ދެ ޤައުމުގެ ކުރިއެރުމާއި ފާގަތިކަމަށް ރާއްޖެއާ ސްރީލަންކާގެ ގުޅުން އިތުރަށް ބަދަހިކުރާނަން: ލަންކާގެ ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދެ ޤައުމުގެ ކުރިއެރުމާއި ފާގަތިކަމަށް ރާއްޖެއާ ސްރީލަންކާގެ ގުޅުން އިތުރަށް ބަދަހިކުރާނަން: ލަންކާގެ ރައީސް

ދިވެހިރާއްޖެއާއި ސްރީލަންކާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ކުރިއެރުމާއި ފާގަތިކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވިދާޅުވެއްޖެއެވެ.

މިކަން ރައީސް ދިސާނަޔަކަ ފާހަގަކުރެއްވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއްގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ސްރީލަންކާގެ ރައީސް ވަނީ އެޤައުމަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއި، އެމަނިކުފާނަށް ލަންކާގެ ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރައްވައި ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި ރާއްޖޭގެ ޚާރިޖީ ވަޒީރަށް ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ފަރާތުން ލަންކާގެ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އެތައް ޒަމާނެއް ވަންދެން ވަރަށް ގާތް ގުޅުމެއް އޮތް ދެ ޤައުމެވެ. ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތަކާއި، ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ ގުޅުންތައް ވަރަށް ބަދަހިކޮށް ޤާއިމުވެފައިވެއެވެ.

މިއަދު އޮންލައިން