ދަރިންނާއިމެދު ޢަދުލުވެރިވުމަކީ ކުރަންޖެހޭ ކަމެކެވެ. ޢަދުލުވެރިވުމުގެ މުހިންކަން ދަރިންނަށް ދަސްކޮށްދޭންވެސް ޖެހެއެވެ. ޚާއްޞަކޮށް އެންމެ ބޮޑަށް ޢަދުލުވެރިވާންޖެހޭނީ ﷲ ތަޢާލާއަށްކަން ދަސްކޮށްދޭންޖެހެއެވެ. ހަމައެއާއިއެކު އެއްކަމެއްގައި ދެގޮތަކަށް މައިންބަފައިން ކަންކަން ކުރާނަމަ ރަނގަޅު ގޮތަކީ ކޮބައިކަން ދަރިންނަކަށް ނުވިސްނޭނެއެވެ.
ﷲ ތަޢާލާ ވަކި ގޮތަކަށް ކުރަން އަންގަވާފައިވާކަމެއް އެހެން ގޮތަކަށް ބަދަލުކުރުމެއް ނެތެވެ. ވީމާ ދަރިފުޅުގެ ބޯއިފްރެންޑަކީ ކިތަންމެ ތަނަވަސް މީހަކު ނަމަވެސް ﷲ ތަޢާލާ ހުއްދަނުކުރައްވާ ކަންކަން ހުއްދަކޮށްގެން ނުވާނެއެވެ. އަންހެން ދަރިން ބެލެހެއްޓުމަކީ މައިންބަފައިންގެ ބޮލުގައި އެޅޭ އެންމެ ބޮޑު ޒިންމާއެވެ.
މައިންބަފައިން ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުން ވަރަށް މުހިންމުކަމަށް ދެކެމެވެ.
ތިރީގައިވާ ލިޔުމުގައިވާ މައްސަލަ ފާހަގަކޮށް ވަރަށް ގިނަކުދިން ނޫހަށް ކޮމެންޓްކުރެއެވެ. މައިންބަފައިންނާއިމެދު ހިތްހަމަނުޖެހިގެން ނުބައި ބަސްތައްވެސް ބުނެފައި ހުރެއެވެ. އެހެންވެ މި މައްސަލަ ބެލެނިވެރިންގެ ސަމާލުކަމަށް މިގެންނަނީ ވިސްނައި ކަންކަން އިޞްލާޙްކުރަން ނަޞޭޙަތް ދިނުމުގެ ގޮތުންނެވެ.
އެއް ކުއްޖަކު ބުނެފައިވެއެވެ. "މަންމަމެން މިހާރު އެއުޅޭ ގޮތުން ވަރަށް ރުޅިއައުދެއެވެ. ފޫހިވެސްވެއެވެ. އެކަން ދައްކާލަން މަންމަމެންގެ ކުރިމަތީގައި އެމީހުން ރުޅިއަންނާނެ ކަންކަން ކުރަންވެސް ހިތަށް އަރައެވެ. ނަމަވެސް އެފަދަ ކަންކަން ނުކުރަނީ އަޅުގަނޑު ކިތަންމެ ކުޑަނަމަވެސް ﷲ އަށް ބިރުވެތިވެވޭތީއެވެ."
އެހެންކަމަށްވާއިރު މިއީ އިޞްލާޙްކުރަންޖެހޭ ކަމަކަށް ނުވޭތޯއެވެ؟
އަޅުގަނޑަކީ 24 އަހަރުގެ އަންހެން ކުއްޖަކީމެވެ. 19 އަހަރުން ފެށިގެން ބޯއިފްރެންޑާއެކު ބޭރަށް ގޮސް އުޅެމެވެ. މަންމަވެސް ބައްޕަވެސް ހުރަހެއް ނާޅައެވެ. އެ ބޯއި ފްރެންޑް އަހަރެން ދޫކޮށްލާފަ ދިއުމުން ރައްޓެހިވާ އެއްވެސް ބޯއިފްރެންޑަކާއެކު ބޭރަށް ދާކަށް ނުރުހެއެވެ. އެއިރު ފޯނުގަ 3،4 ގަޑިއިރު ހޭދަކުރި ނަމަވެސް ހަމަ ވަރަށް އޯކޭއެވެ! މިހާރު 2، 3 މިނިޓްވާއިރަށް ޗުކްޗުކްލައްވަން ފަށައެވެ.
މިއަދުނޫހަކީ މިބާވަތުގެ ކަންކަމުގަ ވަރަށް ރަނގަޅު މައުލޫމާތު ހާމަކުރާ ނޫހެއްކަން ފާހަގަކުރެވޭތީ ސުވާލުކޮށްލަން ބޭނުންވަނީ އެންމެ ފުރަތަމަ ވަރަށް މުއްސަނދި ބޯއިފްރެންޑާއިއެކު ހުރިހާ ކަމެއް ހުއްދަވެފައި ދެން ގުޅޭ ބޯއިފްރެންޑް ފަޤީރުވީމާ ހުރިހާ ކަންކަން މަނާކުރަނީ އަޅުގަނޑުގެ ފައިދާޢަކަށްތޯއެވެ؟ ނޫނީ މަންމަމެންގެ ފައިދާއަކަށްތޯއެވެ؟"
- މިއަދުނޫހުގެ ކިޔުންތެރިއެއް
ކިޔުންތެރިޔާގެ ސުވާލަށް ފުރިހަމަ ޖަވާބެއް ދެވޭނީ މައިންބަފައިންނަށެވެ. މައިންބަފައިންނާއިމެދު ގޯސްކޮށް ހީކުރާކަށްވެސް ނުވާނެއެވެ. އެކަން އެހެން އެކުރަނީ ފުރަތަމަ ކަންތައް ދިމާވިގޮތުގެ ތަޖުރިބާއަށްބަލައި ކަމަށްވެސް ވެދާނެއެވެ.
ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ބޯއިފްރެންޑުން ހުއްދައެއް ނޫނެވެ. އޮތީ އަވަހަށް ކައިވެނިކުރުމެވެ.
ތިއަ މައްސަލައިގައި ފުރަތަމކަމަކަށް އޮތީ މައިންބަފައިންނަށް ބަހެއް ބުނުމެވެ. މުފްތީ މެންކުގެ މި ބަސްފުޅުތައް އަޑު އިއްވައިލުމެވެ. މިލިޔުމަކީ މިއަދުނޫހުގައި ކުރިން ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.
ދަރިން ޒިނޭކުރާކަން އެނގި ތިބެ ނުހުއްޓުވާނަމަ ފާފައިން މައިން ބަފައިންނަށް ބައި އެޅޭނެ!
ބައެއް ފަހަރު ކުރިމަތިވާ ކަމެކެވެ. އަންހެން ދަރިފުޅު ގުޅެން އުޅެނީ މުއްސަނދި ފިރިހެން ކުއްޖަކާއި ކަމަށްވާނަމަ ޒިނޭކުރި ނަމަވެސް މައިން ބަފައިން އަޅައެއް ނުލައެވެ. ކޮޓަރި ތަޅުލައިގެން ކިތަންމެ ގިނަ އިރަކު އުޅުނު ނަމަވެސް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. ކަނޑައެޅިގެން ޒިނޭ ކުރާކަން އެނގޭއިރުވެސްމެއެވެ. ދެކުދިން އެކުގައި ދުރު ރަށްތަކަށް، ބޭރު ޤައުމުތަކަށްވެސް ފޮނުވައެވެ.
މިއީ މައިން ބަފައިން ކުރާ ވަރަށް ބޮޑު ފާފައެކެވެ. ދަރިންނަށް މިފަދަ ކަންކަން ކުރަން ފުރުޞަތު ދޭނަމަ އެކުދިން ކުރާ ފާފައިން ތިބާއަށް ބައި އެޅޭނެއެވެ. އެއީ ޔަޤީން ކަމެކެވެ. އެހެނީ އެކަން ވާނީ ތިބާ ކުރުވާ ކަމަކަށެވެ. އެ ޒިންމާއިން ބަރީޢަ އެއް ނުވެވޭނެއެވެ. އިސްލާމް ދީނުގައި އޮތީ މުއްސަނދިން ޒިނޭކުރުމުން އަޒާބު ނުދެއްވަވާ ގޮތަކަށް ނޫނެވެ. އިސްލާމް ދީނުގައި ހައްދުތައް ޤާއިމުކުރަން ޖެހެނީ މީހާގެ ތަނަވަސްކަމަށް ބަލައިގެނެއް ނޫނެވެ. އެންމެހައި މީސްތަކުންނަށް އޮތީ އެއް ޙުކުމެކެވެ.
މިސާލަކަށް ކޮލެޖު ނުވަތަ ޔުނިވަރސިޓީގައި ކިޔަވަމުން ދެކުދިން ގުޅިދާނެއެވެ. ނަމަވެސް ކޮލެޖު ނިންމަންދެން ކައިވެނި އެބަ ލަސްކުރެއެވެ. ކޮލެޖު ނިމެން 2 އަހަރު އޮވެދާނެއެވެ. 2 އަހަރުވަންދެން ކުދިން، އެކުދިން ކުރަން ބޭނުންވާ ކަންކަން ނުކޮށެއް ނުތިބެއެވެ. އެހެންކަމާއިއެކުވެސް ދަރިންނަށް ހުރިހާ ފުރުޞަތުތަކެއް ދޭނަމަ މިކުރެވެނީ ކިހައި ބޮޑު ފާފައެއް ހެއްޔެވެ؟ 2 އަރުވަންދެން ކުދިން ކުރާ ފާތަކުގެ ޒިންމާ އުފުލުމަކީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ކަންކަމަށް ބިރުވެތިވާށެވެ! ކޮލެޖުގައި ތިބެގެން ނަމަވެސް ދެ ކުއްޖަކު ގުޅިއްޖެ ނަމަ ދޭންވީ ޒިނޭކުރުމުގެ ފުރުޞަތެއް ނޫނެވެ. އަވަހަށް ކައިވެނިކޮށްދޭންވީއެވެ. ކައިވެނިކޮށްދީ ޒިނޭކުރުމުގެ ފުރުޞަތު ނުދީ ޒިނޭ ކުރުމުގެ ފާފައިން 2 ކުދިން ސަލާމަތް ކުރުވާށެވެ! އަދި އެކަން ކުރުވުމުގެ ފާފައިން ތިބާވެސް ސަލާމަތްވާށެވެ!
ބައެއް މައިން ބަފައިންނަށް މިފަދަ ކަންކަން ނުވެސް ވިސްނެނީއެވެ. ބާލިޣްވުމުން ދީނުގެ ހައްދުތައް އަރާނެކަން ނުއެނގެނީއެވެ. ވީމާ ހޭލުންތެރިވާށެވެ! ކައިވެނިކޮށްގެން ނޫނީ ދަރިފުޅާއިއެކު ކޮޓަރިއަށް ނުވަދެވޭނެ ކަމަށް ބުނުމުން މިލިއަނަރުގެ ދަރިފުޅު ހިތްހަމަނުޖެހި ދަރިފުޅާއި ވަކިވުމުން ލިބޭނެ ގެއްލުމަށްވުރެ ދެކުދިން ޒިނޭ ކުރުމުން ދެކުދިންނަށް ލިބޭނެ އަޒާބާއި ޒިނޭ ކުރުވުމުން ތިމާއަށް ލިބޭނެ އަޒާބު މާބޮޑުވާނެ ކަމަށް ވިސްނާށެވެ!
އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. މުއްސަނދިކުއްޖަކާއި ގުޅުމުން ހުރިހާ ފުރުޞަތުތަކެއް ދީގެން އުޅެނިކޮށް ދަރިފުޅު ދޫކޮށްލާފައި ހިނގައިދާނެއެވެ. ފަހުން އެއަށްވުރެ ފަޤީރު ކުއްޖަކާއި ގުޅިދާނެއެވެ. އެދުވަހު ހުރިހާ ކަމެއް މަނާކުރަން އުޅެފާނެއެވެ! ނިކަން ބުނެބަލާށެވެ! އެދުވަހު ދަރިފުޅު މައިން ބަފައިންގެ ބަސް އަޑުއަހާނީ ކިހިނަކުން ހެއްޔެވެ؟ އަޑު އެހޭނެ ހެއްޔެވެ؟ ވީމާ ޙަރާމް، އަބަދުވެސް ޙަރާމް ކަމަށް ބަލައިގަންނަން ޖެހޭނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން