މިހާރުގެ ޙާލަތަށްބަލައި ކަމަށްބުނެ ބަންގި ދިނުމާއި ޤަމާތްދިނުމާއި ދެމެދުގެ ވަގުތު ކުރުކޮށްފައިވުމުން އިހު ސުންނަތް ޚާއްޞަކޮށް އިހު ސުންނަތުގެ 4 ރަކްއަތް ކުރަން އުނދަގޫވެގެން ސުންނަތްކުރާއިރު ނުކޮށް ދޫކޮށްލެވޭނީ ކޮން ކަންތައްތަކެއް ކަމާއިމެދު ގިނަބައަކު ސުވާލުކުރެއެވެ.
އެހެންކަމުން މިގެނެސްދެނީ ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ފަރުޟު ނަމާދާއި ސުންނަތް ނަމާދު ތަކުގައި އެއީ ތަރާވީސް، ވިތުރި، ނުވަތަ ދަމުނަމާދު އަދި ޟުޙާ ނަމާދު އަދި ރަވާތިބު ސުންނަތްތައް ކަމުގައިވިޔަސް ނަމާދުގެ ރުކުންތަކާއި ވާޖިބުތަކުގައި އަދި ނަމާދުގައި ކިޔާ ދުޢާ ތަކާއި ޒިކުރު ތަކުގައި އެއްވެސް ތަފާތެއް ނުވެއެވެ.
ނަމާދުގެ ރުކުންތައް:
01- ފަރުޟުނަމާދުތަކުގައި ޤިޔާމަށް ހުރުން
02- ޙަރަމް ބަން ތަކުބީރުކިޔުން
03- ސޫރަތުލް ފާތިޙާ ކިޔެވުން
04- ކޮންމެ ރަކުޢަތެއްގައި ރުކޫޢު ކުރުން
05- 06- ރުކޫޢުން ތެދުވުމާއި އިޢްތިދާލުގައި ހުރުން
07- ސަޖިދަކުރުން
08- ސަޖިދައިން ތެދުވުމާއި ދެސަޖިދަ ދެމެދު އިނުން
09- ނަމާދުގެ ކޮންމެ ޙަރަކާތެއްގައި މަޑުވެލުން
10،11 ފަހު އައްތަޙިއްޔާތާއި، ފަހު އައްތަޙިއްޔާތުގައި އިށީނުން
12- ފަހު އައްތަޙިއްޔާތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތްކިޔެވުން
13- ރުކުންތައް ތަރުތީބުކުރުން
14- ސަލާމްދިނުން
ނަމާދުގެ ވާޖިބުތައް:
01- ތަކްބީރަތުލް އިޙްރާމް ފިޔަވައި އެހެން ތަކްބީރުތައް.
02- އިމާމްވެ ނަމާދުކުރާމީހާ އާއި މުންފަރިދު ’سمع الله لمن حمده‘ މިފަދައިން ކިޔުން.
03- މައުމޫމުވެ ނަމާދުކުރާމީހާ ’ربنا ولك الحمد‘ މިފަދައިން ކިޔުން
04- ރުކޫޢުގައި ’سبحان ربي العظيم‘ މިފަދައިން އެއްފަހަރު ކިޔުން
05-ސަޖިދައިގައި ’سبحان ربي الأعلى‘ މިފަދައިން އެއްފަހަރު ކިޔުން
06-ދެސަޖިދަ ދެމެދުގައި ’رب اغفرلي‘ މިފަދައިން ކިޔުން
07- ފުރަތަމަ އައްތަޙިއްޔާތު ކިޔުން
08- ފުރަތަމަ އައްތަޙިއްޔާތުގައި އިނުން
މިއިން އެއްވެސް ކަމެއް ދޫކޮށްލައިގެން ނަމާދު ފުރިހަމައެއް ނުވާނެއެވެ!