މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އެ ބޭންކުގެ ކުޑަކުދިންނަށް ހާއްސަ "ބިންގާ އެކައުންޓް" ކަސްޓަމަރުންނަށް ޙާއްސަކޮށްގެން މާހެފުމެއް ބޭއްވުމަށް ނިންމައިފިއެވެ.
މި މާހެފުން އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު މާލޭ އެކުވެނި ސަރަހައްދުގައި ދެ ދަންފަޅިއަކަށެވެ. އެއީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. އެމްއައިބީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މާހެފުމުގައި ބިންގާ ކަސްޓަމަރުންގެ އިތުރުން އެހެން ކުޑަކުދިންނަށްވެސް ބައިވެރިވެވޭނެއެވެ.
މި މާހެފުމުގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ "އާސްކް ޑރ ޒެކް" އިވެންޓެވެ. މި އިވެންޓުގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ކުޑަކުދިންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދެއްވާނެއެވެ. މީގެ އިތުރުންވެސް ކުޑަކުދިންނަށް ހާއްސަ އެހެނިހެން ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ބޭންކުން މަޢުލޫމާތު ދެއެވެ.
ބިންގާ އެކައުންޓަކީ އެމްއައިބީން ކުޑަކުދިންގެ ފައިސާ ފަހަށް ރައްކާކުރުމަށް ތަޢާރަފުކޮށްފައިވާ އިޖާދީ އެކައުންޓެކެވެ. މި އެކައުންޓުގެ ދަށުން ކޮންމެ ކުއްޖަކަށްވެސް ތިން ބާވަތެއްގެ އެކައުންޓު ލިބެއެވެ. އެއީ ބިންގާ ޓްރާންސެކްޝަން އެކައުންޓާއި، ބިންގާ ސޭވިންގ އެކައުންޓާއި، އަދި ބިންގާ އިންވެސްޓް އެކައުންޓެވެ.
މި މާހެފުމަކީ ކުޑަކުދިންގެ މެދުގައި ފައިސާ ފަހަށް ރައްކާކުރުމުގެ އާދަ އަށަގެންނެވުމަށާއި، އިސްލާމީ ބޭންކިންގ އާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.