މީސްތަކުންގެ ބަދު ދުޢާ ރައްދުވެ ބޮޑެތި ދެރަތައް ލިބޭ އެންމެ ބޮޑު ސަބަބު-!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މީސްތަކުންގެ ބަދު ދުޢާ ރައްދުވެ ބޮޑެތި ދެރަތައް ލިބޭ އެންމެ ބޮޑު ސަބަބު-!: މުފްތީ މެންކް

ގިނަ ބައަކަށް އެކަން ނުވިސްނުނު ނަމަވެސް ނުވަތަ ޤަބޫލުނުކުރެވުނަސް މީސްތަކުންގެ ބަދުދުޢާ ލިބޭ މީހަކަށް ޙަޤީޤީ ކުރިއެރުމެއް ލިބުން އޮންނާނީ ވަރަށް ދުރުގައެވެ. ގިނަ ބައެއްގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ކުރާ މަސައްކަތުގައި ކުރިއަށް ނުދެވުމެވެ. ދިރިއުޅުން ކުރިނޭރުމެވެ. އެޙާލަތުގައިވެސް ފުރަތަމަކަމަކަށް ތިމާއަށް އެހެން މީހުންނާއިމެދު ކަންކަންކުރެވޭ ގޮތާއި މީހުންގެ ޒާތީ ކަންކަމާއި ބެހެވޭ މިންވަރަށް ވިސްނާލަންވާނެއެވެ.  

މީސްމީހުންގެ އަމިއްލަ ޒާތީ ކަންކަމަށް ބެހި ފުރައްސާރަކުރުމާއި އެމީހުންނަށް ނުބައި ބަސްބުނުން ފަދަ ކަންކަމަކީ ކަނޑައެޅިގެން ޣީބަ ބުނުމެވެ. އެއީ ކަނޑައެލިގެން ޙަރާމްކުރައްވަވާފައިވާ ކަމެކެވެ. އެވަރަކުންވެސް އަދި ނިމެނީއެއް ނޫނެވެ. ޤިޔާމަތް ދުވަހު އޭނާއަށް ބަދަލުދޭންވެސް އެބަ ޖެހެއެވެ.

އެހެން މީހުންނާ ފޮށި މަލާމާތްކޮށް ފުރައްސާރަކުރާ މީހަކަށް އަރާމުގައި ނިދައިވެސް ނުލެވޭނެއެވެ. އެއްކަމަކަށް އަބަދުވެސް ވިސްނޭނީ ކޮންމެވެސް މީހަކާއި ބެހިގަންނާނެ ގޮތަކާއިމެދުގައެވެ. ދެވަނަ ކަމަކަށް އެފަދަ މީހުން ތިބެން ޖެހޭނީ އެހެން މީހުން އެމީހަކަށް ކިޔާނެ އެއްޗަކަށް ބިރުން ޖެހިލުންވެފައެވެ.  

ވިސްނާލަން ޖެހޭ ކަމަކީ އެހެން މީހުންނާއިބެހި ފޮށި ފުރައްސާރަކުރުމުން ތިމާއަށް ލިބެނީ ކޮން ފައިދާއެއް ކަމާއިމެދުގައެވެ. ޙަޤީޤަތުގައި އެމީހަކަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތެވެ. ފައިދާއެއް ނުލިބޭތަނުގައި އެފަދަ މީހުންނަށް ގިނަ ބައެއްގެ ލަޢްނަތް ދާނީ ލިބެމުންނެވެ. އަދި އެމީހަކު ކުރާ އެފަދަ ޢަމަލުތަކަށް ﷲ ތަޢާލާ ޖަޒާވެސް ދެއްވަވާނެތެވެ.

މީސްތަކުންނޭވެ! މިފަދަ ޢަމަލުތައް ނުކުރާށެވެ! ޚާއްޞަކޮށް މީސްމީހުންގެ ޒާތީ ކަންކަމާއިބެހި އެމީހުން ފަޟީޙަތްނުކުރާށެވެ! ކޮންމެ މީހެއްގެވެސް އެތައްބައިވަރު އެކުވެރިންނާއި ރަޙްމަތްތެރިން ތިބޭނެއެވެ. އެމީހަކަށް ތާއީދުކުރާ އެތައް ބައަކު ތިބޭނެއެވެ.  

އެންމެ މީހަކާއިމެދު އެފަދަ އަމަލެއް ކުރިނަމަވެސް އެތައް އެއެންމެން ތިބާއަށް ނަފްރަތުކުރާނެއެވެ. ޙަސަދަވެރިވާނެއެވެ. ބަދުދުޢާވެސް ކުރާނެއެވެ! އެތަނުން އެންމެ ބަދުދުޢާ ތިބާއަށް ރައްދުވި ނަމަވެސް ތިބާއަށް ލިބޭނީ ކޮން ފަދަ ބޮޑު ދެރައެއްކަމާއިމެދު ނިކަން ވިސްނައިލަބަލާށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން