އެހެން ދީންތަކަށް އަޅުކަންކުރާތަން ޓީވީން ނަމަވެސް ބެލުމަކީ ގެއަށް ރިޒުޤް ދަތިވާކަމެއް! ރަޙްމަތުގެ މަލާއިކަތުން ވަދެވަޑައިނުގަންނަވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
އެހެން ދީންތަކަށް އަޅުކަންކުރާތަން ޓީވީން ނަމަވެސް ބެލުމަކީ ގެއަށް ރިޒުޤް ދަތިވާކަމެއް! ރަޙްމަތުގެ މަލާއިކަތުން ވަދެވަޑައިނުގަންނަވާނެ ކަމެއް!

ކޮންމެ މީހަކުވެސް އެމީހަކު ދިރިއުޅޭ ގޭގައި ބަރަކާތްލެއްވެވުމަށް އެދޭނެއެވެ. ރިޒްޤް ތަނަވަސްވެ ގޭގެ އަހުލުވެރިންނަކީ ޞިއްޙަތު ސަލާމަތުން ތިބި ބއަކަށްވުމަށް އެދޭނެއެވެ. ތިމާ ދިރިއުޅޭގެއަކީ ޖިންނި ޝައިޠޯނުންގެ ކިބައިން ސަލާމަތްވެފައިވާ ގެއަކަށްވުމަށްވެސް އެދޭނެއެވެ.  

އެކަމަށްޓަކައި ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ ގެއަށްވަދުނުކުމެހަދާއިރު ޛިކުރުކުރުމެވެ. ދުޢާކޮށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމެވެ. ކުރަންހުރި ދުޢާތައް ވަރަށް ކުރުވެފައި ދޫމައްޗަށްވެސް އެހައިމެ ފަސޭހައެވެ. ނަމަވެސް ދުޢާކުރަން މިއަދު ގިނަ ބައަކު ވަނީ ހަނދާންނެތިފައެވެ. ނުވަތަ އެކަމާއިމެދު ޣާފިލުވެވިފައެވެ.  

ނަތީޖާއަކީ ޝައިޠޯނުން ގެއަށް ވެރިވެގަނެ ގޭގައި ހާލިހަދައި ގޭގައި ހަރުލައި ހެޔޮ އަމަލުތައް ކުރުމާއި ގޭގެ އަހުލުވެރިން ދުރުކުރުވުމެވެ. ގޭގެ އަހުލުވެރިން ލައްވައި ގޭގައި ނުބައި އަމަލުތައް ކުރުވައި ރަޙްމަތުގެ މަލާއިކަތުން ގެއާއި ދުރުކުރުވުމެވެ.  

މިގޮތުން ގެތަކުގައި މިހާރަކަށް އައިސް ކުރާ އެންމެ ޢާންމު އެއްކަމަކީ އެހެން ދީންތަކަށް އަޅުކަންކުރާ މަންޒަރުތަކާއި އަޢުރަ ނިވާނުކޮށް ތިބޭ މީހުން ފެންނަ މަންޒަރުތައް އެކުލެވޭ ފިލްމުތައް ބެލުމެވެ. ފިލްމް، ސީރީޒް ކީނަމަވެސް އެއްޗަކީ ހަމައެކައްޗެކެވެ. ފެންނަނީ އެއް ކަންތައްތަކެކެވެ. ވީމާ ކުރެވެނީ ހަމަ އެއް ކަންތައްތަކެކެވެ. މުސްލިމުން ބެލުން ހުއްދަ ނޫން މަންޒަރުތަކެވެ.  

ސީރީޒްތަކާއި ފިލްމުތަކުގައި އެމީހުންގެ ކަލާނގެތަކަށް ދުޢާކުރުމާއި އެކަމުން ފައިދާކުރާކަން ދައްކައެވެ. މިކަންކަމުން ދަރިންނަށް ދަސްވާނީ ކޮންފަދަ ބޮޑު ޝިރުކެއްކަމާއިމެދު ވިސްނައިލެވޭ ބާވައެވެ!  

އަހުރެން ޤަބޫލުކުރާ ގޮތުގައި އެފަދަ ކަންކަން ކުރަނިކޮށް އެގެއަކަށް ރަޙްމަތުގެ މަލާއިކަތުންވަދެވަޑައެއް ނުގަންނަވާނެއެވެ. އެހެނީ އެ ކަމަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަމެކެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ޢަމަލުތައް ކުރާ ތަންތަނަށް ރަޙްމަތުގެ މަލާއިކަތުން ވަދެވަޑައެއް ނުގަންނަވާނެއެވެ!  

މިފަދަ އަމަލުތައް ކުރުވަނީ ޝައިޠޯނާއެވެ. އެގެއެއްގެ މީހުންނަށް އެއީ ކުރަން ވަރަށް ރަނގަޅުކަމެއްކަން ވިސްނައިދީ ޝައުޤުވެރިކުރުވައިގެންނެވެ. ނަމާދު ވަގުތަށް ނުދޭ ސަމާލުކަން އެފަދަ ސސީރީޒްތައް ދައްކާ ވަގުތުތަކަށް ދެވޭކަން އެއީ މިބުނި ބަހުގެ ދަލީލަކަށް ފުދިގެންދެއެވެ.  

ވީމާ ދިރިއުޅޭގެތަކަކީ ޝައިޠޯނާގެ ކިބައިން ސަލާމަތްކުރެވިފައިވާ ގެތަކަކަށް ހަދަން  މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ރަޙްމަތް އިތުރުވެ ގެއަށް ބަރަކާތް އިތުރުވެ އުފާވެރިކަން ލިބޭނީ އެއިރުންނެވެ!  

އެގެއަކަށް ރަޙްމަތުގެ މަލާއިކަތުން ގިނަގިނައިން ވަދެވަޑައިގަންނަވާނަމަ އެގެއެއްގައި ބަރަކާތް ލައްވަވާނެތެވެ. ރިޒުޤް އިތުރުވާނެތެވެ. ފިތުނަތައް ކުޑަވާނެތެވެ. ވީމާ މަސައްކަތް ކުރަންވީ ރަހްމަތުގެ މަލާއިކަތުން ވީހައި ގިނައަކުން އެގެއަކަށް ވަދެވަދައިގަންނަވާނެ ގޮތަށް ގޭގެ ކަންކަން ބެހެއްޓުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން