކުންނަ ވަސް ﷲގެ ހަޟުރަތުގައި ގޮމަކަސްތޫރިއަށް ވުރެ ވަސްމީރުވެގެން ވެއެވެ. ރޯދަވެރިޔާއަށް ދެ އުފަލެއް ވެއެވެ. އޭނާ ރޯދަވީއްލާ ހިނދު ލިބޭ އުފަލާއި، އޭނާގެ ވެރި ރަސްކަލާނގެއާ ބައްދަލުވާ ހިނދު ރޯދައިގެ ސަބަބުން ލިބޭ މަތިވެރިކަމުގެ އުފަލެވެ."[3] އިމާމް މުސްލިމުގެ ރިވާޔަތުގައި، އާދަމުގެދަރިޔާގެ ކޮންމެ ޢަމަލެއްގެ ދަރުމަޔާއި ޘަވާބު، ދިހަ ގުނައިންފެށިގެން ހަތް ސަތޭކަ ގުނައާ ހަމައަށް އިތުރުކޮށްދެއްވާކަމަށް ބަޔާންވެފައި ވެއެވެ.[4] 

ރޯދަހިފާން ޖެހޭ ގޮތަށް ރޯދަ ނުހިފާ ނަމަ، މި މަތިވެރި ސަވާބާއި ދަރުމައެއް ނުލިބޭނެއެވެ. ރަމަޟާންމަހުގެ ބަރަކާތްތެރި ދުވަސްތަކުގައި ހަމައެކަނި ބަނޑުހައިހޫނުކަމާއި ކަރުހިއްކުންލިބޭ ބަޔަކަށް އަހަރެމެން ވެއްޖެ ނަމަ ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ! ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَن لَّـمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ وَالْـجَهْلَ، فَلَيْسَ لِلَّهِ حَاجَةٌ فِيْ أَنْ يَدَعَ طَعَامَهُ وَشَرَابَهُ.)[5] މާނައީ: "ދޮގު ވާހަކަދެއްކުމާއި ނުބައި ޢަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު ބަސްތައް ގޮވުން ހުއްޓައިނުލައިފި މީހަކު، ކެއުމާއި ބުއިމުން ދުރުހެލިވުމަކަށް ﷲ تَعَالَى އެދިވޮޑިއެއްނުގަންނަވަތެވެ." ރަސޫލާ zގެ އެހެން ޙަދީޘްބަސްފުޅެއްގެ މާނައިގައި ވެއެވެ. "ރޯދަހިފާ ބައެއް މީހުންނަށް އެ ރޯދައިގެ ސަބަބުން ކަރު ހިއްކުމާއި ބަނޑުހައިހޫނުކަށް ފިޔަވައި އެހެން އެއްޗެއް ނުލިބެއެވެ. އަދި ރޭއަޅުކަން ކުރާ ބައެއްމީހުންނަށް އެ ކަމުގެ ސަބަބުން ހޭލައިހުރުން ފިޔަވައި، އެހެން އެއްޗެއް ނުލިބެއެވެ."[6] ރަމަޟާންމަހާ ބައްދަލުވެ، އެ މަހު އޭނާގެ ނަފުސު ތަހުޒީބުނުވެ، ހަމައެކަނި ނަމަކަށް ރޯދަހިފައިފި ނަމަ، އެ މަސް އެއްކޮށް ބޭކާރު ކޮށްލެވުނީއެވެ.

އަހަރެމެން ރޯދަމަހަށް ތައްޔާރުވާންވީ ހަމައެކަނި ގޭތެރެ ރީތިކުރުމާއި ފަރުނީޗަރުތައް އައުކުރުމާއި ކާބޯތަކެތި ގަނެ ޖަމަޢަކުރުމަކުންނޫނެވެ. އެ ކަންކުރުމަކީ އޭގެ ޒާތުގައި މައްސަލައެއްނޫނެވެ. ނަމަވެސް ބަރަކާތުން ފުރިގެންވާ ހެޔޮކަމުގެ ދުވަސްތަކަށް ތައްޔާރުވުމުގެ ނަމުގައި، އިސްރާފުކުރާ މީހުން ފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެކެވެ. މި ފަދަ ކަންތައްތަކާ ދުރުހެލިވެ، ރަމަޟާންމަހާ ބައްދަލުކުރާ އިރު އެންމެ އިސްކަމެއް ދޭންޖެހޭނީ، އެ މަހުގެ ފުރިހަމަ ދަރުމައާއި ޘަވާބު ޙާޞިލުކުރެވޭނެ ގޮތަކަށް ކަންކަން ރޭވުމަށެވެ. ތިމާއާއި ތިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނަށް ވެސް މި މަތިވެރި ދުވަސްތަކުގެ ފުރިހަމަ ދަރުމައާއި ސަވާބު ޙާޞިލުކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރާން ޖެހެއެވެ. 

ރޯދައިގެ މަތިވެރި ޘަވާބާއި ދަރުމަ ހޯދުމަށްޓަކައި، ކުރާންވީ ކަންކަމުގެ ތެރޭގައި، ހާރު ކެއުން ފަސްކުޅައުމާއި، ފަރުޟު ނަމާދުތަކަށާއި، ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވުމާއި، ކީރީތި ޤުރްއާން ކިޔަވާ އިރު، ޤުރްއާނާ މެދު، ވިސްނައި ފިކުރުކުރުމާއި، ގިނަގިނައިން ދުޢާކުރުން ހިމެނެއެވެ. އަނބިދަރީންނާއި މައިންބަފައިންނާއި ގާތްތިމާގެމީހުންނަށް ހެއު ފޯރުވައި އިޙްސާންތެރިވެ އުޅުމާއި، ވަގުތުވުމުން ރޯދަވީއްލުން އަވަސްކުރުމާއި، ގިނަގިނައިން ޞަދަޤާތްކުރުން ހިމެނެއެވެ. ތަރާވީޙު ނަމާދާއި ރޭއަޅުކަންކުރުން ފަދަ ކަންކަމަށް ޖާގަ ލިބޭނޭ ގޮތަށް ކަންކަން ރާވައިލައިގެން ރަމަޟާންމަހާ ބައްދަލުކޮށްފި ނަމަ، އެންމެ ފުރިހަމަ ގޮތުގައި، މި މަތިވެރި ފޯވަހީގެ ބޭނުން ހިފޭނެއެވެ. 

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިންމު ކަމަކީ، އެ މަހަށް ތިމާގެ ނަފުސު ހޭނުވުމެވެ. ރަމަޟާންމަސް އަހަރެމެންނާ ބައްދަލުވުމުގެ ކުރީން ފާއިތުވީ ރަމަޟާންމަހުގެ ރޯދައެއް ނުހިފިވާ ނަމަ، އެ ރޯދައެއް ހިފުމަކީ ވާޖިބުކަމެކެވެ. އަދި ރޯދައިގެ މަތިވެރި އަޖުރުން އެއްވެސް މިންވަރެއް އުނިނުވެ، ރޯދަހިފޭނޭ ގޮތަކަށް އަހަރެމެން ރޯދަމަހާ ބައްދަލުކުރުމަށް ތައްޔާރު ވާންޖެހެއެވެ. ނަބިއްޔާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ صَامَ يَوْمًا فِيْ سَبِيْلِ اللَّه بَعَّدَ اللّٰهُ وَجْهَهُ عَنِ النَّارِ سَبْعِيْنَ خَرِيْفًا)[7] މާނައީ: "މީހަކު ﷲއަށް ޓަކައި ރޯދައެއް ހިފައިފި ނަމަ، އެ މީހެއްގެ މޫނު ނަރަކައާ ހަތްދިހަ ޚަރީފު (އެބަހީ: ހަތްދިހަ އަހަރުގެ) ރާސްތާއަށް ﷲ تَعَالَى ދުރުކުރައްވާނެތެވެ." ރޯދައިގެ ދަރުމައާއި ޘަވާބު މިހައި މަތިވެރިވެގެންވީ އިރު، ފުރިހަމަ ގޮތުގައި މި އަޅުކަން އަދާކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާން ޖެހެއެވެ. ރޯދައަށްހުރެ، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރައިރުންވުމާއި، ފުރައްސާރަކުރުމާއި، ބާޠިލު ވާހަކަދެއްކުމާއި، އެ ފަދަ ވާހަކަތައް އަޑުއެހުމަކީ ވެސް ރޯދައިގެ ޘަވާބަށް އުނިކަން އަންނާނޭ ކަންކަމެވެ. 

މުސްލިމް އަޚުންނޭވެ! ރަމަޟާން މަހަކީ، ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ނުހަދާށެވެ! އޭގެ ބަދަލުގައި، ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދީ، އެ މައްސަރުގެ ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ މުވައްޒަފުންނަށް، މި މަތިވެރި މައްސަރުގެ މަތިވެރި ދަރުމަ ލިބޭނޭ ގޮތަށް، އަޅުކަމަށް ފުށުނާރާނޭހެން، މަސައްކަތުގެ މާހައުލު ބައްޓަންކުރާށެވެ!

މިއަދު އޮންލައިން