ރާއްޖޭގައި އަރަބި ބަސް އުގަންނައިދޭ މަޢުހަދެއް ގާއިމުކުރުމަށް، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދު އެޤައުމުގެ ކަމާބެހޭ އިދާރާތަކަށް އަންގަވައިފިއެވެ. މިއީ ޢަރަބި ބަސް މުޅި ދުނިޔެއަށް ފުޅާކުރުމަށް ސަޢޫދީ އަރަބިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދަވާ ޚާއްސަ މަސައްކަތުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ.
މި މަޝްރޫޢު ތަންފީޒުކުރުމުގެ މަސައްކަތް ވަނީ ސަޢޫދީ އަރަބިއްޔާގެ އެންމެ ބޮޑު ޔުނިވަރސިޓީ ކަމުގައިވާ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީއާ ހަވާލުކުރައްވާފައެވެ. އަދި މި މަޢުހަދުގެ ޑިރެކްޓަރެއްގެ ގޮތުގައި ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާ ވަނީ އައްޔަނުކުރައްވާފައެވެ.
"މި މަޢުހަދަކީ ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމާއެކު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް، މެދުމިނުގެ އިންސާނީ އަދި ސަގާފީ އަހުލާގު ފެތުރުމަށް އެހީތެރިވެދީ އަދި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ ފުރުސަތެއް،" މިހެން ވިދާޅުވީ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީގެ ރައީސް ޑރ. އަޙްމަދު ބިން ސާލިމް އަލްއަމީރީއެވެ.
މި މަޢުހަދު ގާއިމުކޮށް ކިޔަވައިދޭން ފެށުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީއާ ގުޅިގެންނެވެ. މި މަޢުހަދު ގާއިމުކުރުމުން ދިވެހިންނަށް އަރަބި ބަސް އުގެނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.